ރާއްޖެ އާއި ރަޝިއާގެ ޒަމާންވީ ގުޅުމުން ދޭހަވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވަމުން ދާނެކަން: ރަޝިއާގެ ސަފީރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަޝިއާގެ ސަފީރު ޔޫރީ މެޓެރީއާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ރަޝިއާ އެމްބަސީ

ރާއްޖެ އާއި ރަޝިއާގެ ޒަމާންވީ ގުޅުމުން ދޭހަ ވަނީ މުސްތަގުބަލުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވަމުން ދާނެ ކަން ކަމަށް ރަޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔޫރީ މެޓެރީ ވިދާޅުވެއްޖެއެވެ.

ސަފީރު މެޓެރީ އެހެން ވިދާޅުވީ ރާއްޖެ އާއި ރަޝިއާއިން ސިޔާސީ ގުޅުން ގާއިމު ކުރި ތާރީހަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުންނެވެ.

"ރާއްޖެ އާއި ރަޝިއާގެ ޒަމާންވީ ގާތް ގުޅުމާއި މިހާރު އެ ގުޅުން އޮތް ހާލަތުން ދޭހަވަނީ، ދެ ގައުމުގެ ސިޔާސީ ގުޅުމާއި، ވިޔަފާރި އާއި އިގުތިސާދާއި ތައުލީމާއި ފަތުރުވެރިކަމުގެ ދާއިރާގައި ދެ ގައުމަށް ފައިދާވާ ގޮތަށް ދެމުންދާ އެއްބާރުލުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުންތައްވެސް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވެ، ވަރުގަދަ ވަމުން ދާނެކަން،" ސަފީރު ވިދާޅުވިއެވެ.

ރާއްޖެ އާއި ރަޝިއާއިން ސިޔާސީ ގުޅުން ގާއިމު ކުރީ ސެޕްޓެމްބަރު 14، 1966ގައިއެވެ. ސްރީލަންކާގެ ކޮލޮމްބޯގައި އޮތް އެ ރަސްމިއްޔާތުގައި ދެ ގައުމުގެ ގުޅުން ގާއިމު ކުރަން އެއްބަސްވެވަޑައިގެންނެވީ ރާއްޖެ އަދި ރަޝިއާއިން ލަންކާއަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުންނެވެ.

ސަފީރު މެޓެރީ ވިދާޅުވީ އެ ގުޅުމަށް 55 އަހަރު ފުރުން ފާހަގަ ކުރާ އިރު މިހާރުވެސް ދެ ގައުމުގެ ގުޅުން ހަރުދަނާ ވަމުންދާ ކަމަށެވެ.

އެގޮތުން ދެ ގައުމުގެ ގުޅުން ގާއިމު ކުރި ފަހުން އެންމެ ފާހަގަކޮށްލެވޭ އެއް ބައްދަލުވުމަކީ މިދިޔަ އަހަރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަޝިއާއަށް ވަޑައިގެން، އެގައުމުގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވްއާ ބައްދަލު ކުރެއްވުން ކަމަށް ސަފީރު ވިދާޅުވިއެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުން ވަނީ ރަޝިއާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައިވެސް، މިދިޔަ ޖެނުއަރީ މަހާއި ޖުލައި މަހާ ދޭތެރޭ ރަޝިއާގެ 143،000 މީހުން ރާއްޖެއަށް ޒިޔާރަތް ކުރިކަން ސަފީރު ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިން ނިސްބަތްވާ ގައުމުގެ މަގާމު އެގައުމުން ހޯދިކަންވެސް ސަފީރު ފާހަގަ ކުރެއްވިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން ވަނީ ރަޝިއާގައި ދިވެހި އެމްބަސީއެއް ގާއިމު ކުރަން ނިންމާފައެވެ. އަދި މިދިޔަ ޖުލައި މަހު ދެ ގައުމުން ވަނީ މާލޭގައި ރަޝިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން އެއްބަސްވެފައިއެވެ.

comment ކޮމެންޓް