ދެ އަހަރު ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމު ކުރަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގަވް ޑޮޓް އެމްވީ މެސެޖު އިފްތިތާހު ކުރުމަށް، މިނިސްޓްރީ އޮފް އެންވައަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިޖިޓަލް އައިޑެންޓިޓީ އިފްތިތާހު ކުރުމުން ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން މުޅި ދުނިޔެ ޑިޖިޓަލް ވަމުން އަންނަ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދިރިއުޅުމުގެ އަސާސީ ހިދުމަތްތައް ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން އަންނަ ކަމަށެވެ.

ފައިސާގެ މުއާމަލާތްތަކައި، ގައުމުތަކަށް އެތެރެވެ، ބޭރުވުމާއި އަދި ދަރިންނަށް ކިޔަވައިދިނުން އަދި ބޭސް ފަރުވާ ފަދަ މުހިންމު ކަންކަން ވެސް ޑިޖިޓަލް ވެފައި ވާތީ، ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމު ކުރަން ޖެހިފައި ވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޑިޖިޓަލް އައިޑެންޓިޓީ ތައާރަފް ކުރުމުން ހިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ. ޑިޖިޓަލް އައިޑެންޓިޓީގެ ހިދުމަތް ތައާރަފް ވެގެން އަންނައިރު، ގާނޫނީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެދާނެ. އެކަމަށް ދުރާލަ ހައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް ގާނޫނާ ބެހޭ ބިލެއް މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ،" ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލް ހިދުމަތް ފުޅާ ކުރާއިރު އެންމެ މުހިއްމު ކަމަކީ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދިނުމަށް ފާރަވެރިވުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އިންޓަނެޓްގެ ޒަރިއްޔާއިން ހިންގާ އެކިއެކި ޖަރީމާތަކުން ރައްޔިތުން ހިމާޔަތް ކުރުމަކީ، ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެކަމާ ގުޅިގެން، ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއްވެސް ސަރުކާރުން ފަރުމާ ކުރަމުން ދާ ކަން ރައީސް ހާމަ ކުރެއްވިއެވެ.

https://sun.mv/156831

"ގަވް ޑޮޓް އެމްވީ މެސެޖް" ނިޒާމަކީ އާއްމު ފަރާތްތަކުން ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާ ލިޔެކިޔުންތައް، އެ އިދާރާތަކަށް ނުގޮސް، ޑިޖިޓަލް ކޮށް ހުށަހެޅޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ނިޒާމެކެވެ.

comment ކޮމެންޓް