ބްރިޓްނީ އާއި ސޭމް އެންގޭޖްވެއްޖެ

ބްރިޓްނީއާއި ސޭމް -- ފޮޓޯ/ބީބީސީ

އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސް އާއި އޭނާގެ ލޯބިވެރިޔާ ސޭމް އަސްގަރީއާ އެންގޭޖްވެއްޖެ އެވެ.

ބްރިޓްނީ ވަނީ އޭނާގެ ލޯބިވެރިޔާ ސޭމް އަސްގަރީއާއި އެންގޭޖްކޮށްފިކަން އަންގާ އިންސްޓާގްރާމުގައި އޭނާގެ އަނގޮއްޓީގެ ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ. އެއާއެކު ސޭމް ވެސް ވަނީ އެނާގެ އިންސްޓާގްރާމުގައި އެންގޭޖްމެންޓް އަނގޮއްޓި ޕޯސްޓުކޮށްފަ އެވެ.

ސޭމް އާއި ބްރިޓްނީ ދިމާވީ 2016ވަނަ އަހަރެވެ. ސޭމްއަކީ ވެސް ފިލްމު ކުޅުންތެރިއެކެވެ. މީގެ އިތުރުން ސޭމްއަކީ ފިޓްނެސް ޓްރެއިނާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ތަރިއެކެވެ.ސޭމްއަކީ އީރާނުގެ ވެރި ރަށް ތެހްރާނަށް ނިސްބަތްވާ މީހެކެވެ.

މި އެންގޭޖްމެންޓާއެކު ބްރިޓްނީގެ ގިނަ ފޭނުންވަނީ އުފާ ފާޅުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ޝެއާކޮށްފަ އެވެ.

މީގެ ކުރިންވެސް ބްރިޓްނީ ވަނީ ދެ ފަހަރު މީހަކާއި ކައިވެނިކޮށްފަ އެވެ.

2004 ވަނަ އަހަރު ބްރިޓްނީ ޖޭސަން އެލެކްޒެންޑާ ކައިވެނިކުރިއިރު މި ކައިވެނި ރޫޅޭކަށް މާ ގިނަ ދުވަހެއް ނުނަގަ އެވެ. އޭގެ ފަހުން ހަމަ އެ އަހަރު ބްރިޓްނީ ކެވިން ފެޑާލިންއާ ކައިވެނި ކުރި އެވެ.

މި ކައިވެންޏަށް ބްރިޓްނީއަށް ދެ ކުދިން ލިބުނެވެ. ނަމަވެސް 2007 ވަނަ އަހަރު ބްރިޓްނީއާއި ކެވިން ވަނީ ވަރިވެފަ އެވެ.

comment ކޮމެންޓް