ސަލާހު 100 ގޯލު ޖަހައި ޕްރެމިއާ ލީގުުގެ ސެންޗަރީ ކުލަބަށް

މުހައްމަދު ސަލާހު

އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލްގެ ފޯވާޑު މުހައްމަދު ސަލާހު 100 ގޯލު ޖަހައި ލީގުގެ ސެންޗަރީ ކުލަބުގައި ހިމެނިއްޖެއެވެ.

ސަލާހު ސަތޭކަވަނަ ގޯލު ޖަހާފައިވަނީ އިއްޔެ ލީޑްސް ޔުނައިޓެޑް އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ 20 ވަނަ މިނެޓުގައެވެ. އެ މެޗު ލިވަޕޫލް އިން ވަނީ ތިނެއް ސުމެއްގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ސެންޗަރީ ކުލަބުގައި ހިމެނެނީ އެކުޅުންތެރިޔަކު ކުޅޭ ކުލަބަކަށް 100 ގޯލު ޖެހުމުންނެވެ.

ސަލާހަކީ 1992 ވަަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު ސަތޭކަ ގޯލު ޖަހައިދިން 30 ވަނަ ކުޅުންތެރިޔާއެވެ.

މީގެ އިތުރުން ސަލާހަކީ ލިވަޕޫލަށް ސަތޭކަ ގޯލު ޖަހައިދިން ހަތަރުވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ލިވަޕޫލުގެ ސެންޗަރީ ކުލަބުގައި ހިމެނިފައިވަނީ މައިކަލް އޮވެން، ސްޓީވެން ޖެރާޑް އަދި ރޮބީ ފޮވްލާއެވެ.

މިސްރުގެ ފުޓުބޯޅައިގެ ރަސްގެފާނު އޭނާގެ އެންމެ ފުރަތަމަ ގޯލު ޖަހާފައިވަނީ ޗެލްސީ އަށް ކުޅެމުންނެވެ.

comment ކޮމެންޓް