އުތުރު ކޮރެޔާއިން ސްޓްރެޓީޖިކް ކްރޫޒް މިސައިލެއް ތަޖްރިބާކޮށްފި

އުތުރުކޮރެއާއިން ތަޖްރިބާކުރި ކްރޫޒް މިސައިލް

ޕިޔޮންގްޔަންގް (ސެޕްޓެމްބަރު 13) : އުތުރު ކޮރެޔާއިން ސްޓްރެޓީޖިކް ކްރޫޒް މިސައިލެއް ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފިއެވެ.

އުތުރު ރަސްމީ ނޫސްއެޖެންސީ ބުނާގޮތުން އެގައުމުގެ ސިފައިން ތަޖްރިބާކުރީ މެދުރާސްތާގެ ސްޓްރެޓީޖިކް ކްރޫޒް މިސައިލެކެވެ. ސްޓްރެޓީޖިކް މިސައިލްއަކީ ނިއުކްލިޔާ ވޯހެޑް ހަރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްއެވެ.

އުތުރުކޮރެއާއިން މި މިސައިލް ތަޖްރިބާކުރީ އެގައުމުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމާބެހޭ ވާހަކަތައް އަލުން ފެށޭނެގޮތަކާބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި އެމެރިކާ، ދެކުނު ކޮރެޔާއާ އަދި ޖަޕާނުގެ މަންދޫބުންނާއެކު އުތުރުކޮރެއާގެ މަންދޫބުން ޖަޕާނުގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. އެހެންކަމުން މިއީ އެބައްދަލުވުމަށް އަމާޒުކޮށް އުތުރުކޮރެއާގެ އަސްކަރީ ގާބިލްކަން ހާމަކުރުމަށްޓަކައި އެގައުމުން ދިން މެސެޖެއްކަމަށް މުރާސިލުން ސިފަކުރެއެވެ.

އުތުުރުކޮރެއާގެ މަނަވަރަކުން ކްރޫޒް މިސައިލެއް ފޮނުވާލަނީ

އުތުރުކޮރެއާގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އަވަށްޓެރި ދެގައުމު ކަމަށްވާ ޖަޕާނާއި ދެކުނުކޮރެއާ އަދި ސަރަހައްދުގައި އަސްކަރީގޮތުން ފައިހަރުކޮށްލައިގެން އުޅޭ އެމެރިކާވެސް ބޭނުންވަނީ އުތުރުކޮރެއާއަށް އިގްތިސާދީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އުތުރުކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލާގޮތަށް އުތުރުކޮރެއާއިން ނިއުކްލޔާ ހަތިޔާރު އުފެއްދުން ހުއްޓާލައި އެގައުމުގައި ހުރި ނިއުކްލިޔާ ހަތިޔާރުތައް ނައްތާލުމަށެވެ.

މިކަމަށް އުތުރުކޮރެއާވެސް އުސޫލެއްގެ ގޮތުން އެއްބަސްވެއެވެ. ނަމަވެސް މިކަން ކުރިޔަށް ގެންދާނެގޮތްތަކާމެދު އެމެރިކާއާއި އުތުރުކޮރެއާގެ މެދުގައިވަނީ ދެބަސްވުންތައް އުފެދިފައެވެ. އެމެރިކާ ބޭނުންވަނީ އުތުރުކޮރެއާއިން އެންމެ ފުރަތަމަ ނިއުކްލިޔާ ހަތިޔާރު އުފެއްދުން ހުއްޓާލައި އެގައުމުގައި ހުރި ނިއުކްލިޔާ ހަތިޔާރުތައް ނައްތާލުމަށެވެ. އެއަށްފަހު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން އުތުރުކޮރެއާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ނަމަވެސް އުތުރުކޮރެއާ ބޭނުންވަނީ އެގައުމުގެ ނިއުކްލިޔާ ހަތިޔާރު ނައްތާލުމާއި އިގްތިސާދީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންތައް އެކުއެކީގައި ގެންދިޔުމަށެވެ. މިކަމަށް އެމެރިކާ ދެކޮޅު ހެދުމުގެ ސަބަބުން ޓްރަމްޕްގެ ވެރިކަމުގައިވެސް އުތުރުކޮރެއާގެ ނިއުކްލިޔާ މައްސަލަ ވަނީ ހައްލުނުވެއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި ބައިޑެންވެސްވަނީ އުތުރުކޮރެއާގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައެވެ. މިކަމަށް މަގުފަހިކުރުމުގެ ގޮތުން އުތުރުކޮރެއާގެ މަންދޫބުންނާއެކު އެމެރިކާ، ދެކުނު ކޮރެޔާއާ، އަދި ޖަޕާނުގެ މަންދޫބުން މި ހަފްތާތެރޭގައި ޖަޕާނުގައި ބައްދަލުކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.

ރިޕޯޓްތައް ބުނާގޮތުން އުތުރުކޮރެއާއިން ތަޖްރިބާކޮށްފައިވަނީ ނިއުކްލިޔާ ވޯހެޑް ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ދޮޅުހާސް ކިލޯމީޓަރުގެ ރާސްތާގެ ކްރޫޒް މިސައިލް އެކެވެ. މި މިސައިލް އޭގެ އަމާޒަށް ވާސިލްވުމާއެކު އޭގެ ބައިތައް ވެއްޓިފައިވަނީ ރިނދޫ ކަނޑަށްކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އުތުރުކޮރެއާއަކީ ނިއުކްލިޔާ ހަތިޔާރާއި ދުރުރާސްތާގެ ބަލިސްޓިކް މިސައިލްގެ ގާބިލްކަން ލިބިފައިވާ މަދުގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އުތުރުކޮރެއާގައި 80 އަށްވުރެ ގިނަ ނިއުކްލިޔާ ވޯހެޑް ހުރިކަމަށް ޖާސޫސީ ރިޕޯޓްތަކުގައި ލަފާކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު