ތާލިބާނުން އެކަހެރިކޮށްގެން ނުވާނެކަމަށް ގަތަރުން ބުނެފި

ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލުސާނީ

ދައުހާ (ސެޕްޓެމްބަރު 15) : އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމުން އެގައުމު އެކަހެރިކޮށްގެން ނުވާނެކަމަށް ގަލްފުގެ އަރަބި ކުޑަ ގައުމެއްކަމަށްވާ ގަތަރުން ބުނެފިއެވެ.

ގަތަރު ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު އަބްދުއްރަޙްމާން އާލު ސާނީ ވިދާޅުވީ އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމުން ތާލިބާނުންވެސް އަދި އަފްޣާނިސްތާންވެސް އެކަހެރިކޮށްގެންނުވާނެކަމަށާ މިގޮތަށް އަމަލުކޮށްގެން ހައްލުކުރެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެކަމުގައެވެ. އަދި މައްސަލަތައް ހައްލުވުމުގެ ބަދަލުގައި އިތުރަށްވާނީ ގޯސްކަމަށްވެސް ޝައިޚް މުހައްމަދު އަބްދުއްރަޙްމާން ވިދާޅުވިއެވެ.

ދައުހާގައި ސްޕޭންގެ ޚާރިޖީ ވަޒީރު ޚޮސޭ މަނުއެލް އަލްބާރީސް އާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްފަހު ޝައިޚް މުހައްމަދު ވިދާޅުވީ ތާލިބާނުންނާ މުއާމަލާތް ކޮށް އަފްޣާނިސްތާނަކީ ބައިނަލްއަގްވާމީ މުޖްތަމައުގެ ބައެއްކަމުގައި ބަލަންޖެހޭކަމުގައެވެ. އަދި އަފްޣާނިސްތާނުގެ މައްސަލަތައް ހައްލުކުރެވޭނީ ތާލިބާނުން އެކަހެރިނުކޮށް އެޖަމާއަތާ މަޝްވަރާކޮށް އެހީތެރިކަން ފޯރުކޮށްދީގެންކަމަށް ގަތަރުން ދެކޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝައިޚް މުހައްމަދު މިހެން ވިދާޅުވިއިރު ގަތަރުންވެސް ތާލިބާނުންގެ ސަރުކާރަށް އަދި އިއުތިރާފެއް ނުވެއެވެ. ނަމަވެސް ގަތަރު ސަރުކާރުން ގެންދަނީ ތާލިބާނުންނާ ވާހަކަދައްކައި އެޖަމާއަތާ މުއާމަލާތްތައް ކުރަމުންނެވެ. ތާލިބާނުން އެކަހެރިކޮށް އަފްޣާނިސްތާނާ ދެކޮޅަށް ފިޔަވަޅުއަޅަމުން ގެންދަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. ޚާއްސަކޮށް އެމެރިކާއިންނެވެ. އެމެރިކާގެ 20 އަހަރުވީ އިސްތިއުމާރާއި އަޅުވެތިކަމުން އަފްޣާނިސްތާން މިނިވަންކުރީ ތާލިބާން ޖަމާއަތުން އެމެރިކާއާ ހަނގުރާމަކޮށްގެންނެވެ. ތާލިބާނުންގެ ކާމިޔާބީއާއެކު އެމެރިކާ އަފްޣާނިސްތާނުގައި ގާއިމްކުރި ވެރިކަމުގެ ނިޒާމާއި އެމެރިކާ އުފެއްދި އަފްޣާން ސިފައިންގެ ބޮޑު ލަޝްކަރުވަނީ ރޫޅިގެން ގޮސްފައެވެ.

އެމެރިކާ އަފްޣާނިސްތާނުގައި އުފެއްދި ގޮނޑިކޮއްކޮ ސަރުކާރުގެ ރައީސް އަޝްރަފް ޣަނީ ވަނީ ތާލިބާނުންނާ ކުރިމަތިލުމުގައި ނާކާމިޔާބުވުމުން ގައުމު ދޫކުރައްވައި ފިއްލަވާފައެވެ. ނަތީޖާއެއްގެ ގޮތުން އަފްޣާނިސްތާނުގައި އެމެރިކާ ކުރަންޖެހުނު ކަންކަން ކުރުމުގައި އެމެރިކާއަށް ޖެހުނީ ތާލިބާނުންގެ އެހީތެރިކަން ހޯދާށެވެ. ޔޫރަޕަށްވެސް ޖެހުނީ މިގޮތަށް ތާލިބާނުންނާ މުއާމަލާތް ކޮށް އެޖަމާއަތުގެ އެހީތެރިކަން ހޯދާށެވެ.

ނަމަވެސް ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އެމެރިކާއާއި ޔޫރަޕުންވަނީ އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ޚާއްސަކޮށް އެމެރިކާއިންވަނީ އަފްޣާން މަރުކަޒީ ބޭންކުގެ ރިޒާވްގެ ގޮތުގައި ހުރި 7 ބިލިޔަން ޑޮލަރުގެ ބޭނުން ނުކުރެވޭގޮތް ހަދައި އަފްޣާނިސްތާނުގައި ތާލިބާނުން އުފައްދާފައިވާ ސަރުކާރަށް ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއިން މުއާމަލާތްތައް ނުހިންގޭނެގޮތް ހަދާފައެވެ.

އެމެރިކާއާއި ޔޫރަޕުން މިކަންކުރަނީ އަފްޣާނިސްތާނުގައި އެދެފަރާތުން ހާސިލްކުރަން ބޭނުންވާ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެމެރިކާއާއި ޔޫރަޕުން ސިޔާސީ މަގްސަދުތައް ހާސިލްކުރަނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ބަހަނާއަކަށް ހަދައިގެންނެވެ. ނަމަވެސް އެދެފަރާތުގެ އަމިއްލަ މަސްލަހަތާ ފުށުއަރާނަމަ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަށް އިހުމާލުކޮށްލައެވެ.

އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އަފްޣާން ސަރުކާރަށް ހިންދެމިނުލެވޭވަރު ކުރުމުން މިކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ މިހާރުވެސް ހާލުގައި ޖެހިފައިވާ އަފްޣާން ނިކަމެތި ރައްޔިތުންނަށް ކަމަށް ވަނީ ބެލެވިފައެވެ. ތާލިބާނުންވަނީ އެޖަމާއަތަށް ފިއްތުންތައް ކުރިމަތިކޮށްގެންނާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އެއްވެސް މަގްސަދެއް ހާސިލް ނުވާނެކަން އެމެރިކާއާއި ޔޫރަޕަށް އަންގާފައެވެ.

ތާލިބާނުންގެ ސަރުކާރަށް އިއުތިރާފްވުމަށް އެމެރިކާއާއި ޔޫރަޕުން ކުރިމަތިކުރާ ޝަރުތުތަކަކީ އަފްޣާން ހުރިހާ ރައްޔިތުންގެ ނަސްލުތަކާއި ދީންތަކާއި މަޒުހަބުތައް ޝާމިލްވާ ގޮތަށް ސަރުކާރެއް އެކުލަވާލުމާއި ހުޅަނގުން އަންހެނުންގެ ހައްގުތައް ކަމަށް ދެކޭ ހައްގުތައް އަފްޣާން އަންހެނުންނަށް ދިނުމެވެ. މީގެއިތުރުން އެމެރިކާއާއި ޔޫރަޕުން އިންސާނީ ހައްގުތަކުގެ ގޮތުގައި ގެންގުޅޭ އައިޑޮލޮޖީއަށް ތާލިބާނުން ތަބާވުމަކީވެސް އެޖަމާއަތުގެ ސަރުކާރަށް އިއުތިރާފްވުމަށް އެމެރިކާއާއި ޔޫރަޕުން ކުރިމަތިކުރާ ޝަރުތުތަކެކެވެ.

އެމެރިކާ އަފްޣާނިސްތާނުގައި އުފެއްދި ސަރުކާރުތަކުގައިވެސް އަފްޣާން ހުރިހާ ރައްޔިތުންގެ ނަސްލުތަކާއި ދީންތަކާއި މަޒޒުހަބުތައް ޝާމިލްވެފައެއް ނުވެއެވެ. އަދި އެމެރިކާ އަފްޣާނިސްތާނުގައި އުފެއްދި ސިފައިންގެ ލަޝްކަރުގައިވެސް ޝާމިލްކޮށްފައިވަނީ އެގައުމުގެ ޕޮޝްތޫ ދަރިކޮޅުގެ މީހުންނެވެ. އެލަޝްކަރުތައް ރޫޅިގެން ދިޔަ އެއްސަބަބަކީވެސް އެއީކަމަށް ތަޖްރިބަކާރުން ދެކެއެވެ.

އެމެރިކާ ގެންދަނީ އެގައުމު ބޭނުންވާ ކަންކަމުގައި ތާލިބާނުންނާ މުއާމަލާތްކޮށް އެޖަމާއަތާ ވާހަކަ ދައްކައި އެހީތެރިކަންވެސް ހޯދަމުންނެވެ. ނަމަވެސް ތާލިބާނުންގެ ސަރުކާރަށް އިއުތިރާފްނުވެ އެމެރިކާވަނީ އެސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި އަފްޣާނިސްތާނުން ފޭބިއިރު އެމެރިކާ ވަނީ ކާބުލް އެއާޕޯޓްވެސް މެޝިނަރީއާއި ކޮންޕިއުޓަރ ސިސްޓަމްތައް ހިމެނޭގޮތަށް މުޅިން ކަހަލަ ގޮތަކަށް ހަލާކުކޮށްލައި އެތަން ބޭނުންނުކުރެވޭގޮތް ހަދާފައެވެ. ފަހުން އެތަށް ދުވަހެއްގެ މަސައްކަތުން ކާބުލް އެއާޕޯޓު ޚިދުމަތަށް ގެނައީ ގަތަރާއި ތުރުކީގެ އެހީގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު