ޔަންގް ބޯއީސް އަތުން ރޮނާލްޑޯގެ ޔުނައިޓެޑް ބަލިވެއްޖެ

ޔަންގް ބޯއީސްއާއި މެންޗެސްޓާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑުގެ ޔަންގް ބޯއީސްއިން ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

ސްވިޒަލޭންޑްގެ ސްޓޭޑް ޑެ ސުއިސ ވަންޑޯފް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑް އަތުން ޔަންގް ބޯއީސް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. ފަހަތުން އަރައި ޔަންގް ބޯއީސް މި ހޯދި މޮޅުން ގިނަ ބަޔަކަށް ސިހުން ގެނުވި އިރު އެ ގުރޫޕްގެ ދެވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ އެޓްލަންޓާއާއި އެންމެ ފަހުގެ ޔޫރޮޕާ ލީގު ޗެމްޕިއަން ވިޔަރެއާލްއެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ 12 އަހަރަށްފަހު އެނބުރި ޔުނައިޓެޑަށް އައިސް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ފަށައިގެން 13 ވަނަ މިނަޓުގައި އޭނާ ވަނީ ގޯލު ޖަހައިފައެވެ. ރޮނާލްޑޯގެ ޕޯޗުގަލް ޓީމް މޭޓް ބުރޫނޯ ފަނަންޑޭޒް ނަގައިދިން ރީތި ހުރަހަކުން މުޅިން ހުސްކޮށް ހުރެ ރޮނާލްޑޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ދެފައިދެގޯޅިންނެވެ.

ރޮނާލްޑޯގެ ގޯލާ އެކު މޮޅަށް ކުޅެމުން ދިޔަ ޔުނައިޓެޑަށް މެޗު އުނދަގޫވެގެން ދިޔައީ 35 ވަނަ މިނަޓުގައި އެ ޓީމުގެ ޑިފެންޑަރު އެރޮން ވަން ބިސާކާއަށް ރެފްރީ ރަތް ކާޑު ދެއްކުމުންނެވެ. އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ބިސާކާއަށް ދެއްކި ރަތްކާޑާ އެކު މުޅި މެޗުގެ އޮއެވަރު ބަދަލުވެ ޔަންގް ބޯއީސްއިން ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފައެވެ.

ނަތީޖާއަކަށްވީ ދެވަނަ ހާފުގައި އެ ޓީމުން ފަހަތުން އަރައި ދެ ގޯލު ޖެހުމެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ނިކޮލަސް އެންގަމެލޫ އާއި ތިއޮސަން ޖޯޑަން ސިއެބަޗޫއެވެ.

comment ކޮމެންޓް