ޗެލްސީ އާއި ޔުވެންޓަސްއަށް ފުރަތަމަ މެޗުން ތިން ޕޮއިންޓު

ޗެލްސީގެ ފޯވާޑް ލުކާކޫ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ--- ފޮޓޯ: އިންޑިޕެންޑެންޓް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދިފާއީ ޗެމްޕިއަން ޗެލްސީ ފުރަތަމަ މެޗުގައި ރަޝިޔާގެ ޒެނިޓް ބަލިކުރި އިރު ގްރޫޕް އެޗްގެ ވާދަވެރި ކްލަބު ޔުވެންޓަސްވެސް ފުރަތަމަ މެޗުން ތިން ޕޮއިންޓު ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޗެލްސީ 1-0 ކާމިޔާބުކުރިއިރު މެޗުގެ ހަމައެކަނި ލަނޑު ޖެހީ ރޮމެއޫ ލުކާކޫއެވެ. މެޗުގެ 69 ވަނަ މިނިޓުގައި ލުކާކޫ ބޮލުން މިލަނޑު ޖެހީ އަޒްޕިލިކުއެޓާ ނަގައިދިން ހުރަހަކުންނެވެ.

ޔުވެންޓަސް ރަށުން ބޭރުގައި ސްވީޑެންގެ މަލްމޯ އާއި ބައްދަލުކުރި މެޗުން ޔުވެންޓަސް ކުރި ހޯދީ 3-0 ނަތީޖާއަކުންނެވެ. މެޗުގައި ޔުވެންޓަސްގެ ތިން ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

މެޗުގެ 23 ވަނަ މިނިޓުގައި ޔުވޭއަށް ލީޑު ނަގައިދިނީ ޑިފެންޑަރު އެލެކްސް ސަންޑްރޯއެވެ. ސަންޑްރޯ މިލަނޑު ޖެހީ ބެންޓަކޫ ނަގައިދިން ހުރަހަކުންނެވެ.

ފުރަތަމަ ހާފުގެ 44 ވަނަ މިނިޓުގައި މަލްމޯގެ ކުޅުންތެރިޔަކު އޭރިއާ ތެރެއިން ކުރި ކުށަކާ ގުޅިގެން ރެފްރީ ވަނީ ޔުވޭއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ ޕައުލޯ ޑިބާލާއެވެ.

ޔުވޭގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާއެވެ.

comment ކޮމެންޓް