ބަންގްލަދޭޝް ގައުމީ ޓީމުން ނައިޖީރިއާ ފޯވާޑަކަށް ފުރުސަތު ދީފި

ބަޝުންދަރަ ކިންގްސްގެ ފޯވާޑް ކިންގްސްލީ--- ފޮޓޯ: ޑެއިލީ ސްޓާ

ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ބަންގްލަދޭޝްގެ ގައުމީ ޓީމުގައި ނައިޖީރިއާއަށް އުފަން އެލެޓާ ކިންގްސްލީ ހިމަނައިފިއެވެ.

ނައިޖީރިއާގެ އޮގްބޯނާއަށް އުފަން ފޯވާޑު ފުޓުބޯޅަ ކެރިއަރު ފެށީ 2009 ވަނަ އަހަރު ނައިޖީރިއާގެ ކްލަބް އަކްވާއިންނެވެ. ދެއަހަރު އަމިއްލަ ގައުމުގައި ކުޅުމަށްފަހު އޭނާ 2011 ވަނަ އަހަރު ކިންގްސްލީ ބަދަލުވީ ޑާކާގެ އަރަމްބާ ކޭއެސްއަށެވެ.

ބަންގްލަދޭޝް ޖޫޓް މިލްގެ އިތުރުން ބަންގްލަދޭޝް ޕްރިމިއާ ލީގު ކްލަބު މުކްތިޖޯދާއަށްވެސް ކުޅެފައިވާ ކްންގްސްލީ މިހާރު ކުޅެމުންދަނީ އެގައުމުގެ ޗެމްޕިއަން ބަޝުންދަރަ ކިންގްސްއަށެވެ.

މިއަހަރު ކުރީ ކޮޅު ބަންގްލަދޭޝްގެ ރަށްވެހިކަން ލިބުނު ކްންގްސްލީ ސާފް ޗެމްޕިއަންޝިޕަށް ނަގާފައިވާ ސްކޮޑުގައި ހިމަނާފައިވީ ނަމަވެސް ފީފާއިން އަދި އޭނާ ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅުމުގެ ރަސްމީ ހުއްދަ ދީފައިނުވެއެވެ.

ބަންގްލަދޭޝްގެ 'ނިއުސް ކްލޭ'އަށް ދިން އިންޓަވިއުއެއްގައި އެގައުުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކެޓްރީ އަބޫ ނަޔީމް ސޮހާގް ވިދާޅުވީ ފީފާގެ ފަރާތުން ރަސްމީ ޖަވާބެއް ވަރަށް އަވަހަށް ލިބޭނެ ކަމަށާއި އަދި އޭއެފްސީގެ ފަރާތުންވެސް މިހާރު އެކަމުގައި އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.

އޮކްޓޫބަރު އެއްވަނަ ދުވަހު ސްރީ ލަންކާ އާއި ދެކޮޅަށް ފުރަތަމަ މެޗުގައި ނިކުންނަ ބަންގްލަދޭޝް ގައުމީ ޓީމުން ވަނީ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކްރިގިސްތާނުގައި އެކުވެރި ކަމުގެ މެޗުތަކެއް ކުޅެފައެވެ.

comment ކޮމެންޓް