ތިޔަ ލޯބި އެދިގެން... - 05

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"ތެންކިޔު..." ޝުކުރު އަދާކޮށްފައި އޭނާ ފަހަތަށް އެނބުރިލިވަގުތު، އަރި އަޅައިލުމާއެކު، މަޑު ހަޅޭކެއްގެ އަޑު އޭނާގެ ދެ ތުންފަތް ފޫ އަޅުވާލާފައި ނިކުތެވެ. ލޯ މަރާ ފިއްތާލެވުނު ޔޫލިންއަށް ދެވަނަ ސިކުންތުގައި ލޯ ހުޅުވައިލަން މަޖުބޫރުވީ، މީހަކު އޭނާގެ އުނަގަނޑުގައި ހިފެއްޓި ކަހަލަ އިޙްސާސްއެއް ވުމާއެކުގައެވެ. ލަސްލަހުން އޭނާ އެސްފިޔަތައް ދުރުކޮށްލާ، ލޯ ހުޅުވައިލިއެވެ.

އެ އަތުގެ ހިމާޔަތް އޭނާއަށް ދީގެން ހުރީ އައިހަމް ނޫން ދެވަނަ މީހެއް ނޫނެވެ. އަވަސްވެފައިވީ ހިތުގެ ހިނގުން އިހުނަށްވުރެ ބާރުވެލައިފިއެވެ. ހިންދިރުވައިލެވުމާއެކު، އޭނާގެ މުޅި ހަށިގަނޑުގައި ބުނެދޭން ނޭނގޭ ފިނިކަމެއް ދައުރުކޮށްލިއެވެ. ދެމީހުންގެ ލޯ އަމާޒުވެގެންދިޔަ ވަގުތު، އައިހަމް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު، ޔޫލިންގެ ހަށިގަނޑު ސީދާކޮށްލިއެވެ. ޔޫލިންގެ މޫނު ލަދުން ރަތްވިއިރު، ދެން ތިބި މީހުންގެ ލާނެތް ސަމާސާތަކާ އެ ދެމީހުންނަށް ކުރިމަތިލާން ޖެހުނެވެ. މިންހާ އޭނާގެ ފޯނަށް ބަލައިލިއެވެ. އެކަކަށް ވެސް ނޭނގޭ ގޮތަށް އެ މަންޒަރު ރީތިކޮށް އޭނާގެ ފޯނުގައި ރައްކާކުރިއެވެ.

ޔޫލިން ގޮސް އިށީނީ މިންހާ ކައިރީގައެވެ. އެންމެން ހަމަޖެހިލުމާއެކު، ނަބީލް ޑިންގީ ދުއްވައިލިއެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ޑިންގީ ދިޔައިރު އެމީހުން ހީ ސަކަރާތްޖަހަމުންދިޔައެވެ. އެކަކު އަނެކަކާ ދިމާކުރަމުން ދިޔައެވެ. ގައިގަނޑަކަށް ދިހަވަރަކަށް މިނިޓް ދުއްވާފައި ފަސްގަނޑަށް އާދެވިއްޖެއެވެ. އެ ފަސްގަނޑަކީ މީހުންނަށް ދަތުރު ދެވޭގޮތަށް ފަސް އަޅައިގެން ހަދާފައިވާ ކުޑަކުޑަ ރަށެކެވެ. ތަފާތު ވައްތަރުގެ ގަސްތައް ހެދިފައިވުމުން ވެސް ފެހިކަމަށް ދައްކައެވެ. ސާފު ބިއްލޫރިކޮޅެއްފަދަ މޫދާ، ހުދު ދޮންވެލިގަނޑުގައި ބޮސްދެމުން ނާނާ ކިޔަމުންދިޔަ ރާޅުތަކުން ފެށިގެން އެކުޑަ ރަށުގެ މަލަަމަތިން ވެސް ފެންނަނީ ޤުދުރަތުގެ ފުރިހަމަ މަނާޒިރެކެވެ. ބަލައިލި ކޮންމެ ދިމާލަކުން ކުޅަދުންވަންތަ ކަމުގެ ހެކިތައް ފެންނަމުންދިޔައެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުގައިވެސް ލޮނުގެ ވަސް ހިފާލާފައި ހުރިހެންހީވާއިރު އެ ވައިރޯޅިތައްވެސް ފިންޏެވެ.

ޑިންގީއަށް އެރުވި އެއްޗެހިތައް ބޭލުމަށްފަހު، އެ އެއްޗެހި ހިފައިގެން އެމީހުން ހިނގައިގަތީ ތިބޭނެ ރަނގަޅު ހިސާބެއް ހޯދުމުގެ ބޭނުމުގައެވެ. މިންހާ އޭނާގެ ފައިވާން އަތަށް ނަގައިލިއެވެ. ހިމުން ހުދުދޮންވެލި ގަނޑުގައި ފައިތިލަ ޖެހުމާއެކު އޭނާއަށް އަރާމުވިއެވެ. އޭރުވެސް އޭނާ ހުރީ ބޮލުގައި ތޮފި އަޅައިލައިގެންނެވެ. މެދު އުޑުގައި އިރު ރަސްކަން ކުރަމުންދިޔައިރު، މޫދުގެ ލޮނުގަނޑުންވެސް ހީވަނީ އާވި އަރާހެންނެވެ.

ގަސްތަކެއްގެ މެދަށް ވާގޮތަށް އެއްޗެހިތައް ބެހެއްޓުމަށްފަހު އެތަނުގައ އެމީހުން ގެނައި ޓެންޓް ރޭވުމުގައި ފިރިހެން ވެރިން މަސްއޫލުވިއިއިރު، ތެލި ތަށިތައް ތަރުތީބުކޮށް ކައްކަން ތައްޔާރުކުރަން އަންހެންވެރިން އަވަސްވެގަތެވެ. ފިރިހެންވެރިން ގަސްތުކުރީ ޓެންޓު ހަދާ އަންހެން ވެރިންނަށް ކެއްކޭނޭ ގޮތް ހަދައިދިނުމަށްފަހު މަހެއް ބޭނޭތޯ ދިޔުމަށެވެ. އެ މަސައްކަތް ކޮށް ނިމުމުން ހަތަރު އަންހެންވެރިން ވެގެން ގެނައި ސާމާނުތައް ނަގާ ކައްކަން އަވަސްވެގަތެވެ.

ބަތްހަދަންވެގެން ފިޔާކޮށަށް މިންހާއާއި ޔޫލިން ފެށިއިރު ދެން ހުރި ކަންތައް ކުރީ ނަދާ އާއި ރީމާއެވެ. އެކި އެކި ވާހަކައިގައި ތިބެގެން އެމީހުން މަސައްކަތް ކުރަމުންދިޔައެވެ. ބަތް އެތި ކައްކާ، ފިޔާގަނޑު ރަތްކުރުމަށްފަހު، ބަތް ހަދައިލިއެވެ. އެމީހުން އެކަން ކޮށް ނިމުނުތަނާ އައިހަމްއާއި ރައިހާންއާ ދެމީހުން އަތުވެއްޖެއެވެ.

"ކޮބާ ދެން ތިބި މީހުން؟" ޔޫލިން ސުވާލުކޮށްލިއެވެ.

"އެމީހުން އެބަތިބި އެ ދިމާލުގަ. އަހަރެމެން ދެން މިއައީ...." އައިހަމް ބުނެލިއެވެ.

"ކާއެއްޗެހިވެސް ރެޑީވެއްޖެ ދޯ... ލީން ދޭބަލަ އެމީހުންނަށް ގޮވާލާފަ އަންނަން..." ރައިހާން ބުނެލިއެވެ. ޔޫލިން އާއެކޭ ބުނެ އެ ދިމާލަށް ހިނގައިގަތުމުން، އައިހަމްވެސް ޔޫލިން ފަހަތުން ހިނގައިގަތެވެ.

"އަހަރެން އަންނާނަން ލީންއާއެކީ އެދިމާލަށް ޖެހިލާފަ..." އައިހަމް ކުޑަކޮށް ދުވެލާފައި ގޮސް ޔޫލިންއާ އަރާ ހަމަކޮށްލިއެވެ. ފަހަތުން މީހަކު އަންނަމުންދިޔަ އިޙްސާސްކުރެވުމާއެކު، ޔޫލިން ފަހަތަށް އެނބުރިލިއެވެ. އެއާއެކު އައިހަމް ފެނިގެން އޭނާއަށް ބުމަ އަރުވައިލެވުނެވެ. އައިހަމް އެ އަންނަނީ ކީއްކުރަންހެއްޔެވެ؟ ކުރިން ވީކަންތަކުން އިތުރަށް އޭނާ ލަދުގަންނުވަންހެއްޔެވެ؟ ނޫނީ އަދިވެސް އިތުރަށް އޭނާގެ އިޙްސާސްތަކާ ކުޅެން ހެއްޔެވެ؟

"ހޭ... އަނެއް ދިމާލުގަ އެމީހުންވީ!" އެހެންބުނެލާފައި އައިހަމް ޔޫލިންއަށް ދާނޭ ރާސްތާ ދައްކައިލަދިނެވެ. އެމީހުން އުޅުނީ ވެލިގަނޑުގެ އަނެއް ފަރާތުގައެވެ.

"ލީން!"

"އާނ. ކީކޭ؟" ފިޔަވަޅުތައް އެއްވަރެއްގައި ބަހައްޓައިގެން ހިނގަމުންދިޔަ ޔޫލިން އައިހަމްއަށް ބަލައިލިއެވެ.

"މިހާރު ހާދަ ދުރުވެއްޖެޔޭ!" އައިހަމްއަށް ޔޫލިންގެ ދުރުކަމުން އުނދަގޫ ވަމުންދިޔައެވެ. އެހެން ފަހަރުތަކުގައި ވެސް ޔޫލިން އުޅޭނީ އޭނާއާ އެހާ ގާތްކޮށެވެ. އަބަދު ވާހަކަ ދައްކާނެއެވެ. ސަކަރާތްޖަހާނެއެވެ. އެކަމަކު މިފަހަރު ވަރަށް ތަފާތެވެ. އެއީ ކީއްވެގެންކަން އެނގެން އޭނާ ބޭނުމެވެ. ކުރީ ފަހަރު އައިސް އުޅުނުއިރު ކުއްލިއަކަށް ޔޫލިން އޭނާއާ ދުރުވިކަން ފާހަގަ ވިނަމަވެސް، އޭރު މާ ބޮޑަށް އޭނާ އެކަމަކާ އަޅައެއް ނުލައެވެ. އެހެންނަމަވެސް މިހާރު ކޮންމެހެންވެސް އޭނާ އެ ސަބަބު އެނގެން ބޭނުންވެއެވެ. ޔޫލިންގެ އެ ދުރުކަމުން އޭނާއަށް ނޭނގިނަމަވެސް އުނދަގޫވަމުންދިޔައެވެ.

"ތިބުނީ ކިހިނެއް ދުރުވީ ވާހަކަތަ؟" ޔޫލިން ސުވާލުކޮށްލިއިރު، އޭނާގެ އަޑަށް މަޑުމޮޅި އަސަރުތައް ވެރިނުކުރެވޭތޯ ޔޫލިން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރިއެވެ.

"މިހާރު ހީވަނީ ވާހަކަވެސް ދައްކަނީ ކޮންމެހެން މަޖުބޫރުވެގެންހެން... ލީންއަށް ތިހާ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބެއް ވިސްނާ ވިސްނާވެސް އަހަންނަކަށް ނޭނގުނު..." އައިހަމް ބުނެލިއެވެ. އޭނާ ޔޫލިންއާއެކު ހިނގަމުންދިޔައެވެ.

"ތީ އައިހަމްއަށް ހީވާގޮތޭ... އަހަރެން ބަދަލެއް ނުވޭ!" ޔޫލިން ފިޔަވަޅުތައް ތަންކޮޅެއް ބާރުކޮށްލިއެވެ.

"އެތިބީ އެމީހުން." އެވަގުތު ނާއިފްމެން ލޮލުގައި އަޅައިގަތުމާއެކު އައިހަމް ބުނެލިއެވެ. ދެމީހުން ގޮސް ނާއިފްމެން ކައިރީގައި ކެއުން ތައްޔާރުވެފައިހުރި ވާހަކަ ބުނެލުމާއެކު، އެމީހުންވެސް މަސައްކަތް ހުއްޓާލާފައި އައިހަމްމެންނާއެކު ދާން ހިނގައިގަތެވެ. އެކި އެކި ވާހަކަތަކުގައި ތިބެ އެމީހުން މިންހާމެން ތިބި ތަނާ ހިސާބަށް އައިއިރު، މިންހާ އުޅެނީ ބަތް ތައްޓަށް އެޅުމަށެވެ. އޭރު ޔޫލިންއާއި ރީމާވެސް އެމީހުންނަށް އެހީތެރިވާން އުޅެއެވެ.

ހަވީރު އަތަށް އެޅިއިރު ކުޑަކޮށް އަވި ނިވައިލާ ކޮންމެވެސް ވަރަކަށް ޖެހެމުންދިޔަ ވައިރޯޅިތައް ބާރުވެލިއެވެ. އެމީހުން ގަސްތުކުރީ ކޮންމެވެސް ކުޅިވަރެއް ކުޅުމަށެވެ. ދެޓީމަށް ބައިބަހާ ފައިގަތަޅާ ކުޅެންފެށިއެވެ. އެއްޓީމުގައި ހިމެނެނީ މިންހާއާއި ޔޫލިންއާއި ރީމާއާއި ނަދާއެވެ. ބާކީ ތިބި ހަތަރު ފިރިހެންވެރިން ތިބީ އަނެއް ޓީމުގައެވެ. ފުރަތަމަ އެތެރެއަށް ވަންނަން ޖެހުނީ މިންހާމެންނަށެވެ. ފަހަރަކު މީހަކު ބޭރުވަމުން ގޮސް އެންމެ ފަހަށް ހުރީ ޔޫލިންއެވެ. އެއްފަރާތުގައި ހުރި އައިހަމްގެ ތުންފަތް މަތީގައި ލާނެތް ހިނިތުންވުމެއް ދުވެލީ މީގެ ކުރީގެ ހަނދާނެއް އޭނާއަށް އާވުމާއެކުގައެވެ. ޔޫލިންއަކީ އަބަދުވެސް އެ ކުޅިވަރުގައި އެންމެ މޮޅު ކުއްޖާއެވެ. ޔޫލިން ކަޓުވައިލަން އެމީހުންނަށް ވީ އުނދަގޫކަމަކަށެވެ. އެހެން އުޅެނިކޮށް އައިހަމް އެއްލި ބޯޅައަކުން ޔޫލިންގެ ފައިގައި ޖެހުމާއެކު، ފިރިހެން ޓީމުގެ ހަޅޭކުގެ އަޑުން އެތަން ގުގުމައިލިއެވެ. އެމީހުން އައިހަމްއަށް ތަޢުރީފް ކުރަމުންދިޔައެވެ. ޔޫލިން ބަލައިލީ އައިހަމްއަށެވެ. އޭރު އައިހަމްގެ މޫނުމަތީގައި ދާތިކިތައް ވިދަމުންދިޔައެވެ. ވަރުބަލިކަން ކޮންމެވެސް ވަރަކަށް އެމޫނުމަތިން ފެންނަމުންދިޔަނަމަވެސް، އެ ފިރިހެންވަންތަކަން ފަނޑެއް ނުކޮށްލެވުނެވެ. އިރުގެ އަލިކަން އެ މޫނަށް އެޅިފައިވާއިރުވެސް ހިތްގައިމެވެ.

ޔޫލިންއަށް ހަމަހޭވެރިކަންވީ މިންހާ ގޮވައިލުމާއެކުގައެވެ. ދެން އޮތީ މޫދަށް އެރުމެވެ. އެމީހުން އެފަދަ ސަކަރާތްތަކެއްގައި އުޅެނިކޮށް ފަސްގަޑި ބަޔަށްވުރެ ބޮޑުވެއްޖެއެވެ. އެއާއެކު އެންމެންވެސް އަވަސްވެގަތީ ރަށަށް ދިޔުމަށެވެ. ޑިންގީއަށް ގެނައި އެއްޗެހިތައް އަރުވައިގެން އެމީހުން ނައްޓައިލިއެވެ. ރަށަށް ގޮސް ލެފުމާއެކު، އެންމެން ފައިބަން އަވަސްވެގަތެވެ. މިފަހަރުވެސް ޔޫލިންއަށް އޭނާގެ އަތުގެ އެހީތެރިކަން ދިއްކޮށްލީ އައިހަމްއެވެ. ޔޫލިން އެ އަތުގައި ހިފާ ފޭބިއިރު ހަދައިލެވުނު ގޮތަކުން ގޮސް އައިހަމްގެ މޭގައި ކޮންމެވެސް ވަރަކަށް ޖެހިލިއެވެ. އެއާއެކު އަވަސްއަވަހަށް އޭނާ ދުރުވެލިއެވެ. އެއްޗެހިތައް ހިފައިގެން ނާއިފްމެން އެމީހުންގެ ގެއާ ދިމާލަށް ހިނގައިގަތްއިރު، މިންހާމެންވެސް ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އެންމެ ފުރަތަމަ އެންމެންވެސް ދިޔައީ ޔޫލިންމެން ގެއަށެވެ. އެގެއިން އެމީހުން ގެންދިޔަ އެއްޗެހި ލާފައި މިންހާއާއި އައިހަމްއާ ދެމީހުން މިންހާމެން ގޯއްޗާ ދިމާލަށް ހިނގައިގަތެވެ. މިންހާ ފުރަތަމަވެސް ގޮސްވަނީ ފާޚާނާއަށެވެ.

ފެންވަރާ ތާޒާވެލައިގެން ނިކުމެ އަތްކުރު ހުދުކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖީންސްއެއް ލަމުން މިންހާ ހެއާރ ޑްރަޔާއިން އޭނާގެ އިސްތަށިގަނޑު ހިއްކައިލިއެވެ. އެއަށްފަހު ފުނާއަޅައިލިއެވެ. ރީތިވެގެން ނުކުމެ އޭނާ ބައްޕަ ކޮބައިތޯ ބަލައިލަން ބައްޕަގެ ކޮޓަރީގައި ޓަކި ދީފައި ދޮރު ހުޅުވައިލިއެވެ.

"ދަރިފުޅާ އައީތަ؟" މިންހާ ފެނުމާއެކު، ހަނީފް ސުވާލުކޮށްލިއެވެ.

"ބައްޕަ މިސްކިތަށް ނުދަނީތަ؟" ބޯ ޖަހައިލަމުން މިންހާ އޭނާގެ ސުވާލެއް ހަނީފްއާ އަމާޒުކޮށްލިއެވެ.

"އަނެއްކާ ހުންވައްތަރުވެގެން ތެދުވާހިތްވަރުވެސް ނެތިފަ މިއޮތީ..." ހަނީފް ބަލިއަޑަކުން ޖަވާބުދިނެވެ.

"ބޭސް ކައިފިންތަ؟" މިންހާގެ އަޑުގައި ހާސްކަންވިއެވެ. އޭނާ ކޮޓަރިތެރެއަށް ވަދެލުމަށްފަހު، ހަނީފް ގާތަށް ގޮސް ހަނީފްގެ ނިތުގައި އަތުގެ ނުފުށް ޖައްސައިލީ ހަނީފްގެ އަޑުން ބަލިކަށިކަން އޭނާއަށް އިޙްސާސްކުރެވުނީތީއެވެ.

"ބައްޕާ! ހާދަ ހޫނޭ... ކޮން އިރަކު މިހާ ވަރަށް ހުން ގަދަވީ؟" އަތް ޖައްސައިލި ދެވަނަ ހިނދުކޮޅުގައި އޭނާއަށް އެ އަތް ދުރުކޮށްލަމުން ކުޑަކޮށް ދެލޯ ބޮޑުކޮށްލެވުނެވެ. ބައްޕަ އޮތީ ހުންއައިސް ފިިހިފައެވެ.

"އަސުރު ނަމާދަށް ދިޔައިރުވެސް ހުރީ ހުސްއައިސް. އައިއިރު މީހާގެ ގައިގައި އެއްވެސް ވަރެއް ނެތް!" ހަނީފް ކުޑަކޮށް ތެދުވެލަން މަސައްކަތް ކުރިއެވެ.

"ހިނގާ ސިއްޚީ މަރުކަޒަށް ދާން..." ކަންބޮޑުވުމާ ހާސްކަން މިންހާގެ އަޑުގައިވެއެވެ. އޭނާ ބައްޕައަށްޓަކާ އިންތިހާ ކަންބޮޑުވިއެވެ.

"ނޫނޭ! އިހަށް މިރޭ ބަލައިލާނީ ބޭސް ކައިގެން. ކުރިން ފަހަރުވެސް ބޭސް ކެއިމަ ރަނގަޅުވިއެއްނު." ހަނީފް ސިއްޚީ މަރުކަޒަށް ދާކަށް އެއްބަހެއް ނުވިއެވެ.

"އެކަމަކު ތިހާ ހުންގަދައިރު ނުގޮސް މަޑުކުރާކަށް ވެސް ނުވާނެއޭ ބައްޕާ. އަނެއްކާ މިދުވަސްކޮޅު ނުލާހިކު ގަދައަށް ހުންއަންނަ ވައިރަލް ފީވަރ އެއްވެސް އެބައުޅޭ..." މިންހާ ކިތަންމެ ވަރަކަށް ވާހަކަ ދެއްކިނަމަވެސް ހަނީފް ބޭނުންވީ ގޭގައި މަޑުކުރާށެވެ. ބައްޕަ ލައްވާ ގަދަކަމުން ކަމެއް ނުކުރުވޭނެތީ މިންހާވެސް ބައްޕައަށް ބޭސް ގެނެސްދިނެވެ. އެއަށްފަހު އޭނާ ބައްޕަ ކައިރީގައި އިރުކޮޅަކު މަޑުކޮށްލައިގެން އިނެވެ. ބޭސްކެއުމުން ހަނީފްއަށް ކޮންމެވެސް ވަރަކަށް ލުއި ވިނަމަވެސް، އޭނާއަށް ތެދުވެ އުޅެވޭހާ ވަރެއް ނުވެއެވެ. އެއްޗެއް ކާންބުނުމުން ވެސް ހަނީފް ކާކަށް އެއްބަހެއް ނުވިއެވެ.

"ބައްޕާ! އެއްޗެއް ނުކައިއޮތީމަ އެެއްވެސް ވަރެއް ގައިގަ ނުހުންނާނެއެއްނު. ތެދުވެލާބަ މި ސޫޕް ތަށިބޮައިލަން!" އިޝާ ނަމާދުކޮށްގެން މިންހާ ބައްޕައަށް ދޭނޭ ސޫޕް ތައްޓެއް ތައްޔާރުކޮށްގެން ޖޫސްތައްޓަކާއެކު، އެ އެއްޗެހި ގެނެސްދިނެވެ. އޭނާ ގޮނޑިއެއް އެނދާ ކައިރިކޮށްލާ ގޮނޑިމަތީގައި އެ އެއްޗެހި ބެހެއްޓުމަށްފަހު، ތެދުވަން އޭނާގެ ބައްޕައަށް އެހީތެރިވެދިނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހަނީފް ސޫޕްތަށި ބޮައިލުމަށްފަހު، ޖޫސްތަށީގެ އެއްބައި ބޮައިލިއެވެ. އެނދުގައި އޮށޯވެލުމުން މިންހާ ތަށިތައް ހިފައިގެން ބަދިގެ ބަޔަށް ގޮސް ވަނެވެ. ދޮރުތައް ނުލައްޕާ ހުރުމުން ގޯތިތެރެ ފެނެއެވެ. ރޭގަނޑުގެ ވަގުތަށްވިޔަސް ކުއްޔަށް ދޭ ބަޔާ ދިމާލުގައި ދިއްލާފައިހުރި، އަލިގަދަ ބޮކީގެ ސަބަބުން، އެތަނަށް އަލިވެއެވެ. އޭނާ ދޮރުތައް ލައްޕައިލަން އުޅުނުވަގުތު، އެބައިން އައިހަމް ނުކުތްތަން ލޮލުގައި އަޅައިގަތެވެ. އައިހަމްގެ މިސްރާބުހުރީ ޔޫލިންމެން ގެއާ ދިމާލަށެވެ. އެ މަންޒަރު ބަލަން ހުރުމަށްފަހު، ދޮރުތައް ލައްޕައިލަމުން އޭނާވެސް ގަސްތުކުރީ އެއްޗެއް ކައިލުމަށެވެ. ކާން އިށީނދެލުމަށްފަހު އޭނާ ފޯނުން މިއަދު ނެގި ޔޫލިންއާ އައިހަމްގެ ފޮޓޯގަނޑު ހުޅުވައިލިއެވެ.

*****

އައިހަމް ގޮސް ސަކީނާމެން ގެއަށް ވަތްއިރު ބަދިގޭގައި ސަކީނާ އޭރުވެސް ހަރަކާތްތެރި ވަމުންދިޔައެވެ.

"އަނހާ އައިހަމް! ރައިހާން އެބައުޅޭ ކޮޓަރީގައި..." އައިހަމް ފެނުމާއެކު ސަކީނާ ބުނެލިއެވެ. އައިހަމް ގެއަށް ވަންނަން ހިނގައިގަތް ވަގުތު، ޔޫލިން ލޮލުގައި އަޅައިގަތެވެ. ޔޫލިން ހުރީ ގަދަފެހިކުލައިގެ މެކްސީއެއްގައެވެ. އޭނާގެ ބުޅި އިސްތަށިގަނޑު އޭރުވެސް އޮތީ ތެތްކޮށެވެ. އެހެންކަމުން އިސްތަށިގަނޑުގެ ކުލަ އިހުނަށްވުރެ ގަދަކަމަށް ދައްކައެވެ. ޔޫލިންގެ ގަދަ މުށިކުލައިގެ ދެލޯ އޭނާގެ ލޮލާ އަމާޒުވި ވަގުތު އައިހަމްގެ ހިތުގައި މީހަކު ކޮއްޓައިލިހެން އޭނާއަށް ހީވިއެވެ. އެހިތުގައި ފުރަތަމަ ފަހަރަށް ތަފާތު ވިންދެއް ޖަހައިލިއެވެ. ޔޫލިންގެ ފައިން ފަށައިގެން ބޮލާ ހިސާބަށް ފުން ނަޒަރަކުން އޭނާއަށް ބަލައިލެވުނެވެ. މީގެ ކުރިން ނުވާކަހަލަ ގޮތްތަކެއް ޔޫލިންގެ އެ ރީތިކަމުގެ ސަބަބުން އޭނާއަށް ވަމުންދިޔައެވެ.

"ދޮންބެ އެބައުޅޭ ކޮޓަރީގައި..." އައިހަމް ކަޅި ޖަހާނުލާ އޭނާއަށް ބަލަން ފެށުމުން ޔޫލިން ރަކިވާގޮތްވިއެވެ. އޭނާއަށް މޫނުމައްޗަށް ވެެއްޓިފައިވާ އިސްތަށިކޮޅުތައް ކަންފަށް ދޮށަށް ލައްވައިލެވުނެވެ. ޔޫލިންއަށް ނޭނގުނަސް ޔޫލިންގެ އެ އަދާތަކުން އައިހަމްގެ ހިއްސުތައް ހޭލަމުންދިޔައެވެ. އޭނާއަށް ހިތާހިތުން ޔޫލިންއަށް ތައުރީފްކުރެވެމުން ދިޔައެވެ. އެ ރީތިކަމަށް އޭނާގެ ހިތް ލެނބެމުންދިޔައެވެ. ޔޫލިންއާ މެދު ތަފާތު ނަޒަރަކުން އޭނާއަށް ދެކެވެން ފެށުނެވެ. މީގެ ކުރިންވެސް އޭނާ ޔޫލިންއާ ގަޔާވެއެވެ. އެހެންނަމަވެސް އޭރު އޭނާ ހީކުރީ އެއީ ޔޫލިންގެ ހުންނަ މިޒާޖެއްގެ ސަބަބުން ވާކަމެއް ކަމުގައެވެ. އެކުވެރިކަމުގެ ސަބަބުން ވާކަމެއް ކަމުގައެވެ. އެހެންނަމަވެސް މިރޭ އޭނާއަށް އެ އިޙްސާސްތަކުގެ މާނަވެސް ނެގެމުންދިޔައީ މުޅީން ތަފާތު ގޮތަކަށެވެ. ހީވަނީ އޭނާގެ ހިތް އޭނާއަށް އެއްޗެއް އަންގައިދޭން މަސައްކަތްކުރާ ހެންނެވެ.

އަމިއްލަ ޚިޔާލީ ދުނިޔެއިން ނުކުންނަމުން އައިހަމް ދެފަރާތަށް ބޯ ހޫރާއިލިއެވެ. އޭނާ ގޭތެރެއަށް ވަންނަން ދިޔުމުން ޔޫލިން އެއްފަރާތަކަށް ޖެހިލި ނަމަވެސް އައިހަމްއާ ޔޫލިންގެ އަތް ކޮންމެވެސް ވަރަކަށް ބީހުނެވެ. އެބީހުމުން އެކަނިވެސް ޔޫލިންގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. ކަރަންޓް އޮއިވަރެއް އޭނާގެ މުޅި ހަށިގަނޑުގައި ދައުރުކޮށްލިއެވެ. މީހާގެ ހަށިގަނޑުގައި ބުނެދޭން ނޭނނޭ ފިނިކަމެއް ދައުރުކޮށްލިއެވެ. ތުންފަތުގައި ދަތް އަޅައިލި ޔޫލިންއަށް އޭނާގެ ދެއަތް މުށްކަވައިލެވުނެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ. އައިހަމް ގޮސް ރައިހާންގެ ކޮޓަރީގައި ޓަކި ޖަހާލާފައި ވަތް އަޑަށް ޔޫލިން ފަހަތް ބަލައިލިއެވެ. އޭރުވެސް އޭނާގެ ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. ފޯނަށް މެސެޖެއް އައުމާއެކު އޭނާ ވައިބާ ހުޅުވާލާފައި އެ މެސެޖް ބަލައިލީ މިންހާގެ މެސެޖަކަށް ވީތީއެވެ. ފެނުނު މަންޒަރުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މިންހާ ވަނީ އައިހަމް މިއަދު އޭނާ ހިފައްޓައިގެން ހުއްޓާ ފޮޓޯއެއް ނަގާފައެވެ. އޭނާ މިންހާއަށް މެސެޖެއް ފޮނުވާލިއެވެ. އެހެން ހުއްޓާ އޭނާއަށް ސަކީނާ ގޮވައިލުމާއެކު ޔޫލިން މަންމައަށް އެހީތެރިވާން ދިޔައެވެ.

"ބައްޕަ ކޮންއިރަކުންތަ އަންނަނީ މަންމާ؟" ޔޫލިން އޭނާގެ ބައްޕަ ރަތީބްއާއި ބެހޭގޮތުން ސުވާލުކޮށްލީ މޭޒުމައްޗަށް ތަށިތައް އަރުވަމުންނެވެ. ރަތީބްއަކީ ރަށު ކައުންސިލްގެ ރައީސްކަމުން އޭނާވީ ކަަމަކު ރަށުން ބޭރަށް ގޮހެވެ.

"އަދި ދެ ހަފްތާއެއްހާ ދުވަސް ވާނެކަމަށް ބުނީ..." ސަކީނާ ބުނެލިއެވެ.

"ދޮންބެގެ އިންޓަރވިއުއަށް އަދިވެސް އެމީހުން ނުގުޅާ ދޯ..." ޔޫލިން އަނެއްކާވެސް އިތުރު ސުވާލެއް ކޮށްލިއެވެ. އުމުރުން ހަތާވީސް އަހަރުގެ ރައިހާން ރިސޯޓް ވަޒީފާ ދޫކޮށްލާފައި ރަށަށްއައީ އޭނާ ރަށުގައި ދިރިއުޅެން ބޭނުންވާތީއެވެ. އައިސް އޭނާ ރަށު ކޯޓުގެ އިދާރީ ބަޔަށް ވަޒީފާއަށް ލީނަމަވެސް އަދިވެސް އިންޓަރވިއުއަށް ނުގުޅައެވެ.

"ދޭބަލަ ގޮސް ދޮންބެމެންނަށް ގޮވަން..." ކާން ހަދާ ނިންމާފައި ސަކީނާ އެހެން ބުނެލުމާއެކު، ޔޫލިން ގޮސް އެމީހުންނަށް ގޮވިއެވެ. ކައި ނިމިގެން އައިހަމްވެސް މަޑުކުރާ ޚިޔާލެއް ނުކުރެއެވެ. ވަރުބަލވެފައިހުރީތީ އޭނާވެސް ދިޔައީ ނިދާލުމަށެވެ.

******

ނިދަން ތައްޔާރުވެގެން އައިސް އޮށޯވެލިތަނާ އާހިލް މިންހާއަށް ގުޅައިފިއެވެ. އެއާއެކު މިންހާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ބޭބީ... ދަތުރު ކިހިނެއް؟" އާހިލް ސުވާލުކޮށްލިއެވެ.

"ވަރަށް މަޖާ! އާހިލް މަތިން ވަރަށް ހަނދާންވި، އެގޮތަށް އާހިލްއާއެކީ ދަތުރަކު ދާން ބޭނުންވަނީ." މިންހާ ބުނެލިއެވެ.

"އަދި އިރާދުކުރެއްވިއްޔާ ދެވޭނޭ ލަވް... ކިހިނެއް އެނގެނީ އަހަރެން ނުލާހިކު އަވަހަށް މިންނު ކައިރިއަށް ނުދާނެކަމެއް!" އާހިލް އެހެން ބުނެލުމާއެކު، މިންހާގެ ދެލޯ ވިދައިގަތެވެ. އެކަމަށް އޭނާ އުންމީދު ކުރާވަރު އެކަމުން އެކަނިވެސް ދޭހަވެއެވެ.

"ބުނެބަ އަސްލުވެސް އަންނާނަންތަ؟" މިންހާ ސުވާލުކޮށްލިއެވެ.

