އެންޑީއޭ މައްސަލަ: ނަސީމް ވިދާޅުވީ ކަންކުރަންވީ ގޮތް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށް

މަޖިލިސް ޖަލްސާއެއްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ރަނގަޅުކުރަން ކަންކުރަން ވީ ގޮތް ރަނގަޅަށް އެނގިވަޑައިނުގަންވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އަމިއްލަ އެދިވަޑައިގަތުމަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން، މިނިސްޓަރު ނަސީމް ވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ ރީސްޓްރަކްޗާ ކުރުމާ ގުޅޭ މައުލޫމާތު މަޖިލީހަށް ދެއްވާފައެވެ.

އޭގެ ފަހުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ގެނައުމުގެ ވިސްނުން ގެންގުޅުއްވާތޯ ހުޅުހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިކަން ކުރަން ރަނގަޅަށް ނޭނގުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުރިހާ މައިގަނޑު އެއްޗަކީ މިކަން ކުރަންވީ ގޮތް އަޅުގަނޑުމެންނަށް ރަނގަޅަށް ނޭނގުން އިނގޭތޯ. އެކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑަށް ވަޒީފާއެއް ހަވާލުކުރީމާ އެ ވަޒީފާއާ ބެހޭ ހުރިހާ ކަމެއް އަޅުގަނޑު ދަންނަ ކަމަށް ހެދިގެން އުޅޭ ކަމަށް ވަނީ ވިއްޔާ އަޅުގަނޑަކަށް އެއްވެސް ކާމިޔާބެއް ނުކުރެވޭނެ މިކަމުގަ،" ނަސީމް ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދަނީ އެ ދާއިރާގެ ފަންނީ މީހުންގެ ލަފަޔާއެކުގައި ކަމަށާއި ފަންނީ މީހުންގެ ލަފަޔާ ހިލާފަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިދެވެނީ އެންމެ އެކަށީގެންވާ ފަރުވާ ނޫންކަން އަޅުގަނޑު ގަބޫލުކުރަން. އެ ދެވޭ ފަރުވާ އަޅުގަނޑުމެން އެބަޖެހޭ ދިރާސާކުރަން. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މީގެ [މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ] ހާއްސަ ސްޕެޝަލިސްޓުންތަކެއް ނުއެއް އުޅޭ. އެހެންވީމާ މި މީހުން ބޭރުން ރިކްރޫޓް ކުރުމުގެ މަސައްކަތް ކުރަމުން މިގެންދަނީ" ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަ ޑޮކްޓަރުން ވަރަށް އަވަހަށް ރާއްޖެއަށް ގެންނާނެ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ މައްސަލައެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށުން ނެގުމަށްފަހު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

comment ކޮމެންޓް