ނޮޅިވަރަންފަރު ސްކޫލްގައި ކިޔަވަނީ 326 ކުދިން، މިއަދު ހާޒިރުވީ 67 ކުދިން!

ހދ. ނޮޅިވަރަންފަރު ސްކޫލް --- ފޮޓޯ/ ކައުންސިލް

ހދ. ނޮޅިވަރަންފަރު ސްކޫލްގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން މިއަދު ސްކޫލަށް ހާޒިރުވީ އެންމެ 67 ކުދިން ކަމަށް އެރަށު، ސްކޫލުން ބުނެފިއެވެ.

ނޮޅިވަރަންފަރު ސްކޫލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މޮނިޓަރިންގެ ހާލަތު އެޗްޕީއޭއިން އުވާލިނަމަ ވެސް ކޮވިޑުގެ ސަބަބުން ރަށުގެ ހާލަތު ގޯސްވެފައި ވަނިކޮށް، ކުދިން ސްކޫލަށް ފޮނުވުމަކީ ރައްކާތެރިގޮތެއް ނޫން ކަމަށެވެ.

ނޮޅިވަރަންފަރުގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 25 މީހުންނެވެ.

އޮފިޝަލް ވިދާޅުވީ މި ހާލަތުގައި ރަށް އޮއްވާ ކުދިން ސްކޫލަށް ފޮނުވަންޖެހޭތީ ބެލެނިވެރިންގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހަޅަމުން އަންނަ ކަމަށެވެ.

"މޮނިޓަރިން އުވާލިޔަސް މި ހާލަތުގަ ރަށް އޮއްވާ ކުދިން ސްކޫލަށް ފޮނުވުމަކީ ރައްކާތެރިގޮތެއް ނޫން. އެޗްޕީއޭގެ އުސޫލްތައްވެސް އަދި އެޑިއުކޭޝަންގެ އުސޫލްތައްވެސް މި އޮންނަ ގޮތަކީ މޮނިޓަރިން އުވާލައިފިނަމަ ސްކޫލް ހުޅުވައިގެން ނޯމަލްކޮށް ކިޔަވައިދޭންޖެހޭ. މިއީ އެންމެބޮޑު ގޮންޖެހުމަކީ. މިރަށުގެ ދަރިވަރުންގެ ޖުމުލަ އަދަދަކީ 326 ދަރިވަރުން. އޭގެ ތެރެއިން އިއްޔެ ސްކޫލަށް ހާޒިރުވީ 53 ކުދިން. މިއަދު ހާޒިރުވީ 67 ކުދިން،" އޮފިޝަލް ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "ސަން"އަށް ވިދާޅުވީ ރަށުތެރެއިން ނަގާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންވެސް އެތައް ސާމްޕަލެއް ޕޮޒިޓިވްވަމުން އަންނަ ދުވަސްވަރެއްގައި ދަރިވަރުން ސްކޫލަށް ފޮނުވަން ޖެހޭތީ ބެލެނިވެރިންގެ ފަރާތުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނޮޅިވަރަންފަރު ކަހަލަ ސިއްހީ ހިދުމަތުގެ ފެންވަރު ދެރަ ރަށެއްގައި ކޮވިޑް ފަދަ ނުރައްކާތެރި ބައްޔެއް އަނެއްކާވެސް ފެތުރެން ފަށައިފިނަމަ އެކަމުގެ ސަަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ސްކޫލުން ކޭހެއް ފެނިގެން ކައިރީ އޮންނަ ނޮޅިވަރަމް ދިޔަ ހާލަތަށް މި ރަށް ދާކަށް އަޅުގަނޑުމެން ބޭނުމެއްނޫން. އެހާލަތަށް ދިއުމުގެ ކުރިން ފިޔަވަޅުތަކެއް އަޅައިގެން އެކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން ބޭނުންވޭ. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ ރަށް މޮނިޓަރިންނަށް ލައިގެން ނަމަވެސް ރަށުގެ މޫވްމެންޓް ހުއްޓާލާ، ސްކޫލްތަކާ ތަންތަން ކުރިއަށް ނުގެންގޮސް ހާލަތު ރަނގަޅުވީމަ ކުރިއަށް ގެންދަން،" ނަދީމް ވިދާޅުވިއެވެ.

ނަދީމް ވިދާޅުވީ ބެލެނިވެރިންގެ ފަރާތުން ކައުންސިލަށް އެންމެ ގިނައިން ހުށަހަޅާ އެއް މައްސަލައަކީ ރަށް އެ ހާލަތުގަ އޮއްވާ ސްކޫލް ހުޅުވައިގެން ކިޔެވުން ކުރިއަށް ގެންދާ މައްސަލަ ކަމަށެވެ.

"މި ރަށުން ރެމްޑަމް ކޭސްތަކެއް ފެންނަމުންދާއިރު ދަރިވަރުން ސްކޫލަށް ފޮނުވަން ބޭނުން ނުވާ ވާހަކަ ބެލެނިވެރިން ބުނަނީ،" ނަދީމް ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބެލެނިވެރިއަކު "ސަން"އަށް ބުނި ގޮތުގައި އެ ރަށުން މިހާރުވެސް ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން އެބަދާ ކަމަށާއި މި ހާލަތުގައި އޮއްވާ، ދަރިފުޅު ސްކޫލަށް ފޮނުވަން ބޭނުންނުވާ ކަމަށެވެ.

ބެލެނިވެރިޔާ ބުނީ ރަށުތެރޭގައި ކޮވިޑުގެ ނުރައްކާ އަދިވެސް އޮއްވާ ސްކޫލް ހުޅުވައިގެން ކިޔަވައިދޭން ފެށުމަކީ އެކަމުގެ ސަބަބުން ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭގެ ބަހެއް އަދި ނުލިބެއެވެ.

comment ކޮމެންޓް