ރައީސް ސޯލިހު ސާފް ޗެމްޕިއަންޝިޕް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފި

ސާފް ޗެމްޕިއަންޝިޕް 2021 ގެ ލޯންޗިންގް އިވެންޓުގެ ތެރެއިން --- ފޮޓޯ//ރައީސް އޮފީސް

ކުލަ ގަދަ ރަސްމިއްޔާތަކާ އެކު އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފަށައި ސާފް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

މިހާރު ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުރިއަށްދާ ހަފްލާގައި ސާފް ޗެމްޕިއަންޝިޕް ލޯންޗް ކޮށްދެއްވީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. ރައީސްގެ އިތުރުން މިނިސްޓަރުންނާއި ގައުމުގެ ބައެއް އިސްވެރިން ވަނީ މި ހަފުލާގައި ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތުގައި ރާއްޖޭގައި ބާއްވާ ދެވަނަ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯ އާއި މެސްކޮޓް އަދި މުބާރާތުގެ ރަސްމީ ލަވަ ވަނީ އިފްތިތާހުކޮށްފައެވެ. އަދި އެހެންމެ "އަހަރަމެންގެ ފަހަރު" ގެ ނަމުގައި 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކުރުމަށް ކުރި ދަތުރުގެ ވާހަކަތައް ހިމެނޭ ފޮތެއް ވެސް ވަނީ ލޯންޗް ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިފަހަރުގެ މި މުބާރާތް ބާއްވަން ބޭނުންވަނީ ތަފާތު ގޮތަކަށް، ތަފާތު ބްރޭންޑިންގްއަކާ އެކުގައި ކަމަށެވެ. އަދި އެހެންމެ މި މުބާރާތުގެ ސަބަބުން ރާއްޖެ ބޭރުގައި އިސްތިހާރު ވެގެން ދާނެ ކަމަށެވެ. އެގޮތުން މި ސަރަހައްދުގައި 250 މިލިއަން މީހުން މި މުބާރާތް ބަލާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ މަހު އެކަކުން 16އަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ނޭޕާލް، ސްރީ ލަންކާ، އިންޑިއާ އަދި ބަންގްލަދޭޝްއެވެ.

ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭނެއެވެ. ރާއްޖެ ފުރަތަމަ މެޗުގައި ވާދަކުރަން ޖެހެނީ އޮކްޓޫބަރު އެއް ވަނަ ދުވަހު ނޭޕާލް އާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ހަތް ވަނަ ދުވަހު ބަންގްލަދޭޝް އާ ދެކޮޅަށް ނިކުންނައިރު 10 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ލަންކާއާއެވެ. ފަހު މެޗުގައި އޮކްޓޫބަރު 13 ވަނަ ދުވަހު ރާއްޖެ ކުޅޭނީ އިންޑިއާ އާ ދެކޮޅަށެވެ.

މުބާރާތައް ނިކުންނައިރު ރާއްޖެ އަކީ އެންމެ ފަހުގެ ސާފްގެ ޗެމްޕިއަނުންނެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައި ތަށި ރާއްޖެއިން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

comment ކޮމެންޓް