ލަންޑަން (ސެޕްޓެމްބަރު 15) : ތާލިބާނުންގެ އިސް ދެ ބޭފުޅެއް ކަމަށްވާ ބޮޑުވަޒީރުގެ ނައިބު މުއްލާ އަބްދުލްޣަނީ ބަރަދާރު އާއި ތާލިބާނުން އެކުލަވާލި ސަރުކާރުގެ ރެފިއުޖީންނާ ބެހޭ ވަޒީރު ޚަލީލުއްރަހްމާން ހައްގާނީއާ ދެމެދު ހިނގި ދެބަސްވުންތަކާ ކުރެވުނު ޒުވާބުތަކަށްފަހު ބަރަދާރު މަސްރަހުން ގެއްލިފައިވާކަމަށް ލަންޑަންގައި ނުކުންނަ މަޝްހޫރު ނޫހެއްކަމަށްވާ "ދަ ގާޑިއަން" އިން ބުނެފިއެވެ.
"ދަ ގާޑިއަން" ބުނާގޮތުން ބަރަދާރާއި ހައްގާނީ އާދެމެދު މައްސަލަޖެހުނީ ތާލިބާނުން އެކުލަވާލި އަފްޣާން ވަގުތީ ސަރުކާރުގެ އޮނިގަނޑަށް ބޭފުޅުން ހަމަޖެއްސި ގޮތާމެދުގައެވެ. ބަރަދާރަކީ ތާލިބާނުންގެ މުއައްސިސުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާއަކީ ތާލިބާނުންގެ ސިޔާސީ އޮފީހުގެ އެންމެ އިސްވެރިޔާއެވެ.
ތާލިބާނުން އެކުލަވާލި ސަރުކާރުގެ ބޮޑުވަޒީރަކަށްވެސް ވާނީ ބަރަދާރު ކަަމަށް ކުރިން ބެލެވުނެވެ. ނަމަވެސް އޭނާގެ ބަދަލުގައި ބޮޑުވަޒީރަކަށް ހަމަޖެއްސީ ތާލިބާނުންގެ ޝޫރާ މަޖިލީގެ ވެރިޔާ މުއްލާ މުޙައްމަދު ޙަސަން އަޚުންދްއެވެ. ބަރަދާރު ހަމަޖެއްސީ ބޮޑުވަޒީރުގެ ނައިބަކަށެވެ. މިއީވެސް ތާލިބާނުންގެ މެދުގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން ވީކަމެއްކަމަށް ޚަަބަރުތައް ބުނެއެވެ.
ރެފިއުޖީންނާ ބެހޭ ވަޒީރު ޚަލީލުއްރަހްމާން ހައްގާނީ އަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެކެެވެ. ތާލިބާނުންނާ ގުޅިފައިވާ ބާރުގަދަ އަސްކަރީ ޖަމާއަތެއްކަމަށްވާ ހައްގާނީ ނެޓްވާކުގެ އިސް ބޭފުޅެއް ކަމަށްވާ ޚަލީލުއްރަހްމާން ހައްގާނީއަކީ ނެޓްވާކުގެ އަސްކަރީ ކޮމާންޑަރު ސިރާޖުއްދީން ހައްގާނީގެ އާއިލީ އަދި އަރިސް ބޭފުޅެއްވެސް މެއެވެ. ސިރާޖުއްދީން ހައްގާނީ އަކީ ތާލިބާނުން އިއުލާންކުރި ކެބިނެޓްގެ ދާޚިލީ ވަޒީރެވެ. ބަރަދާރަކީ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ ޑިޕްލޮމެޓިކް ވިސްނުމުގެ ބޭފުޅެކެވެ.
ބަރަދާރާއި ހައްގާނީއާ ދެމެދު ޒުވާބު ހިނގީ އެމެރިކާ ސިފައިންގެ އަތްދަށުން އަފްޣާނިސްތާން މިނިވަން ކުރުމާއި ތާލިބާނުންނަށް އަފްޣާނިސްތާނުގެ ވެރިކަން ހޯދުމުގައި އެޖަމާއަތަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީގައި އެންމެ އިސް ދައުރުތައް އަދާކުރި ފަރާތްތަކާ ބެހޭގޮތުންކަމަށް ވެއެވެ. ބަރަދާރަކީ އެމެރިކާއާއެކު ތާލިބާނުން ދެއްކި ސުލްހައިގެ ވާހަކަތަކާ އޭގެ ނަތީޖާއެއްގެ ގޮތުން އަފްޣާނިސްތާނުން ފޭބުމަށް ތާލިބާނުންނާއެކު އެމެރިކާ ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގައި އެންމެ އިސްކޮށް ޑިޕްލޮމެޓިކް ގޮތުން ހަރަކާތްތެރިވި މަސްއޫލުވެރިއާއެވެ.
ތާލިބާނުންނަށް މިހުރިހާ ކާމިޔާބީއެއް ލިބުމުގައި ބަރަދާރުގެ ދައުރު ބޮޑުކަމަށް އޭނާ ދެކެވަޑައިގަންނަވާއިރު، މިކާމިޔާބީގެ ފަހަތުގައިވަނީ ޑިޕްލޮމެޓިކް މަސައްކަތްތަކަށްވުރެ ބޮޑަށް ހަނގުރާމައިގެ މައިދާނުގައި ތާލިބާނުންގެ ހަނގުރާމަވެރިންނާ އަދި ކޮމާންޑަރުން ކުރި މަސައްކަތްތަކާއި އެމީހުންގެ ދައުރުކަމަށް ޚަލީލުއްރަހްމާން ހައްގާނީ ދެކެވަޑައިގަންނަވައެވެ.
މިދެބޭފުޅުންގެވެސް ގިނައަދަދެއްގެ ސަޕޯޓަރުން ތިއްބެވިއިރު މިއަރާރުން ގަނޑުގައި ތާލިބާނުންގެ އިސްވެރިންގެ ގިނަ ބަޔަކު ޝާމިލްވާކަމަށާ އަރާރުންތަކަށްފަހު ބަރަދާރު މަސްރަހުން އެއްކޮށް ގެއްލި ވީނުވީއެއް ނޭންގޭތާ ދެތިން ދުވަސްވެއްޖެ ކަމަށް "ދަ ގާޑިއަން" ބުނެއެވެ. މި ދެބޭފުޅުންގެ މެދުގައި ހިނގި ޒުވާބުތަކުގައި ވަރަށް ހަރުކަށި ބަސްތައްވެސް ބޭނުންކުރިކަމަށް ވެއެވެ.
އެމެރިކާ ސިފައިންނަށް އަފްޣާނިސްތާނުގައި ކުރިމަތިވި އަސްކަރީ ނާކާމިޔާބީގައި ހައްގާނީ ނެޓްވާކުގެ ދައުރުބޮޑުކަމަށް ހުޅަނގުގެ ރިޕޯޓްތައްވެސް އެއްބަސްވެއެވެ. ހައްގާނީ ނެޓްވާކުގެ ހަނގުރާމަވެރިންނަކީ ތާލިބާނުންގެ އެލީޓް ފޯސްގެ ބައެކެވެ. އެމެރިކާއިން ހައްގާނީ ނެޓްވާކު ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. އެމެރިކާ ސިފައިން ނާކާމިޔާބީއާއި ނިކަމެތިކަމާއެކު އަފްޣާނިސްތާނުން ފައިބަންދެންވެސް ހައްގާނީ ނެޓްވާކުން ގެންދިޔައީ އެމެރިކާ ސިފައިންނަށާ އަދި އެމެރިކާ އަފްޣާނިސްތާނުގައި އުފައްދާފައިވާ ގޮނޑިކޮއްކޮ ސަރުކާރަށް ހަމަލާތައް ދެމުންނެވެ.
ބަރަދާރާއި ހައްގާނީގެ ދެބަސްވުންތަކަށްފަހު ބަރާދަރު ކާބުލްގެ މަސްރަހުން ގެއްލިފައިވާއިރު އޭނާ މިވަގުތު ހުންނެވީ ކަންދަހާރުގައި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ކަށަވަރުނޫން އަނެއްބައި ރިޕޯޓްތައް ބުނާގޮތުން އެދެބަސްވުންތަކަށްފަހު ހައްގާނީ ނެޓްވާކުންވަނީ ބަރަދާރު އަވަހާރަކޮށްލާފައެވެ. ނަމަވެސް ތާލިބާނުންގެ މަސްއޫލުވެރިއަކު ވަނީ ބަރަދާރު އަވަހާރަކޮށްލި ކަމަށް ބުނާ ޚަބަރުތައް ދޮގުކޮށްފައެވެ.
އަނެއްކޮޅުން ތާލިބާނުންގެ އެންމެ އިސްވެރިޔާ ނުވަތަ ރޫޙީ ލީޑަރު އަދި އަފްޣާނިސްތާނުގެ މިހާރުގެ ވަގުތީ ރައީސް ހިބަތުﷲ އަޚުންޒާދާގެ ކަބަރެއްވެސް ނުވެއެވެ. އޭނާވެސް ހުންނެވީ ކަންދަހާރުގައި ކަމަށް ތާލިބާނުންނާ ހަވާލާދީ "ދަ ގާޑިއަން" ބުނެއެވެ.
ތާލިބާނުންގެ އިސްވެރިންގެ މެދުގައި އުފެދުނު ދެބަސްވުންތަކަށްފަހު ބަރާދަރަށް ވީގޮތެއް ނޭންގޭއިރު އޭނާ ދުނިޔޭގައި ހުރިކަމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. 2013 ވަނައަހަރު ތާލިބާނުންގެ ބާނީ އަދި އެޖަމާއަތުގެ ރޫހީ ޒައީމް މުއްލާ މުހައްމަދު އުމަރު މަރުވުމުންވެސް އެންމެ ފުރަތަމަ އެކަމަށް އިއުތިރާފްވުމަށް ތާލިބާނުންވަނީ ދެކޮޅު ހަދާފައެވެ. މުއްލާ އުމަރު މަރުވިކަމަށް ތާލިބާނުން އެއްބަސްވީ 2015 ވަނައަހަރުއެވެ.