ރާއްޖޭގައި އުމުރުން އަށް އަހަރުގެ ކުދިން ވެސް މަސްތުގެ ވަބާގައި ޖެހިފައި

26 ނޮވެމްބަރ 2020: ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށާއި އުމުރުން އަށް އަހަރުގެ ކުދިން ވެސް މި ވަބާގައި ޖެހެމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތް މިނިސްޓްރީން ވަނީ ރާއްޖޭގެ މަސްތުވާތަކެތީގެ މިހާރުގެ ހާލަތުގެ ހުލާސާއެއް ދީފައެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރު ފުރާތައް ފާއިތުވީ އަހަރުތަކުގެ ތެރޭގައި ވަަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން 2014ގައި އުމުރުން 22 އަހަރާއި 37 އަހަރާއި ދެމެދުގެ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ރެކޯޑުކުރެވިފައިވީ ނަމަވެސް މިހާރު އުމުރުން 17 އަހަރުން ފެށިގެން 68 އަހަރާ ދެމެދުގެ މީހުން މިކަމުގައި އުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންގެ ނިސްބަތް އިތުރުވަމުން އަންނަ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"ދިވެހިރާއްޖޭގަ ކުޑަކުދިން މަސްތުވާތަކެތީގެ ވަބާގަ ޖެހޭކަން އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ ވަރަށް ބޮޑު ބައި. ވަރަށް ބޮޑު އަދަދެއްގެ ކުޑަކުދިން ބޭނުންކުރާ ކަން. އެންމެ ގިނައިން ފާހަގަކުރެވެނީ އުމުރުން 15 އަހަރާއި 17 އަހަރާ ދޭތެރޭގެ ކުދިން. އެކަމަކު ހަމަ އަށް އަހަރުގެ ކުދިން ވެސް މަސްތުވާތަކެތީގެ ވަބާގަ ޖެހޭ ކަން ފާހަގަކޮށްލެވޭ،" ސަފިއްޔާ ވިދާޅުވިއެވެ.

ސަފިއްޔާ ވިދާޅުވީ މަސްތުވާތަކެތި ވިއްކުމުގެ މަސައްކަތުގައި ވެސް ކުޑަކުދިންނާއި ބިދޭސީން ބޭނުންކުރަމުން އަންނަ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ރިޕޯޓުން ދައްކާ ގޮތުން ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ނުކުރާ އަތޮޅެއް ނެތެވެ. އަދި ރާއްޖޭގައި ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ބޭނުން ކުރަމުން އަންނައިރު، ބައެއް ބާވަތްތައް ޕޯސްޓުން އެތެރެކުރަމުން އަންނަ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް