އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅޭނެ މުއްދަތު މިރެއާ ހަމައަށް އިތުރުކޮށްފި

އޮގަސްޓް 16، 2021: އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މީޫސާ

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް (އޯޓީޖޭ) އަށް މައްސަލަ ހުށަހެޅުުގެ ސުންގަޑި، މިރޭ 12 އާ ހަމައަށް އިތުރު ކުރަން އެ އޮފީހުން ނިންމައިފިއެވެ.

ނިޒާމީ ސިފައެއްގައި ރާވައިގެން، ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ހިންގާފައިވާ އަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު މީގެ ކުރިން އޮތީ މިއަދުގެ ނިޔަލަށް ހަމަވާ ގޮތަށެވެ.

ނަމަވެސް އޯޓީޖޭ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އަދިވެސް ގިނަ އަދަދެއްގެ މައްސަލަ ހުށަހަޅަމުން ދާތީ، އާއްމުންނަށް މައްސަލަ ހުށަހަޅަން މަގުފަހި ކޮށްދިނުމަށްޓަކައި މިރެއާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން މިރޭ 12:00އާ ހަމައަށް އޯޓީޖޭ ގެ ރިސެޕްޝަނަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެެއްވެސް ފަރާތަކުން އެ އޮފީހަށް މައްސަލައެއް ހުށަހަޅަން ބޭނުން ނަމަ، އެ އޮފީހުގެ ރިޝެޕްޝަނަށް ނުވަތަ އީމެއިލް އެޑްރެސް [email protected] އަށް މައްސަލަ ހުށަހެޅުމަށް އެ އޮފީހުން އިލްތިމާސް ކުރެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއުމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.

comment ކޮމެންޓް