ތިން މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކޮށްފި

މެޖިސްޓްރޭޓް ކޯޓްތަކަށް ކަނޑައެޅުއްވި ތިން ފަނޑިޔާރުން -- ފޮޓޯ/ ޖޭއެސްސީ

ބ. އޭދަފުށި، ފުވައްމުލަކު އަދި ގއ. ކޮލަމާފުށީގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށްފިއެވެ.

އެ ކޯޓުތަކުގެ ފަނޑިޔާރުކަމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށްޓަކައި އިންޓަވިއު ކުރުމަށްފަހު، ތިން ބޭފުޅެއްގެ ނަން ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވީ މިދިޔަ މަހުގެ 29ގައިއެވެ.

އެހެންކަމުން އިއްޔެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ:

· ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ބ.ދަރަވަންދޫ، ކުރިކީލަގެ، މަރްޔަމް އިފްހާމް ނާޝިދު.

· ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.ގެމަނަފުށި، މިސްކިތްދޮށުގެ، އަބްދުއްސަލާމް.

· ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.މާމެންދޫ، މައިސަން، ވިޝާހް ވަޖީދް.

މަރްޔަމް އިފްހާމް ނާޝިދު ވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗްލާސް ޑިގްރީ ވިތް އޮނާސް ހާސިލު ކުރައްވާފައިއެވެ. އަދި އޭނާ ވަނީ ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓުގެ މަގާމުގައި ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.

ފުވައްމުލަކުގެ މެޖިސްޓްރޭޓް އަބްދުއްސަލާމް ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލު ކުރެއްވީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިންނެވެ. އަދި އޭނާ ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައި ހަތަރު އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައެވެ.

ގއ. ކޮލަމާފުށީ މެޖިސްޓްރޭޓް ވިޝާހް ވަޖީދު ތައުލީމު ހާސިލު ކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯއިންނެވެ.

އޭނާ ވަނީ ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓެއްގެ ގޮތުގައި އެއް އަހަރާއި ހަތް މަސް ދުވަހު ހިދުމަތް ކުރައްވާފައިއެވެ.

comment ކޮމެންޓް