"ކީއްވެ ނުދާންވީ؟" އާހިލް ލުއިކޮށް ހީލިއެވެ. ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ. މިންހާ ފޯނު ބާއްވާފައި ބައްޕަގެ ޚަބަރެއް ބަލައިލަން ދިޔައެވެ. ހުން މަޑުވެފައި ހުރީތީ އޭނާ ހިތްހަމަޖެހިފައިވީ ހިތަކައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. މާގިނައިރެއްނުވެ އޭނާއަށް ވެސް ނިދޭގޮތްވީ ހަށިގަނޑަށް ވަރުބަލިކަން އިޙްސާސް ކުރެވެމުންދިޔަލެއް ބޮޑުކަމުންނެވެ. މިއަދު ޖެހުނު ސަކަރާތުގެ އަސަރު ކުރަން ފެށީ އަދިކިރިޔާއެވެ.

*****

ހެނދުނު ހޭލައިގެން މިންހާ ބައްޕަގެ ކޮޓަރީގައި ޓަކި ޖަހާލާފައި އެތެރެއިން ހަބަރެއް ނުވުމުން ދޮރު ހުޅުވައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން އޭނާގެ ފައިދަށުން ބިންގަނޑު ހީވީ ދެމިގެން ދިޔަހެންނެވެ. ބައްޕަ އޮތީ ޓައިލްސްތަކު މަތީގައެވެ. މިންހާ އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ. އެއަށްފަހު، އޭނާ ހަނީފްއަށް ގޮވަން ފެށިއެވެ. ހަނީފް އޮތީ ހުންއައިސް ފިހިފައެވެ. އެއްވެސް ހަބަރެއް ނެތެވެ. އޭރު އަނގައިންވެސް ފޮނުތަކެއް ފާޑު އެއްޗެއް ފައިބާފައި ހުއްޓެވެ. ހާސްކަމާއެކު އޭނާ ފޯނު ނަގަމުން ޒުބައިދާއަށް ގުޅިއެވެ. ތިން ހަތަރު ފަހަރު ގުޅުމުންވެސް ޒުބައިދާ ފޯނެއް ނުނަގައެވެ. މިންހާއަށް ރޮވެން ފެށުނެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން ފޯނުގެ ނަންބަރުތަކަށް ފިތައިލާ އޭނާ އެންބިއުލެންސްއަށް ގުޅައިލިއެވެ. އަދި އަނެއްކާވެސް ޒުބައިދާއަށް ގުޅައިލިއެވެ. ފޯނު ނުނެގުމުން ހަދާނެގޮތް ހުސްވެފައި ހުރެ، އޭނާ ދެން ގުޅީ ޔޫލިންއަށެވެ. ރޮވޭވަރުން އޭނާއަށް ވާހަކަ ދެއްކުން ވީ އުނދަގޫކަމަކަށެވެ.

"އޭތް... މިންނު... ކިހިނެއްވީ؟ ހުއްޓާލާފަ އަހަންނަށް ވީގޮތެއް ކިޔައިދީބަލަ!" މިންހާ ރޯވަރުން ޔޫލިންވެސް ހާސްވިއެވެ.

"ބައްޕަ...." މިންހާއަށް ގިސްލެވެނީއެވެ.

"ބައްޕައަށް ކިހިނެއްވީ؟ މިންނު. ކިހިނެއްވީތަ؟ ބުނެބަލަ!" ޔޫލިން ބުނެލިއެވެ. އޭނާވެސް ހާސްވިއެވެ. އުނދަގުލުން މިންހާ ވީގޮތް ކިޔައިދިޔުމާއެކު، ލަސްނުކޮށް ޔޫލިން އޭނާ މަންމަ ގޮވައިގެން ދަނީކަމުގައި ބުނެލިއެވެ. ސަކީނާއާއި ޔޫލިންއާ އައިސް އެގެއަށް ވަތްއިރުވެސް، މިންހާ ދިޔައީ ހުއްޓާ ނުލާ ބައްޕައަށް ގޮވަމުންނެވެ. ޔޫލިން ގޮސް މިންހާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. ލަސްތަކެއްނުވެ އެންބިއުލާންސް އައުމާއެކު، ހަނީފް ސިއްޚީ މަރުކަރަށް ގެންދެވުނެވެ. ވަގުތުން އެޑްމިޓްކޮށްގެން ހަނީފްއަށް ފަރުވާ ދެވެން ފެށުނެވެ. ޑޮކްޓަރުން ބުނީ ހުންއައިސްގެން ފިޓެއް ޖެހުނީކަމުގައެވެ. މިންހާ ގޮނޑީގައި އިށީނދެގެން އިންއިރުވެސް އޭނާއަށް ރޮވެމުންދިޔައެވެ ޔޫލިންއާ ސަކީނާއާ ދެމީހުން އޭނާއަށް ހިތްވަރުދެމުން ދިޔައެވެ. އިރުކޮޅެއް ނުވެ ރައިހާންއާއި އައިހަމްވެސް އެތަނަށް އަތުވެއްޖެއެވެ. ރައިހާންއަށް އެ ޚަބަރު އެނގުނީ ޔޫލިން ގުޅާފައި ބުނީމައެވެ. މިންހާއަށް ބަލަިއލި ރައިހާން ހުރީ އޭނާގެ އަތުގެ ހިމާޔަތް ކިތަންމެހާވެސް މިންހާއަށް ދޭން ބޭނުންވެފައެވެ. އެހެންނަމަވެސް އޭނާއަށް އެއިން އެއްވެސް ފުރުސަތެއް ނުލިބޭނެކަން އެނގުމުން އެހިތުގައި ރިއްސައިލިއެވެ.

އެދުވަހު ހަތަރު ދަމު ކަހަލަ ގޮތަކަށް އެންމެން ވެސް ތިބީ އެތަނުގައެވެ. ހަނީފްވެސް މިހާރު އޮތީ ހަމައަކަށް އެޅިފައެވެ. އެހެންކަމުން ސަކީނާމެން އެންމެން ފޮނުވާލާފައި، މިންހާ އެރޭ ބައްޕަ ކައިރީގައި މަޑުކުރިއެވެ. ހަނީފްއަށް ނިދުމާއެކު، މިންހާ އާހިލްއަށް ގުޅައިލއިެވެ. އަދި ހުރިހާ ވާހަކައެއް އާހިލްއަށް ކިޔައިދިނެވެ.

"މިންނު ކަންބޮޑުނުވޭ. އަހަރެން އަބަދުވެސް ވާނަން މިންނުއާ އެކީ. ނުރޮއްޗޭ އިނގޭ ދެން!" މިންހާ ހަމައަކަށް އަޅުވަން އާހިލް މަސައްކަތް ކުރިއެވެ. އިރުކޮޅަކު އާހިލްއާ ވާހަކަ ދައްކައިލެވުމުން ވެސް މިންހާގެ ހިތަށް ފިނިކަން ލިބުނެވެ.

"އަހަރެން ނުރޮމޭ..." މިންހާ ބުނެލިއެވެ.

"ބޭނުންވަނީ މާދަމާވެސް މިންނު ކައިރިއަށް ދާން!" އާހިލް ބުނެލިއެވެ.

"އަސްލުވެސް އަންނާނަންތަ؟" މިންހާއަށް ބުނެވުނެވެ.

"ކީއްވެ ނުދާންވީ... މާދަމާވެސް މިންނު ހޭލާއިރު އަހަރެން ހުރެދާނެއެއްނު!" އާހިލް ސަމާސާކޮށްލިއެވެ. މިންހާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ލަވް ޔޫ ބޭބީ... މިގަޑީގައި ދެން އަހަރެންވެސް ނިދާލަން މިއުޅެނީ... ނުވިސްނައްޗޭ! އިރާދުކުރެއްވިއްޔާ މިންނުގެ ބައްޕައަށް ދެރަގޮތެއް ނުވާނެ!" އާހިލް އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ.

ދެ ދުވަސް ވީއިރުވެސް ހަނީފްގެ ހުންގަނޑު އެކީ ފިލައިގެނެއް ނުދެއެވެ. އެހެންކަމުން އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގައި ބާއްވާފައެވެ. ބައެއް ލެބޯޓްރީ ޓެސްޓުތަކުން ހަނީފްގެ ލޭގައި އިންފެކްޝަން ހުރިކަމަށް ދައްކާތީ އެމީހުން ބޭނުންވީ އެޑްމިޓްކޮށްގެން ފަރުވާދޭށެވެ. މިންހާ ބައްޕަ ކައިރީގައި އިނދެފައި ގެއަށް ދިޔައީ، ބައްޕައަށް ދޭން ކާއެއްޗެއް ތައްޔާރުކޮށްލުމުގެ ބޭނުމުގައެވެ. ގެއަށް ގޮސް ވަދެފައި އޭނާ ބަދިގެއަށް ވަދެ ދޮރުތައް ހުޅުވައިލިއެވެ.

"ބައްޕަ ކިހިނެއް؟" އޭނާއަށް ސިހުން ލިބުނީ އައިހަމް އައިސް ކުޑަދޮރު ކައިރިއަށް ހުއްޓި އެ ސުވާލުކޮށްލުމާއެކުގައެވެ.

"މިހާރު ރަނގަޅު..." މިންހާ ބުނެލިއެވެ. އޭނާ އައިހަމްއަށް ބަލައިލިއެވެ. މިންހާ ކައްކަން އުޅުނުއިރު، އައިހަމް އޭނާއާ އެކިއެކި ވާހަކަތައް ދައްކަމުން ދިޔައެވެ. މިންހާ ހުރިހާ ކަމެއްކޮށް ނިންމާލާފައި ދާހިއްލާފަ ހުރުމުން ގަސްތުކުރީ ފެންވަރާލައިގެން ބައްޕަ ކައިރިއަށް ދިޔުމަށެވެ.

އޭނާ ރީތިވެގެން ނުކުމެ ކާއެއްޗެހި ތައްޓަށް އަޅައިގެން ރަށުގެ ސިއްޚީ މަރުކަޒާ ދިމާލަށް ދާން މިސްރާބުޖެހިއެވެ. އޭރު އިރުގެ ހޫނުން ދުނިޔެމަތި ވަނީ ދޮންކޮށްލާފައެވެ. ދުރުދުރުން އަވާމެންދުރުތައްވެސް ފެންނަމުންދިޔައެވެ. ވައިރޯޅިއެއްވެސް ޖެހިނުލާތީ ފަޒާގައި އުދާސްކަމެއް ހިފާލާފައިވެއެވެ. މިންހާ އާދައިގެ ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ރަށުގެ ފުއްޓަރުމަގަށް އެޅިއެވެ. ސިއްޚީ މަރުކަޒު ހުންނަނީ އެމަގުގައެވެ. ދެފަރާތުގައި ހެދިފައިވާ ގަސްތައް ގިނަކަމުން އެމަގަށް އަޅައިލުމުން ހައްޓަށް ކޮންމެވެސް ވަރަކަށް ފިނިވެލީ، މަޑުމަޑު ވައިރޯޅިތައް އައިސް އޭނާގެ ގައިގައި ބީހިލުމުންނެވެ. ގަސްތަކުގެ ހިޔަލުގެ ތެރެއިންލާފައި ގޮސް އޭނާ ރަށުގެ ސިއްޚީ މަރުކަޒުގެ ގޭޓް ހުރަސްކޮށްފައި ގޮސް ވޯޑަށް ވަނެވެ. އޭރު އޭނާގެ ބައްޕަގެ އެނދު ކައިރީގައި ޒުވާނަކު އިށީދެލައިގެން އިނެވެ. އޭނާ އިނީ މިންހާއަށް ފުރަގަސްދީގެންކަމުން އެއީ ކާކުކަމެއް އޭނާއަކަށް ނޭނގުނެވެ. ހަނީފްގެ ނަޒަރު މިންހާއަށް އަމާޒުވުމާއެކު، އެ ޒުވާނާވެސް ފަސްއެނބުރި ބަލައިލައިފިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު