އެކަޑަމީއަކާއެކު މާޒިޔާއިން ކެނދިކުޅުދޫގައި ފުޓުބޯޅަ ކުރިއަރުވަނީ

ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައޫފް އާއި މާޒިޔާ ސްޕޯޓްސް ކުލަބުގެ ޖެނެރަލް ސެކެއްޓަރީ އަބްދުލް ވައްހާބް --- ފޮޓޯ//ކެނދިކުޅުދޫ ކައުންސިލް

ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނ.ކެނދިކުޅުދޫގައި ފުޓުބޯޅަ އެކެޑަމީއެއް ހިންގުމާއި، އެ ކުލަބުގެ ސީނިއާ ޓީމު އެ ރަށުގައި ޓްރެއިނިންގް ކޭމްޕެއް ފުރިހަމަ ކުރަން ނިންމައިފިއެވެ.

މާޒިޔާ ބޯޑުގެ އިސްވެރިން ކެނދިކުޅުދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ރަށު ކައުންސިލާއެކު އިއްޔެ ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި އެމްއޯޔޫގައި އެއްބަސްވެވިފައިވާ ކަންކަމުގެ ތެރޭން ކެނދިކުޅުދޫގައި ފުޓުބޯޅަ ތަރައްގީ ކުރުމަށް މާޒިޔާއިން ބޮޑެތި އެހީތެރިކަމެއް ވާން ނިންމާފައިވާ ކަމަށް ކައުންސިލް މެމްބަރު މުހައްމަދު ޝާހިދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނާއެކު މިހާތަނަށް އެއްބަސްވެވިފައިވަނީ މާޒިޔާގެ އެކެޑެމީއެއް ހިންގުމަށާއި، މިއަހަރުގެ ނޮވެމްބަރު މަހު އެ ކުލަބުގެ ސީނިއާ ޓީމު މި ރަށުގައި ކޭމްޕް ކުރުމަށް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ކެނދިކުޅުދޫއަށް ބޮޑެތި ފައިދާތަކެއް ލިބިދޭނެ ކަމަށާއި، ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ކުލަބަކުން އައިސް އެ ރަށުގައި ޓްރެއިނިންގް ކޭމްޕެއް ފުރިހަމަ ކުރުމަކީ ލިބޭނެ ޝަރަފެއް ކަމަށެވެ.

ކެނދިކުޅުދޫ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ފީފާ ސްޓޭންޑާޑުގެ ޓާފް ބޮޑު ދަނޑެއް އެންމެ ފުރަތަމަ ގާއިމު ކުރި އެއް ރަށެވެ. ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު އެއް ފުޓުބޯޅަ މުބާރާތް، ޝިޔާމް މައުރޫފް ސްކާ ކަޕްގެ ދެ މުބާރާތެއް ބޭއްވި އެ ރަށަކީ ފުޓުބޯޅައިގެ ރަށެކެވެ.

އެ ރަށުން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރި އަކީ ކުރިން ޓީސީ ސްޕޯޓްސް ކުލަބަށާއި، ބީޖީ ސްޕޯޓްސް ކުލަބަށް ކުޅުނު މުހައްމަދު އައްޒާމްއެވެ. މިދިޔަ ސީޒަނުގައި ލީގުގެ ފުރަތަމަ ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައްޒާމް ވަނީ މިހާރު ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލާފައިވާކަން އިއުލާން ކޮށްފައެވެ.

comment ކޮމެންޓް