އާޖެންޓީނާ އާއި ހަންގޭރީގެ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

އާޖެންޓީނާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. އޫގޯ ހާވިއެރް ގޯބީ -- ފޮޓޯ: ރައީސް އޮފީސް

އާޖެންޓީނާ އާއި ހަންގޭރީގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ދެ ރަސްމިއްޔާތެއްގައި ރައީސަށް ފަތްކޮޅު އެރުވީ އާޖެންޓީނާގެ ސަފީރު ޑރ. އޫގޯ ހާވިއެރް ގޯބީ އާއި ހަންގޭރީގެ ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީ އެވެ.

އެ ރަސްމިއްޔާތަށް ފަހު ރައީސް، ދެ ސަފީރުންނާ ބައްދަލު ކުރެއްވިއެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް އާޖެންޓީނާ އާއި ހަންގޭރީން ދިން އެއްބާރުލުން ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި އާޖެންޓީނާގެ ސަފީރު ވިދާޅުވީ އެގައުމުން އަބަދުވެސް ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިސް ދައުރެއް އަދާކުރާތަން ދެކިވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާ ގުޅޭގޮތުން، ހާއްސަކޮށް ކަނޑުފަޅު ހިމާޔަތްކުރުމާ ގުޅިގެން ދިވެހިރާއްޖެ މިސާލަކަށް ބަލައި މަސައްކަތް ކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާކަން ސަފީރު ހާމަކުރެއްވިއެވެ.

ހަންގޭރީގެ ސަފީރު އަންދްރާޝް ލާޒްލޯ ކިރާލީ ރައީސަށް ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ރައީސާއި ހަންގޭރީގެ ސަފީރުގެ ބައްދަލުވުމުގައި ދެބޭފުޅުން ވަނީ މަތީ ތައުލީމުގެ ދާއިރާއިން ދެގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ސަފީރު ކިރަލީ ވަނީ ދިވެހި ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ދޭނެ ސްކޮލާޝިޕްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހަންގޭރީގެ ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު ކާނާގެ ފުދުންތެރިކަމާއި ފަތުރުވެރިކަމާއި ފެނުގެ ހިދުމަތާ ގުޅުން ހުރި ކަންކަމުގައިވެސް ހަންގޭރީން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ ޝައުގު އޮތްކަން ސަފީރު ފާހަގަ ކުރެއްވިއެވެ.

އެ ދެ ބައްދަލުވުމަށް ފަހުވެސް ރައީސާއި ސަފީރުން ވަނީ އެގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް