ބައިވެރިޔާ ދޯކާ ދޭކަން އެނގޭނީ ކިހިނެއް؟

ބައިވެރިޔާ މަކަރު ހަދާ އޮޅުވާލާކަން ފަޅާއަރުވާލުމަކީ މި ޒަމާނުގައި ފޯނު ކޯލެއް ނަގާލުންހާ ފަސޭހަކަމެއް----

ލޯބީގެ ގުޅުމެއްގައި ބައިވެރިޔާ ދޯކާ ދޭކަން އެނގޭ ހިސާބު އެއީ އަނެއް ބައިވެރިޔާ ބޮޑު ވޭނެއް ތަހައްމަލުކުރަން ޖެހޭ ހިސާބެވެ. ގައިމުވެސް ދޮގު ހަދާ މަކަރުވެރިއަކާއެކު އެކަކު ވެސް އުޅޭކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ބައެއް މީހުން ބޭނުންވަނީ ބައިވެރިޔާ އޮޅުވާލާ މަކަރު ހެދި ނަމަވެސް އެކަން ފެންނަ ކަމަށް ނުހަދާ އަނދިރީގެ ތެރޭގައި ހުންނަން ކަމަށް ދިރާސާވެރިން ބުނެއެވެ.

ގުޅުމެއް ކުރިއަށް ގެންދެވޭނީ ދެފަރާތުން ވެސް އެއްވަރަށް އެކަމަށް އެއްބާރުލުން ދީގެންނެވެ. ދަ ޕްރެޒިޑެންޓް އޮފް މާޓިން އިންވެސްޓިވް ސާވިސްގެ ޕްރައިވެޓް އިންވެސްޓިގޭޓަރު މާޓިން ބުނާގޮތުގައި ބައިވެރިޔާ އަނެކާ އަށް އޮޅުވާލާ މަކަރު ހަދާކަމުގެ އެންމެ ބޮޑު އަލާމާތަކީ ގިނަ ވަގުތު މަސައްކަތުގައި ހޭދަކޮށް ގިނަ ގިނައިން ބިޒްނަސް ދަތުރު ދިޔުމެވެ.

އާއިލާ އަށް ވަގުތު ނުދީ މީހާގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ ގެއިން އަވަހަށް ނުކުމެ ގެއަށް ލަހުން އައުމަކީ އޭގެ ބޮޑު އަލާމާތެކެވެ. އޭގެ އިތުރުން އާއިލާގައި ބާއްވާ މުހިއްމު އެއްވުންތަކަށް ހާޒިރުނުވެ ވަގު އައިޑީތައް ގެންގުޅުމަކީ ބައިވެރިޔާ ދޯކާ އެއް ދީފާނެ ކަމުގެ ހެކިތަކެއްކަމަށް މާޓިން ދެކެއެވެ. ހަމައެހެންމެ ކުރިން ރީތިވާ މިންވަރަށް ވުރެ މާބޮޑަށް ރީތިވެ ކުއްލިއަކަށް މީހާ ހެދުން އަޅާގޮތް ބަދަލުވުމަކީ ވެސް އަނެކާ އަށް ދޯކާ ދޭނެ ކަމުގެ ހެއްކެކެވެ.

ހަމައެއާއެކު އަބަދު ސިނގުރުޅި އައިސްފައި ހުރުމާ ސަޕްރައިޒް ދިނުމުން ވެސް ހިތްހަމަ ނުޖެހި އަތް އިސްކުރާ ހިސާބަށް ގޮސް ބައިވެރިޔާ އަށް އޮޅުވާލަން މަސައްކަތް ކުރާނެ ކަމަށް އޭނާ ދެކެއެވެ.

މާޓިން ދެކޭ ގޮތުގައި ބައިވެރިޔާ ދޮގު ހަދާ ދޯކާ ދޭކަން ފަޅާ އަރުވާލުމަކީ މި ޒަމާނުގައި ފޯނު ކޯލެއް ނެގުންހާ ފަސޭހަކަމެކެވެ.

comment ކޮމެންޓް