އިދިކޮޅުގެ ސިޓީ ޕީޖީއަށް: ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގަވައިދެއްވާ

ފެބްރުއަރީ 12، 2021: އިދިކޮޅުން ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މަނީ ލޯންޑަރިން މައްސަލައިގައި ހުކުމްކުރި ކުރިމިނަލް ކޯޓުގެ ގާޒީންގެ އޯޑިއޯތަކެއް ލީކުވުމާއި ގުޅިގެން އެ މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އިދިކޮޅު ކޯލިޝަނުން ސިޓީއެއް ފޮނުވައިފިއެވެ.

އިދިކޮޅުން ފޮނުވި އެ ސިޓީގައި ބުނީ މީގެ ކުރިން ވެސް ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނުހައްގުންކޮށްފައިވާ ހުކުމެއްކަމަށް އެ ކޯލިޝަނުން ބުނަމުން އައިސްފައިވާކަމަށެވެ.

އަދި ނުފޫޒު ފޯރުވައިފައިވާކަމަށް ދޭހަވާ ފަދަގޮތަކަށް ހުކުމް ކުރި ގާޒީންގެ ބެންޗުގައި ހިމެނޭ ބައެއްް ގާޒީންގެ އޯޑިއޯ ލީކުވުމާއެކު އެކަން އިތުރަށް ސާބިތުވެފައިވާކަމަށް އިދިކޮޅުގެ ސިޓީގައި ބުންޏެވެ.

މީގެ އިތުރުން، ކުރިމިނަލް ކޯޓުން ޔާމީނަށް ކޮށްފައިވާ ހުކުމްގެ ސައްހަކަން ދެނެގަތުމަށްޓަކައި އެ އޯޑިއޯތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދުމަށް ވެސް އިދިކޮޅުން ގޮވާލިއެވެ. އަދި މިނިވަންކަމާއެކު ތަހުގީގެއް ކުރިއަށް ގެންދިއުމަށް ވެސް ޕީޖީގެ އަރިހުން ވަނީ އެދިފައެވެ.

"އަދި މިކަމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ އެމނަިކުފާނުގެ އިސްތިއުނާފުގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެންޖެހޭ ކަމެއް ކަމުގައި މި ކޯލިޝަނުން ދެކޭތީ އެކަން އަވަސްކޮށްދެއްވުމަށް މި ކޯލިޝަނުން ދެންނެވީމެވެ،" އިދިކޮޅުގެ ސިޓީގައި ބުންޏެވެ.

https://sun.mv/156249

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ގާޒީންތަކެއް ދައްކާފައިވާ ވާހަކަތަކެއްގެ ލީކުވެފައިވާ އޯޑިއޯތަކާ ގުޅިގެން އޯޑިއޯ ލީކުވި ތިން ގާޒީންގެ އަޑުގެ ސާމްޕަލް ފުލުހުން ވަނީ މިދިޔަ މަހުގެ 31ވަނަ ދުވަހު ނަގާފައެވެ.

މި އޯޑިއޯތަކުގެ މައްސަލައިގައި އޯޑިއޯ ލީކުވި ތިން ގާޒީން ވެސް ވަނީ އެ އޯޑިއޯތަކުގައި ވަނީ އެ ބޭފުޅުންގެ އަމިއްލަ އަޑުކަމަށް އިންކާރުކުރައްވާފައެވެ.

ރައީސް ޔާމީނަށް ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ގާޒީއެއްގެ އޯޑިއޯ ވަނީ ލީކުވެފައެވެ.

ހުކުމްކުރެއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ގާޒީންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.

އޯޑިއޯތައް ދައުރުވުމާ ގުޅިގެން ޖޭއެސްސީން ވެސް ވަނީ މި މައްސަލަ ބަލާނެކަމަށް ބުނެފައެވެ.

comment ކޮމެންޓް