ފުލެޓް ކުއްޔަށް ދޭނަމަ މަގުސަދާ ހިލާފުވޭ، ފިޔަވަޅު އަޅާނަން: ހައުސިން މިނިސްޓްރީ

ޖޫން 26، 2021: ހިޔާ ފްލެޓްތައް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފުލެޓު ކުއްޔަށް ދިނުމަކީ ފްލެޓު ހޯދުމުގެ މަގްސަދާ ހިލާފުކަމެއްކަމަށާއި އެހެންކަމުން ފުލެޓް ކުއްޔަށް ދޭނަމަ ފްލެޓުގެ ވެރި ފަރާތާމެދު ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމު ކަމާލުއްދީން "ސަން" އަށް ވިދާޅުވީ ހިޔާ ފުލެޓް ކުއްޔަށް ދޫކުރާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ރަސްމީކޮށް ލިބިފައިނުވާކަމަށެވެ. ނަމަވެސް ފްލެޓްތައް ކުއްޔަށް ދޫކުރަން އިޝްތިހާރު ޖަހަމުން އަންނަ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

"މިފަދަ ފްލެޓްތަކަށް އެދެނީ ބޯހިޔާވަހިކަމުގެ ދަތިކަން އުޅޭ ފަރާތްތައް. އޭގެ މާނައަކީ އެއީ ކުއްޔަށް ދޭ ތަނެއް ނޫނޭ،. އެ ކުއްޔަށް ދިނީމާ މަގުސަދު އެބަ ގެއްލޭ، އަޅުގަނޑުމެން އެކަން މަނާކުރާނަން. އުސޫލެއްގެ ގޮތުން މިކަމެއް ނުކުރެވޭނެ،" އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ފްލެޓް ކުއްޔަން ދޫކުރުން ފަދަ އެއްވެސް ކަމެއް ކުރެވޭނީ ފްލެޓަށް ދައްކަންޖެހޭ ފުރިހަމަ ފައިސާ ދައުލަތަށް ދައްކާ އެ ފްލެޓް އަމިއްލަ މިލްކަކަށްވުމުންކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކުން، އެތަންތަން ކުއްޔަށް ދިނުމުގެ މަސަައްކަތް ފަށައި އެކަން ސޯޝަލް މީޑިއާގައި ފެންމަތިވީ އިއްޔެއެވެ.

ފިނިޝިންގެ މަސައްކަތް ނިންމަން ހަތަރު މަސްދުވަހުގެ މުއްދަތެއް ދީފައި ވާއިރު، މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުލި ނަގަން ފަށާނެ ކަމަށް އެޗްޑީސީ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް ފްލެޓް ލިބުނު ފަރާތްތަކުން މިހާރުވެސް ބައެއް އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރުމަށް ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ޖަހަމުންދެއެވެ.

comment ކޮމެންޓް