ގަމުގައި ހުންނަ ރައީސް ނަޝީދުގެ ގޯތީގެ ނަން ބަދަލުކުރަން ކައުންސިލުން އެދިއްޖެ

ލ. ގަން (ފޮޓޯ/ވިޒިޓް ލާމު/ފޭސްބުކް)

ލ. ގަމުގައި ހުންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގޯތީގެ ނަން ބަދަލުކުރުމަށް ލ. ގަމު ކައުންސިލުން އެދިއްޖެއެވެ.

ނަޝީދު އެމަނިކުފާނުގެ ގޯއްޗަށް ކިޔުއްވުމަށްޓަކައި ހުށަހެޅުއްވި ނަމަކީ "ކުރުހިންނަ" އެވެ. ނަމަވެސް ރައީސް ނަޝީދަށް އެ ކައުންސިލްގެ ރައީސް އަހްމަދު ޒަކީ ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނީ ރައީސް ނަޝީދު އެ މަނިކުފާނުގެ ގޯއްޗަށް ކިޔުއްވުމަށްޓަކައި ކައުންސިލަށް ހުށަހެޅުއްވި ނަމަކީ އެ ރަށުގެ އެއްވެސް ތަނަކަށް ނުކިޔޭ ގޮތަށް ކައުންސިލުން ފާސްކޮށްފައިވާ ނަމެއްކަމަށެވެ.

ކައުންސިލުން ބުނީ އެ ނަމަކީ އެ ރަށުގެ ވަކި ހާއްސަ ސަރަހައްދަކަށް ޒަމާނުއްސުރެ ކިޔަމުން އަންނަ ނަމެއްކަމަށެވެ. އަދި "ކުރިހިންނަ" ނަމުގައި އެ ސަރަހައްދު ވަރުވާއަަށް ވެސް ލިޔެދެމުން ގޮސްފައިވާކަމަށެވެ.

ކައުންސިލުން ރައީސް ނަޝީދަށް ސިޓީ ފޮނުވާފައިވާއިރު ރައީސް ނަޝީދުގެ ވަކީލު ނާޒިމް އަބްދުއްސައްތާރު ވަނީ މި މިކަމާ ގުޅިގެން ކަންބޮޑުވެވަޑައިގެންފައެވެ. އެގޮތުން މާލޭގައި ވެސް ގޭގެއަށް އަވަށެއް ނުވަތަ ސަރަހައްދެއްގެ ނަމުން ނަން ދީފައި ހުންނަކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގައި ވެސް އެބަހުރޭ "މާފަންނު ގެ"، "ގަލޮޅު ގެ" މިގޮތަށް ނަން ކިޔާފައި، އޭގައިި ނެތް އެއްވެސް މައްސަލައެއް. މިއީ ހަމަ ކުރެވޭނެ ކަމެއް،" ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމޮކޮށްފައިވާ ރައީސް ނަޝީދުގެ މާލީ ބަޔާނުގައި ވާގޮތުން ރައީސް ނަޝީދުގެ މިލްކުގައި ގަމުގައި ބިމެއް އޮތްކަމަށް ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް