ގެމަނަފުށީ ހެލްތް ސެންޓަރު 24 ގަޑިއިރަށް ބަދަލުކުރުމުން ރައްޔިތުންގެ ޝުކުރު ސަރުކާރަށް!

ރައީސުލްޖުމްހޫރިއްޔާ، ގދ. ގެމަނަފުށީ ކައުންސިލާ ބައްދަލުކުރެއްވުން ----

ގއ. ގެމަނަފުށީގެ ހެލްތް ސެންޓަރުން 24 ގަޑިއިރު ހިދުމަތް ދޭން ފެށުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ހިދުމަތެއް ކަމަށާއި އެހެންކަމުން އެގޮތަށް ނިންމަވައި ހިދުމަތް ފޯރޮކޮށްދޭން ފެއްޓުމާ ގުޅިގެން އެކަމަށްޓަކައި ސަރުކާރަށް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ޝުކުރުއަދާކުރައްވައިފިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ކައުންސިލަރުން ވަނީ މި ސަރުކާރުން ރަށުގެ ތަރައްގީއަށް ކުރައްވާ ހުރިހާ މަސައްކަތެއްގައި އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް ކުރަމުންއަންނަ މަސައްކަތްތަކާއި ކުރިޔަށްރޭވިފައިވާ ތަރައްގީގެ ޕްލޭނާ، ގެމަނަފުށި ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ތަފުސީލް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.

އެގޮތުން، ހެލްތް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއި ގުޅިގެން އެ ސެންޓަރަށް އިތުރަށް މުވައްޒަފުން ބޭނުންވާކަމަށާއި، ސެންޓަރުގެ ޖާގައިގެ ދަތިކަން ހުރިކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، މުވައްޒަފުން މަދުކަން ކައުންސިލުން ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން ސްކޫލަށް މަލްޓި-ޕާޕަސް ހޯލެއް ބޭނުންވާކަމާއި، އެއްދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރުމަށްޓަކައި ފަހުން އިމާރާތް ކޮށްފައިވާ ދިހަ ކްލާސްރޫމަށް ފަރުނީޗަރ ބޭނުންވާކަމުގައި ކައުންސިލުން ދެންނެވިއެވެ.

ހަމަ އެއާއެކު މަސްވެރިންގެ ކަންބޮޑުވުންތަކާއި، ޒުވާނުންގެ ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން މަހުގެ އަގު ރަނގަޅުކޮށްދިނުމަށާއި، އައިސް ޕްލާންޓްގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ބޭނުންވާކަން ފާހަގަކުރެއްވެވިއެވެ.

އަދި ޒުވާނުންނަށް ހާއްސަކޮށް ޔޫތް ސެންޓަރެއް ގާއިމުކޮށްދެއްވުމަށާއި، އަދި ފުޓްބޯޅަ ދަނޑެއް ބޭނުންވާކަމުގައިވެސް ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ގިރާ ސަރަހައްދު ރައްކާތެރިކޮށްދެއްވުމަށާއި، ރަށުގެ ބިންހިއްކަން ބޭނުންވާކަން ކައުންސިލުން ދެންނެވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި ބަނދަރުގެ ޖާގަ އިތުރު ކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ މިސްކިތް މަރާމާތު ކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވެވިއެވެ. އަދި ރަށުގައި ތާރު އެޅުމަށް ބޭނުންވާކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން ނަރުދަމާގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަން ފާހަގަކުރައްވާ، ފެނުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ތަރައްގީގެ މަސައްކަތް ކުރާއިރު ރަށުގެ ކައުންސިލުން އެއްބާރުލުން ދެއްވުމަކީ ވަރަށް ރަނގަޅުސިފައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް