ކުޑަކުދިންނަށް ދޭ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ބެލެނިވެރިން ސަމާލުވާންޖެހޭ: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް --- ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންގެ ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި އެކުދިންނަށް ދޭ ޓެކްނޮޮލޮޖީގެ ވަސީލަތްތަކަށް ސަމާލުވެ އެ ކުދިން އޭގެން ކުރާ ކަންކަމަށް ސަމާލުވާންޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ކ. ކާށިދޫ ކައުންސިލާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ އަންނަން އޮތް ޖީލު ހަރުދަނާ ގޮތެއްގައި ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. އަދި އެ ކުދިންނަކީ ހުނަރުވެރި ކުދިންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ވެސް ހާއްސަ އިސްކަމެއް ދޭންޖެހޭކަމަށެވެ.

ކ. ކާށިދޫ ކައުންސިލާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން ކުޑަކުދިންނަށް ހާއްސަކޮށް އެކި ޕްރޮގްރާމުތައް ހިންގުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. އަދި އެއި ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށްޓަކައި މުހިންމުކަމެއް ކަމަށް ވެސް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

ހަމައެއާއެކު އެމަނިކުފާނު ވަނީ ކުޑަކުދިންގެ ރައްކާތެރިކަމާ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ގޮވާލައްވާފައެވެ.

މިއަދު ކާށިދޫ ކައުންސިލާ ނައިބު ރައީސް ފައިސަލް ބައްދަލުކުރައްވާފައިވާއިރު އެ ރަށުގެ ކައުންސިލުން ވަނީ އެ ކައުންސިލުގެ ކަންބޮޑުވުންތައް ނައިބު ރައީސާ ހިއްސާކޮށްފައެވެ.

އެގޮތުން ކައުންސިލުން ވަނީ ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރަށުގައި އިތުރު ބަނދަރެއް ތަރައްގީކުރުމަށް ބޭނުންވާކަމަށާއި، ރަށުގައި ވަޒީފާގެ ފުރުސަތު ފަހިކޮށް ރަށުގެ އިގްތިސާދީ ހާލަތު ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ހަމަ އެއާއެކު ރަށުގެ ސިއްހީ މަރުކަޒަށް އެމްބިއުލާންސެއް ބޭނުންވާކަމަށާއި، ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ ދަތިތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

comment ކޮމެންޓް