އޮގަސްޓު މަހު މީރާއަށް 1.27 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ މަހު މީރާއިން 1.27 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މީރާއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ އޮގަސްޓް މަހު ލިބޭނެ ކަމަށް އަންދާކުރި އާމްދަނީއަށް ވުރެ ތިން ޕަސެންޓު ކުޑަ އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީއަށްވުރެ 25.4 ޕަސެންޓު ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީއަށް ވުރެ މިއަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ ދަށްވި މައިގަނޑު ސަބަބެއް ކަމަށް މީރާއިން ފާހަގަކުރީ ކޮވިޑް-19އިގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ.

އެގޮތުން މިދިޔަ އަހަރު ވިޔަފާރިތަކަށް ލިބުނު އާމްދަނީ ދަށްވެފައި ވުމުން އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް މީރާއިން ބުންޏެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ވެސް މިއަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ ގިނަވި ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެއެވެ. އެ ފީ މިއަހަރުގެ އޮގަސްޓު މަހު ލިބިފައި ނުވެއެވެ.

މިއަހަރުގެ އޮގަސްޓު މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 53.8 ޕަސެންޓު ނުވަތަ 685.41 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 24.0 ޕަސެންޓު ނުވަތަ 305.27 މިލިއަން ރުފިޔާއެވެ.

އޮގަސްޓް މަހުގެ އާމްދަނީގެ ތެރޭގައި ދެން ހިމެނެނީ:

  • ގްރީން ޓެކްސް: 75.62 މިލިއަން ރުފިޔާ
  • ވޯކް ޕާމިޓް ފީ: 40.18 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމެންޓް ފީ: 33.81 މިލިއަން ރުފިޔާ
  • އެހެނިހެން ޓެކުހާއި ފީ: 133.42 މިލިއަން ރުފިޔާ

މިއަހަރުގެ އޮގަސްޓު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 36.92 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

comment ކޮމެންޓް