ފުލުހުންގެ ބެލުމުގައި ދަށުގައި ހުރި މީހަކަށް އަނިޔާކުރި ފުލުހުންނަށް ޖިނާއީ ތަހުގީގު ހިންގަން ޖެހޭ: ކޮމިޓީ

ޖުލައި 7، 2021: މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި އަނިޔާކުރުމުގައި ބައިވެރިވި ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ލ. ކަލައިދޫ، ސުވީޓްހާޓު، އަހުމަދު ސިރާޖަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ކޮމިޓީން ތަހުގީގުކުރުމަށް ފަހު ނިންމި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ.

ރިޕޯޓުގައިވާ ގޮތުން ސިރާޖަށް އަނިޔާ ކޮށްފައިވަނީ ވައްކަމެއްގެ ތުހުމަތުގެ އޭނާ ބަންދުކޮށްފައި ހުއްޓާ، އިސްދޫ ޕޮލިސް ސްޓޭޝަންގައިއެވެ. އަދި އޭނާއަށް ލިބުނު އަނިޔާތަކަކީ ފުލުހުންގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ނޫން ކަމަށް ބުނުމަށް ވެސް އޭނާއަށް މަޖުބޫރުކޮށްފައިވާ ކަން ފާހަގަކޮށްފައިވެެއެވެ.

ފުލުހުން ވަނީ އަނިޔާ ދިނުމުގައި ބައިވެރިވި ފުލުހުންނަށް އިދާރީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ތިން ފުލުހަކަށް އަށް މަސް ދުވަހު، ސުޕަވައިޒްކުރެވޭ ގޮތަށް، ވަޒީފާ އަދާކުރުވައި، އިތުރު ދެ ފުލުހަކަށް މަސައްކަތުގެ ގާބިލްކަން އިތުރު ކުރުމަށް ކައުންސިލިން ވެސް ދީފައިވެއެވެ.

ފުލުހުން އިދާރީ ފިޔަވަޅު އަޅަން ނިންމާފައިވީ ނަމަވެސް ކޮމިޓީން ވަނީ މީހަކަށް އަނިޔާއެއް ކުރުމަކީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ޖިނާއީ ކުށެއް ކަމަށްވާތީ، އެ މައްސަލާގައި ހަމައެކަނި އިދާރީ ފިޔަވަޅު އެޅުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ފާހަގަކޮށްފައެވެ.

އެހެންކަމުން އަނިޔާކުރުމުގައި ބައިވެރިވި ފުލުހުންނަށް ޖިނާއީ ތަހުގީގު ހިންގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ކޮމިޓީން ހުށަހެޅި ރިޕޯޓަށް ފަހު ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވަނީ އަނިޔާކުރުމާ ދެކޮޅަށް ވެރިކަމަށް އައި ސަރުކާރެއްގައި ފުލުހުން ރައްޔިތުންނަށް އަނިޔާކުރުމަކީ ކަންބޮޑުވާން ޖެހޭ، އަދި އެކަމަށް ހައްލު ގެންނަން ޖެހޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ.

comment ކޮމެންޓް