ސާފު ކުރުމުގެ ދުވަސް ރާއްޖޭގައި ފާހަގަކޮށް، މައި ހަރަކާތް މާފުށީގައި ބާއްވަނީ

2019 ވަނަ އަހަރު ސާފު ކުރުމުގެ ދުވަސް ސަން ސިޔާމް އިރުފުށި ރިސޯޓުގައި ފާހަގަ ކުރަނީ -- ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް

ބައިނަލްއަގުވާމީ ސާފު ކުރުމުގެ ދުވަސް އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ފާހަގަކޮށް، މައި ހަރަކާތް ކ. މާފުށީގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ ސާފު ކުރުމުގެ ދުވަސް 2018ގައި ފާހަގަ ކުރަން ފެށީ ބައިނަލްއަގުވާމީ ޖަމިއްޔާ، ލެޓްސް ޑޫ އިޓް ވޯލްޑް އިންނެވެ. އެއީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 18ގައިއެވެ.

ލެޓްސް ޑޫ އިޓް ވޯލްޑްގެ ރާއްޖޭގެ ގޮފިން ބުނީ ރާއްޖޭގެ މައި ހަރަކާތް މާފުށީގައި ބޭއްވުމާ ބެހޭ ގޮތުން އެ ރަށުގެ ކައުންސިލާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ސާފު ކުރުން ފެށޭނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ކަމަށެވެ.

އެ ހަރަކާތް ކުރިއަށް ގެންދިޔުމުގައި ލެޓްސް ޑޫ އިޓް މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކުރާ ފަރާތްތަކުގެ ތެރޭގައި ވެލާނާ އެއާޕޯޓާއި ޕާލޭ މޯލްޑިވްސް ޖަމިއްޔާ އާއި ކާނި ހޮޓެލްސް ހިމެނެއެވެ.

މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހި ސާފު ކުރުމުގެ މަސައްކަތް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00އިން 6:00އަށެވެ.

ރާއްޖޭގެ އެހެން ރަށްތަކުގައިވެސް އެ ދުވަހު ސާފު ކުރުމުގެ މަސައްކަތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ ހިތްވަރުދީފައިއެވެ.

ލެޓްސް ޑޫ އިޓް ވޯލްޑްގެ ސާފު ކުރުމުގެ ދުވަހުގައި ދުނިޔޭގެ 180 ގައުމަކުން 50 މިލިއަނަށް ވުރެ ގިނަ ދަރުމަވެރިން ބައިވެރިވެއެވެ.

comment ކޮމެންޓް