ދޮންދަރިއަކަށް ޖިންސީ ގޯނާކުރި މީހަކަށް އާންމުން ހަމަލާދީފި

ހުޅުމާލެ މަގުމަތި-- ފޮޓޯ: ސަން

ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި މީހަކަށް އާންމުން ނިކުމެ ހަމަލާ ދީފިއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ ނުވަ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މަހު ނުވަ ވަނަ ދުވަހު ފުލުހުންނަށް މި މައްސަލަ ހުށަހެޅުނު ނަމަވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައެއްނުވެއެވެ.

އެނގިފައިވާ އާންމުން އޭނާއަށް ހަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގައި ހުޅުމާލެ ތެރެއިންނެވެ.

ހުޅުމާލޭގައި މާރާމާރީއެއް ހިނގިކަން ފުލުހުން "ސަން" އަށް ކަށަވަރުކޮށް ދީފައިވާއިރު، ފުލުހުން ބުނީ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ.

comment ކޮމެންޓް