ސަރުކާރުގެ އޮފީސްތަކަށް ނުގޮސް، އޮންލައިންކޮށް ސިޓީ ފޮނުވޭ ނިޒާމު ގާއިމުކޮށްފި

ޑިޖިޓަލްކޮށް ސަރުކާރުގެ އިދާރާތަކާ މުއާމަލާތު ކުރާ ނިޒާމު އިފްތިތަހު ކުރުމުގެ ރަސްމިސްޔާތު -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ އޮފީސްތަކަށް ނުގޮސް، ކޮންމެ ތަނެއްގައި ހުރެގެންވެސް އެ އޮފީހަކަށް ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް އިންޓަނެޓު މެދުވެރިކޮށް ފޮނުވުމުގެ ފުރުސަތު ފަހިކޮށްދޭ ހިދުމަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށް ދެއްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ތައާރަފްކޮށްދެއްވި "ގަވް ޑޮޓް އެމްވީ މެސެޖު"ގެ ހިދުމަތުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކަށް ކޮންމެ ގަޑިއަކުވެސް ލިޔެކިޔުންތައް ފޮނުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތާއެކު ކޮންމެ ތަނެއްގައި ހުރެވެސް، ސަރުކާރުގެ އޮފީހަކަށް ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުންނާނެ،" ރައީސް ވިދާޅުވިއެވެ.

އެ ހިދުމަތުން ލިބިދޭ ލުއިފަސޭހަތަކުގެ ތެރޭގައި، ސަރުކާރުގެ އޮފީހަކަށް ކަމެއް ހުށަހެޅުމަށް އެ އޮފީހަކަށް ދާން ނުޖެހުމާއި، ރަސްމީގަޑި ފެށެންދެން އެކަމެއް ހުށަހަޅަން މަޑުކުރަން ނުޖެހުމާއި، އެ ހުށަހެޅި ކަމަކާ މެދު އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު ބެލޭނެ ގޮތް ހަދައިފައިވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ހިދުމަތް ތައާރަފް ކުރުމަށް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ކެބިނެޓްގެ އެހެން ވަޒީރުންނާއި ރައީސް އޮފީހާއި، އެންސީއައިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، މީގެ ކުރިން ސަރުކާރުގެ އިދާރާ ތަކުގެ މެދުގައި ޑިޖިޓަލް ކޮށް 'ޖެމްސް' ގެ އެހީގައި ލިޔެކިޔުންތައް ބަދަލު ކުރާ ކަމަށެވެ. އަދި ގަވް ޑޮޓް އެމްވީ މެސެޖް ތައާރަފް ކުރުމުން ރައްޔިތުންނަށް ވެސް އެ ހިދުމަތް ފުޅާ ކުރެވިފައިވާ ކަމަށެވެ.

"ރައްޔިތުން ސަރުކާރަށް ހުށަހަޅަން ބޭނުންވާ ސިޓީ، ޝަކުވާ ފަދަ ލިޔެކިޔުންތައް އިންޓަނެޓް މެދުވެރިކޮށް ހުށަހެޅުމަށް ބޭނުން ކުރާނެ ސަރުކާރުގެ ރަސްމީ ޑިޖިޓަލް ހިދުމަތް މީ. ސަރުކާރުގެ ވަކިވަކި އިދާރަތަކަށް އެކިއެކި ނިޒާމް މެދުވެރިކޮށް ރަސްމީ މުއާމަލާތް ކުރުމުގެ ބަދަލުގައި، މިއީ އެއް ޑިޖިޓަލް ހިދުމަތް މެދުވެރިކޮށް ކޮންމެ އިދާރާއަކާ މުއާމަލާތް ކުރެވޭ ހިދުމަތެއްވެސްމެ،" ޝައުނާ ވިދާޅުވިއެވެ.

ގަވް ޑޮޓް އެމްވީ މެސެޖް ފަރުމާކޮށްފައި ވަނީ އެ ނިޒާމުގެ އެހީގައި ރައްޔިތުން އިދާރާތަކަށް ފޮނުވާ ލިޔެކިޔުންތަކުގެ މިންވަރު ވަގުތުން، ވަކިވަކިން ފެންނާނެ ޑޭޝްބޯޑަކާ އެއްކޮށް ކަމަށް ޝައުނާ ވިދާޅުވިއެވެ.

comment ކޮމެންޓް