ބިދޭސީންގެ މައްސަލައަށް ކުރިއެރުންތަކެއް ލިބިއްޖެ، އިސްތިއުފާދެއްވަން ޖެހޭ ހާލަތެއް ނެތް: މިނިސްޓަރު ފައްޔާޒް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ފައްޔާޒާ ވަނީ ސުވާލުކޮށްފައި-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށާއި މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ޖެހޭ ހާލަތެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުނުކުރެވިއްޖަނަމަ މަގާމުން އިސްތިއުފާދެއްވާނެ ކަމަށް، ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ރެގިއުލަރަޒޭޝަން ކުރުމަށް ހިންގި ޕްރޮގްރާމްގެ ކުރިން މިނިސްޓަރު ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބިދޭސީންގެ މައްސަލައާ ގުޅިގެން މިނިސްޓަރާ ސުވާލުކޮށްފައެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިރު، ބިދޭސީންގެ މައްސަލައާ ގުޅިގެން ކުރީ ސަރުކާރުތަކުން އަމަލުކުރަމުން އައި ގޮތާއި އެ މައްސަލަ އޮތް ހާލަތުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައިކަމަށެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވީ މައްސަލަ ހައްލުކުރަން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށެވެ.

"އެހެންވީމާ އެގޮތުން އަޅުގަނޑު ރައްޔިތުންނަށް ޔަގީންކަން އެރުވީ މިކަން އަޅުގަނޑުމެންނަށް ނުކުރެވިއްޖެއްޔާ އަޅުގަނޑު އިސްތިއުފާދޭނެ ކަމަށް. އަޅުގަނޑު ގަބޫލުކުރާ މިނަށް، ކޮވިޑްގެ މި ދޮޅު އަހަރެއްހާ ދުވަހާ އެއްކޮށް ވެސް އަޅުގަނޑުމެންނަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައަށް ހައްލު ގެނައުމުގައި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަން ތަފާސް ހިސާބުތަކުން އެނގޭ ކަމަށެވެ.

މީގެ އިތުރުން މިހާ ހިސާބަށް ކުރެވިފައިވާ ކަންކަން ރައްޔިތުން ގަބޫލުކޮށް، ބަލައިގަންނަ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް