އެޗްއާރުސީއެމް އަކީ އެއްވެސް ކަމެއް ނުކުރެވޭ ބޭކާރު މުއައްސަސާއެއް: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު --

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަކީ އެއްވެސް ކަމެއް ނުކުރެވޭ ބޭކާރު މުއައްސަސާއެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ޖަލުގައި ހުކުމް ތަމްފީޒު ކުރަމުންދިޔަ ގައިދީއަކު ކުއްލި ގޮތަކަށް މަރުވި މައްސަލަ ތަހުގީގު ކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެޗްއާރުސީއެމް އޮތީ އިތުރަށް ނުކުންނާނެ އަރަގެއް، ފައިދާއެއް ނެތް ބޭކާރު ތަނެއްގެ ގޮތުގައި ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެއްވެސް ކަމެއް ނުކޮށް ދެ އަތް އުރާލައިގެން، ހިމޭނުން ތިއްބަސް، އެކަމުގެ ސަބަބުން ވަޒީފާއަށް އަސަރެއް ނުކުރާނެކަން އެޗްއާރުސީއެމަށް ވަންނަ މެމްބަރުންނަށް މިހާރު ކަށަވަރުވާ ކަމަށެވެ.

"އެތަނަށް ވަންނަ މެމްބަރުންނަށް ޔަގީންކަން އެބައޮތް 65 މެމްބަރުންގެ ސުޕާ މެޖޯރިޓީއެއް މިއަދު އޮތީމަ ކޮންމެ ކަމެއް ކުރިޔަސް ނޫނީ ކަމެއް ނުކޮށް ތިއްބަސް އެއްވެސް ކަމެއް ނުވާނެކަން. އެއްވެސް ތަފާތެއް ނެތި އެތަނުގަ ތިބެވޭނެކަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ 65 މެމްބަރުންގެ މެޖޯރިޓީއެއް އެމްޑީޕީއަށް ރައްޔިތުން ދިނީ ގައުމުގައި އަދުލްއިންސާފު ކަށަވަރު ކުރެވި، ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

އޭނާ ވިދާޅުވީ މިފަދަ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށް އެމްޑީޕީން މިއަދު ވާހަކަ ދައްކަން އެބަޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ރައްޔިތުންގެ ބޮލުގައި އިންސާފުގެ ޓެގް އެޅުމަށްފަހު، އެ މަންޒަރު ދައްކައިގެން އެމްޑީޕީން ވެރިކަމަށް އައުމެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނަސް ރައްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ މާހައުލެއް ޔަގީން ނުކުރެވޭ ނަމަ އެ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ހިއުމަން ރައިޓްސް ކޮމިޝަން މިއަދު މި ފެންނަނީ ދޮންކެޔޮވަކެއް ނޮޅާލާފަ އެއްލާލާފަ އޮތް ތޮށިގަނޑެއްގެ ސިފައިގަ. ހަމަ އެއްވެސް ހަރުދަނާ ރަނގަޅުކަމެއް ނެތި ނުކުންނާނެ އަރަގެއް ފައިދާއެއް ނެތް ގޮތަށް ހަމަ އެއްވެއް ފައިދާއެއް ނެތް ގޮތަށް އެޗްއާރުސީއެމް މި ފެންނަނީ. އެ ތަނުން އެއްވެސް ކަމެއް ނުހިނގާ. ހިއުމަންރައިޓްސް ކޮމިޝަންގަ ތިބި މުވައްޒަފުން، ތަޖުރިބާކާރު ބޭފުޅުން, އެތަނުގެ އިންސްޓިޓިއުޝަނަލް މެމޮރީ އެއްކޮށް ގެންލިގެން ހިނގައްޖެ،" އާދަމް ޝަރީފް ވިދާޅުވިއެވެ

އޭނާ ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ދުވަހަކުވެސް ފެންމަތިނުވާ ވަރަށް ޓެރެރިޒަމްގެ އަމަލުތަކާއި މަރުތައް އިތުރުވަމުންދާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އަދި އެ ބާވަތުގެ ކަންކަން ހިނގައިގެން ދިއުމުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުންނާއި ކަމާބެހޭ މިނިވަން މުއައްސަސާތަކުން ޗުއްޕުވެސް ނުބުނެ އެ ތިބެނީ ކީއްވެގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ އިންސާފު ހޯދައިދޭން ކަމަށް ރައްޔިތުން މިއަދު ގަބޫލު ނުކުރާ ކަމަށެވެ.

"މިއަދު ރައްޔިތުންނަށް ގަބޫލު ކުރެވެނީ ރައީސް ނަޝީދު ދިޔަފަދައިން އިންސާފުވެސް މި ގައުމު ދޫކޮށްލާފަ ދިޔައީ ކަމަށް. މިއަދު އިންސާފު ހޯދައިދިނުމަށްޓަކައި މަސައްކަތްކުރަން މި ތިބީ އަޅުގަނޑުމެން ކަހަލަ ނުވަ ވަރަކަށް ދިހަވަރަކަށް މެމްބަރުން މިތަނުގަ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ހުޅުމާލޭ ޖަލުގައި ހުކުމް ތަމްފީޒު ކުރަމުންދިޔަ ގައިދީއަކު ކުއްލި ގޮތަކަށް މަރުވި މައްސަލަ ތަހްގީގު ކޮށްދިނުމަށް އެދި މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހެޅުއްވީ އާދަމް ޝަރީފްއެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އިހުމާލް ވެފައިވާ ކަމަށް އާއިލާއިން ކުރާ ތުހުމަތު ތަހްގީގު ކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލައި މައްސަލަ ތަހްގީގު ކޮށްދިނުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް