އަމާޒަކީ މި ދައުރަކީ އެންމެ ގިނަ މަޝްރޫއު ހިންގި ދައުރަށް ހެދުން: އާޒިމް

ޖުލައި 1، 2021: އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ މުހިންމު އަމާޒެއްގެ ގޮތުގައި އޮތީ މި ފަސް އަހަރުގެ ދައުރު ތެރޭ ގިނަ އަދަދެއްގެ މަޝްރޫއު ހިންގާ މި ދައުރަކީ އެންމެ ގިނަ މަޝްރޫއު ހިންގި ދައުރު ކަމުގައި ހެދުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށްޓަކައި ގިނަ އަދަދެއްގެ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި މިއީ ގައުމަށް ހިދުމަތްކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ބޭނުންކުރައްވާނެކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް ގައުމަށް ހިދުމަތްކުރަން ރަނގަޅު ފުުރުސަތެއް ލިބުނީމާ ހިދުމަތްކުރުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އެެހެންވީމާ އަޅުގަނޑުމެން މުޅި ޓީމުގެ އަމާޒަކީ ވީހާ ވެސް ގިނަ މަސައްކަތްތަކެއް މި ރައީސްގެ ދައުރުގައި ނިންމާލަދީ ދިވެހިރާއްޖޭގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭ އުމްރާނީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއު ހިންގި ދައުރަށް މި ދައުރު ހަދައި ދިނުން،" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މި އަމާޒަށް ވާސިލްވުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ބޮޑެތި މަޝްރޫތަކުގެ މަސައްކަތް 24 ގަޑި އިރު މެދު ކެނޑުމެއްނެތި ހިންގުމަށް މަސައްކަތްކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ ޑްރެޖާތައް 24 ގަޑިއިރު މިހާރު ވެސް އޮޕަރޭޓްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ހަމައެއާއެކު އިތުރު ބަނދަރުތަކުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށް ގެންދިއުމަށްޓަކައި އިތުރު އިކުއިޕްމަންޓު ހޯދުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މި އަންނަނީ. އެއީ އިތުރަށް ބާރަށް މި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ޓަަކައި،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ވެސް އެ ކުންފުނިން މަސައްކަތްކޮށްފައި ވަނީ ވީ އެންމެ ރަނގަޅަކަށް މަޝްރޫތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ހަމައެއާއެކު އެ ކުންފުނީގެ ގިނަ ދުވަސްވީ މެޝެނަރީތަކުގެ ބަދަލުގައި އާ މެޝިނަރީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"މިއީ ފަސޭހަކަމެއް، ނޫން. އަޅުގަނޑުމެން އެންމެން ވަރުބަލި ވެސް ވާނެ،" އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް