ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ނައްތާލާނީ ކިހިނެއް؟

ރުޅިވުމަށްފަހު، ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ނައްތާލުމަކީ ގިނަ ފަހަރަށް ނުހަނު އުނދަގޫ ކަމެކެވެ. އެކުގައި ހޭދަކުރި ދުވަސްތަކާއި، ހަނދާންތައް ފޮހެލުމަކީ ވާނޭ ކަމެއް ނޫނެވެ. ނަމަވެސް އެ ހަނދާންތަކުން ލިބޭ ހިތްދަތިކަމަށް ލުޔެއް ހޯދުމަކީ ވާނޭ ކަމެކެވެ. މުހިންމު ކަމަކީ ހަނދާން ނައްތާލުމެއް ނޫނެވެ. ނަމަވެސް އެ ހަނދާންތަކާއެކު ވެސް ތިބާގެ ދިރިއުޅުން އުފާވެރިކަން މަތީ ކުރިއަށް ގެންދިއުމެވެ.

ލޯބިވެރިޔާއާ ކުއްލިއަކަށް ވަކި ވާން ޖެހުމުން ހަޔާތަށް އަންނަ ފަޅުކަމަކީ އެކަނިވެރިކަމެކެވެ. ކުރާ ހިތްވާ އެތަށް ކަމަކާއި ދުރެވެ ވިސްނުމާއި ފިކުރުތަކުގެ ތެރެއަށް ގެއްލި މީހާ ހަލާކުވާ ކަމެކެވެ. ހަށިގަނޑުގައި ފެންނަން ޒަހަމު ނެތަސް ދުވާލަކު އެތަށް މަރަކުން ތިބާގެ ހިތް މަރުވާ ކަމެކެވެ.

މި ހުރިހާ ކަމަކާ ދުރުވުމަށް ކޮންމެ މީހަކު ވެސް ކުރީގެ ލޯބިވެރިޔާގެ މަތިން ހަނދާން ނައްތާލަން ބޭނުން ވެ އެވެ. ނަމަވެސް ގިނަ މީހުންނަށް ނޭނގެނީ އެކަން ކުރަންވީ ގޮތެވެ. ފަށަންވީ ހިސާބެކެވެ.

1. ހަނދާން ނައްތާލުމަށް ނަފްސަށް މަޖުބޫރު ނުކުރުން.

ގިނަ ދުވަސްތަކަށް އެކުގައި އުޅެފައި ކުއްލިއަކަށް ވަކި ވުމުން އަބަދުވެސް ބޭނުންވާނީ ހަމަ އެ ވަގުތުން ވަގުތަށް ވެސް ކުރީގެ ލޯބިވެރިޔާ ހަނދާން ނައްތާލުމަށެވެ. މި ވިސްނުމުގައި ހުރެ ހަޤީޤަތުގައި ނަފްސަށް އެދެވެނީ އަނިޔާއެކެވެ. ގަދަބާރާއި މަޖުބޫރުން އެއްވެސް ކަމެއް ކުރަން އުޅޭނަމަ އެކަމެއް އޮންނާނީ ގިނަ ފަހަރަށް ނުވެފަ އެވެ.

މިގޮތަށް ނަފްސަށް މަޖުބޫރު ކުރުމުގެ ސަބަބުން ވިސްނަން ނުޖެހޭ ވަރަށް ވިސްނޭނެ އެވެ. އެހެން ކަމުން ނަފްސަށް ވަގުތު ދޭށެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ހިނގި ކަންތައްތައް ގަބޫލުކޮށް އަމިއްލަ ނަފްސު ހަމައަކަށް އެޅެންދެން ކެތްތެރިވާށެވެ. ދެރަވެ ހިތާމަ ކުރާއިރު ނަފްސަށް އޮޅުވާލަން މަސައްކަތް ނުކުރާށެވެ. ހަނދާން ނައްތާލުމަކީ އެއްވެސް ހާލަތެއްގައި ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެކަމަށް ވަގުތު ދޭށެވެ. ވަގުތާއި އެކީ ހުރިހާ ކަމެއް ވެސް ހަމައަކަށް އެޅޭނެ އެވެ.

2. ލޯބިވެރިޔާ އުޅޭ ނޫޅޭ ގޮތް ބެލުން ހުއްޓާލުން.

މިއީ ގިނަ ފަހަރަށް ހަނދާން ނައްތާލަން އެންމެ އުނދަގޫވާ އެއް ސަބަބެވެ. މި ޒަމާނުގައި މީހަކު އުޅޭ ނޫޅޭ ގޮތް ބެލުމަކީ އުނދަގޫ ކަމެއް ނޫނެވެ. ފޭސްބުކް، އިންސަގްރާމް އަދި މި ނޫން ވެސް ތަފާތު މަންސަތަކުގެ އެހީގަ އެވެ. ނަމަވެސް ހަނދާން ނައްތާލަން ބޭނުން ނަމަ މިކަން ހުއްޓާލާށެވެ. ލޯބިވެރިޔާ އުޅޭ ނޫޅޭ ގޮތް ބެލުމަށް ވަގު އެކައުންޓްތައް ގެންގުޅޭ މީހުންވެސް ވަކި މަދެއް ނޫނެވެ. އަދިވެސް ލޯބި ވެޔޭ ބުނެ އެކުރެވެނީ މޮޔަ ކަމެކެވެ. އެފަދަ ކަންކަން ކުރުމުގައި ތިބާގެ އަގުހުރި ވަގުތުތަށް ބޭކާރު ކުރުމުގެ ބަދަލުގައި ތިބާއަށް ވެސް ފައިދާހުރި ކޮންމެވެސް މަސައްކަތެއް އެވަގުތު ތަކުގައި ކުރެވޭތޯ ބަލާށެވެ.

3. ތިބާގެ ދިރިއުޅުން ބިނާ ކުރުމަށް ވިސްނުން.

މާޒީގައި އަބަދު ހިފަހައްޓައިގެން އުޅެން ނުވިސްނާށެވެ. ފަސް އެނބުރި ނުބަލާށެވެ. ތިބާއަށްޓަކައި ތައްޔާރަށް އޮތް ތިބާގެ މުސްތަޤްބަލަށް ވާސިލް ވެވޭތޯ މަސައްކަތް ކުރާށެވެ. ތިބާގެ ދިރިއުޅުން އުޖާލާ ކުރެވޭތޯ ބަލާށެވެ. ތިބާ ދޫކޮށް ދިޔަ މީހަކު ދިޔައީ އެވެ. އެމީހުން އަނބުތާ ގެނެވޭތޯ މަސައްކަތް ނުކުރާށެވެ. ތިބާގެ ދިރިއުޅުމާއި ދުރަށް ދާނީ ތިބާގެ މުސްތަޤްބަލުގައި ލިޔެވިފައި ނެތް މީހެކެވެ. އެހެންކަމުން އެމީހަކާ ނުލައި ވެސް ތިބާ ކުރިއަށް ދާށެވެ. ކާމިޔާބީއަށް ވާސިލް ވެވޭނީ އޭރުންނެވެ.

4. ނުރަނގަޅު ވިސްނުންތަކާއި ދުރުވުން.

ލޯބިވެރިޔާ ތިބާ ދޫކޮށް ދިޔުމުން ހިތަށް އަރާނެ އެވެ. އަހަރެންގެ މަދުވީ ކޮން ކަމެއް ހެއްޔެވެ؟ ހުރީ ކޮން އުނި ސިފަ އެއްހެއްޔެވެ؟ މި ފަދަ އެތަށް ސުވާލު ތަކެކެވެ. އަބަދުވެސް ވިސްނޭނީ މި ސުވާލުތަކުގެ ޖަވާބާއި މެދުގަ އެވެ. މިއީ ތިބާގެ ނަފްސު ބަލިކަށި ކުރުވާ ކަމެކެވެ. ނަފްސަށް އޮތް އިތުބާރު ގެއްލުވާލާ ކަމެކެވެ. އެހެން ކަމުން މިފަދަ ބޭކާރު ވިސްނުން ތަކާއި ދުރުވާށެވެ. މިފަދައިން ކަންތައް ކުރުމަށް ތިބާ ކުރާ ހިތްވާ ކަމެއް ކުރަން ފަށާށެވެ. ކުދި ވިޔަފާރިތަށް ފުޅާ ވަމުން އަންނަ މި ދުވަސްވަރު ތިބާއަށް ވެސް އެފަދަ ކަމެއް ފެށިދާނެ އެވެ. އޭރުން ނަފްސަށް އިތުބާރު ކުރަން އަލުން ދަސްވާނެ އެވެ. ދިރިއުޅުމަށް މަޤްސަދެއް އޮންނާނެ އެވެ. ތިބާއަކީ ބޭކާރު މީހެއް ނޫންކަން އެނގޭނެ އެވެ.

5. ލޯބިވެރިޔާ އަށް މާފް ކުރުން.

މިއީ ކުރަން ވަރަށް އުނދަގޫ ވާނޭ ކަމެކެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ނަފްރަތަކީ މީހާ ހަލާކު ކޮށްލާނޭ އެއްޗެކެވެ. މާފް ކުރުމުގެ މާނައަކީ ލޯބިވެރިޔާ އާއި އެކުވެރިކަން ބޭއްވުމެއް ނޫނެވެ. މާފް ކުރަންވީ ތިބާގެ ހިތުގެ އަޑިންނެވެ. އެމީހަކާއި މެދު އޮތް ރުޅިވެރިކަން ހިތުން ފޮހެލާށެވެ. އޭރުން ވެސް ހަނދާން ނައްތާލަން ފަސޭހަ ވާނެއެވެ. އަބަދުވެސް ލޯބިވެރިޔާގެ ފަރާތުން ލިބުނު ހިތްދަތިކަމަށް ލޯބިވެރިޔާ ކުށްވެރިކޮށް ނަފްރަތު ކުރެވޭނަމަ ނޭނގި ނަމަވެސް އެއީ ހަމަ ލޯބިވެރިޔާ މަތިން ހަނދާން ކުރުމެވެ. އެކަމުން ވެސް މާޒީގެ ދުވަސްތަށް ސިކުނޑީގައި ކުރެހޭނެ އެވެ. އެހެންކަމުން މާފް ކުރާށެވެ. މާފް ކުރުމަކީ ރިވެތިވެގެންވާ ސިފައެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު