އިންތިޒާރަށް ނިމުން، މޮޅު ކެމެރާއަކާއެކު އައިފޯން 13 ތައާރަފްކޮށްފި

އައިފޯން13 --

މުޅިން އާ ކެމެރާ ފީޗާ ތަކަކާއެކު އެޕަލް އިން އެ ކުންފުނީގެ އާ ޕްރޮޑަކްޓް އައިފޯން13 ތައާރަފްކޮށްފިއެވެ.

މި ފޯނު ރަސްމީކޮށް ތައާރަފްކޮށްފައިވަނީ މިރޭ ކުރިއަށް ދިޔަ އެޕަލް އިވެންޓުގައެވެ. މިއީ އެޕަލްގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ވަރުގަދަ ވާނެ އެއް އުފެއްދުމެެވެ.

އައިފޯން13 ކެމެރާގެ ފީޗާތައް --

އެގޮތުން މިރޭ ތައާރަފްކޮށްފައިވަނީ އައިފޯނުގެ ދެ ވައްތަރެކެވެ. އެއީ އައިފޯން13 ގެ ރެގިއުލާ ސައިޒާއި އައިފޯން13 މިނީއެވެ.

ރެގިއުލާ ސައިޒުގެ އައިފޯނަކީ 6.1 އިންޗި ޑިސްޕްލޭގެ ފޯނެކެވެ. ނަމަވެސް މިނީގައި ސްކްރީން ޑިސްޕްލޭ ސައިޒަކީ 5.4 އިންޗިއެވެ. މި ދެ ފޯނުގައި ވެސް ހިމެނެނީ އޯލެޑް ޕެނަލްގެ ސްކްރީނެކެވެ.

ފޯނެއް ނަގާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނަނީ އެ ފޯނެއްގެ މެމޮރީ ސްޓޯރޭޖްގެ އަދަދެވެ. އެގޮތުން އައިފޯން13 ގައި ވެސް އިންޓާނަލް ސްޓޯރޭޖް ކެޕޭސިޓީގެ ތިން އަދަދެއް ހިމެނެއެވެ. އެއީ 128 ޖީބީއާއި، 256ޖީބީ އަދި 512ޖީބީއެެވެ.

އައިފޯން13 --

މީގެ އިތުރުން އައިފޯން13 ގައި ހިމެނޭ އޭ15 ބައޯނިކް ޗިޕާއެކު މި ފޯނުވެގެންދާނީ އެންމެ އަވަސް ފޯނަށްކަމަށް ވެސް މިރޭ އެޕަލް އިން ވަނީ ބުނެފައެވެ.

އަގުތަކަށް ބަލާއިރު އައިފޯން13 ގެ އަގު ފެށެނީ 829އެމެރިކާ ޑޮލަރާ ހަމައިންނެވެ. ނަމަވެސް އައިފޯން13 މިނީއެއްގެ އަގު އުޅެނީ 729 އެމެރިކާ ޑޮލަރުގައެވެ.

އައިފޯން13 އަަށް ޕްރީއޯޑަރުކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯނު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24ވަނަ ދުވަހެވެ.

އައިފޯން13ގެ ކުލަތައް --

މިރޭ ރަސްމީކޮށް ތައާރަފްކުރެވުނު އައިފޯން13 އަކީ އަލަށް އެއްވެސް އިތުރު ފީޗާތަކެއް ހިމަނައިގެން ތައްޔށރުކޮށްފައިވާ ފޯނެއް ނޫނެވެ. ނަމަވެސް މި ފަހަރުގެ ފޯނަކީ ކުރީގެ ފޯނުތަކުގައި ހިމެނޭ ފީޗާތައް އިތުރަށް ފުރިހަމައަށް ތަރައްގީކުރުމަށް ފަހު ބާޒާރަށް ނެރުމަށް ތައާރަފްކުރި ފޯނެކެވެ.

comment ކޮމެންޓް