ހިޔާ ޕެޓިޝަނުގެ މަޝްވަރާއަށް ޕެޓިޝަން ކޮމިޓީން ރައީސްއާ ބައްދަލުކުރަނީ

ހިޔާ ފްލެޓް ލިބުނު ފަރާތްތައް އިހުތިޖާޖުކުރަނީ -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ހިޔާ ފްލެޓުގެ މައްސަަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަން އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރުމަށް ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

މި ނިންމުން ނިންމައިފައިވަނީ މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައެވެ.

އެގޮތުން މި ޕެޓިޝަނުގެ މައިގަނޑު މަގްސަދަކީ ހިޔާ ފްލެޓުގެ ކުލި ކުޑަކުރުން ކަމަށް ވާއިރު މިކަމަކީ ސަރުކާރާ މަޝްވަރާ ކޮށްގެން ކުރަންޖެހޭ ކަމެއްކަމަށް ކޮމިޓީގައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ވިދާޅުވެފައެވެ.

"އޭގެ އެންމެ ފަހު ބަސް ވިދާޅުވާނީ ރައީސްކަމަށް އަޅުގަނޑަށް ގަބޫލްކުރެވެނީ،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ޕެޓިޝަނުގައި ގިނަ ކަންތައްތަކެއް ބަދަލުކުރަން އެދިފައިވީ ނަމަވެސް މި ޕެޓިޝަނުގައިވާ ކަންކަން ތަންފީޒުކުރުމަށް ގޮތެއް ނިންމާނީ ސަރުކާރުންކަމަށް ވުމާއެކު ރައީސްގެ ނިންމެވުމެއްް ބޭނުންވާކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް ވިދާޅުވީ ހިޔާ ފްލެޓުގެ ޕެޓިޝަނާ ގުޅޭގޮތުން ގޮތެއް ނިންމާއިރު މިދިޔަ ސަރުކާރުގައި ހައުސިން މިނސްޓަރުކަން އަދާކުރެއްވި އަދި މިހާރު މާލޭގެ މޭޔަރުކަން ކުރައްވާ މުއިއްޒުގެ ބަހެއް ހިމެނުމަކީ ވެސް މުހިންމު ކަމެއްކަމަށެވެ.

"އެ މަނިކުފާނަށް ވަޑައިގެނެންވޭނެ އިރަކަށް އަޅުގަނޑުމެން ބޭނުންވޭ އެބަ އެމަނިކުފާނާ ބައްދަލުކުރަން. އެމަނިކުފާނުގެ ބަހެއް ނެތި ރިޕޯޓަށް ގޮތެއް ނިންމުމަކީ މި ރިޕޯޓަށް އަޅުގަނޑުމެންނަށް ފުރިހަމަކަން ނުގެނެވޭނެކަމެއް،" ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ވެސް ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމަށް އެތައް ފަހަރަކު ވަކާލާތުކޮށްފައިވާކަމަށާއި އެހެންކަމުން އެކަމުގައި ވެސް މުއިއްޒުގެ ބަހެއް ހޯދުމަށް އޭނާ އެދިވަޑައިގަތެވެ.

ހިޔާ ފްލެޓްތަކުގެ ކުލިކުޑަކޮށް، ފިނިޝިން މަސައްކަތް ނިންމާ މުއްދަތު އިތުރުކުރުމަށް ގޮވާލައި ތައްޔާރުކުރި ޕެޓިޝަން ހުށަހަޅަައިފައިވަނީ ޖޫން މަހުގެ އެއްވަނަ ދުވަހެވެ. މި ޕެޓިޝަން ހުށަހަޅާފައިވަނީ 2،177 އަށްވުރެ ގިނަ ސޮއާއެކެވެ.

އެ ޕެޓިޝަންގެ އަސްލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާއިރު، ފްލެޓް ކޮމެޓީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެޗްޑީސީއާއި މާލެސިޓީ ކައުންސިލްއަށް އެ ޕެޓިޝަންގެ ކޮޕީއެއް ވަނީ ފޮނުވާފައެވެ.

އެ ޕެޓިޝަނަކީ ދައުލަތުގެ ކަމާގުޅޭ ވުޒާރާތަކުގައި ފްލެޓް ލިބުނު ފަރާތްތަކުން އެދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ޖުމްލަ ފަސް ނުކުތާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނެކެވެ.

comment ކޮމެންޓް