ﷲއަށް ބިރުވެތިވެ ކޮންމެ ފަނޑިޔާރެއް ވެސް އަދުލަށް ހުކުމްކުރުން މުހިންމު: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު އަހްމަދު މުުއުތަސިމް އަދުނާނު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ ފަނޑިޔާރެއް ވެސް ހުކުމްކުރާއިރު ﷲއަށް ބިރުވެތިވެ އަދުލު އިންސާފަށް ހުކުމްކުރުމަކީ މުހިންމުކަމެއްކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންނާއި މެޖިސްްޓްރޭޓުން ހުވާކުރުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންގެ ހުވާއަކީ ވަރަށް ބޮޑު ޒިންމާއެއްްގެ ވާޖިބު ބޮލުގައި އެޅިގެންދާ ހުވައެއްކަމަށެވެ.

"ﷲ ސުބްހާނަހޫ ވަތައާލާއަށް ބިރުވެތިވެ މިއަދު ތި ކުރެއްވި ހުވާގެ ވާޖިބު އަދާކުރައްވަން ޖެހޭނެ. މި ހުވައާއި ދޭތެރޭ ރަނގަޅަށް ފުންކޮށް ވިސްނައިވަޑައިގަންނަވަންޖެހޭނެ. މިއަދު އިވިގެންދިޔަ ކީރިތި ގުރުއާނުގެ އާޔަތްތަކުން އަދުލަށް ހުކުމްކުރުމުގެ މުހިންމުކަން އެވަނީ ވަރަަށް ރަނގަޅަށް އެނގިގެން ގޮސްފައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"އަދުލު އިންސާފު ގާއިމްކުރުމުގެ ޒިންމާއަކީ އަޅުގަނޑުމެންގެ ބޯމަތީގައި މިއޮތް އުޑުގެ ބަރުމިނަށްވުރެ ލުއިވާނެ އެއްޗެކޭ ނުދަންނަވާނަން. ތެދުވެރިވާންޖެހޭނެ. ދެ ހަސްމުން ދޭތެރޭ ތަފާތުކުރުމެއް އޮވެގެން ނުވާނެ،"

ހަމައެއާއެކު ފަނޑިޔާރުންނަކީ މުޖުތަމައުގައި ދީނީ ގޮތުން ވެސް ނަމޫނާ ދެއްކުމުގައި އިސް ދައުރެއް އަދާކުރަންޖެހޭ ބައެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގައި ވެސް ފަނޑިޔާރުންޖެހޭނެ އެހެން އެންމެންނަށް ނަމޫނާ ދައްކަން. މީގެން މުހިންމުކަން ދޭންވީ ހުސްއެކަނި ކޯޓުގައެއް ނޫން. ކޯޓުން ބޭރުގައި ވެސް އުޅުމުގައި އިސްލާމްދީނުގެ ރިވެތި އަދަބުތަކުގައި ހިފައި އޭގެ މަތީ ދިރިއުޅުން ބައްޓަންކުރުމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ދެމެހެއްޓުމުގައި ވެސް ފަނޑިޔާރުން އިސްކަންދޭންޖެހޭކަމަށެވެ. އަދި އެއީ ހަމަހަމަކަމާއި އެއްގޮތްކަން ކޯޓުތަކުގެ ހުކުމްތަކުގައި ގެނެސްދިނުމަށްޓަކައި މުހިންމުކަމެއްގެ ގޮތުގައި ވެސް އުއްތަމަ ފަނޑިޔާރު ސިފަކުރެއްވިއެވެ.

"ގާނޫނު އަސާސީއާއި ގާނޫނުގައި ހިފަހައްޓާ އޭގެން ކުރިއަށް ވަޑައިގަންނަަވަން މި ޖެހެނީ، މިގޮތަށް ކުރިއަށް ވަޑައިގަންނަވާއިރުގައި ދިރާސާކުރައްވާ ގާނޫނުތަކަށް ފަރިތަވެވަޑައިގަތުން ވަރަށް މުހިންމު،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި ހުކުމްކުރާއިރު އެ ހުކުމް ރައްދުވާ ފަރާތަށް ސާފުކޮށް އެނގޭނެހެން ހުކުމް ބައްޓަންކުރުމަށް އުއްތަމަ ފަނޑިޔާރުވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ހުކުމް ލިޔާއިރު އެ ހުކުމް ގިނަ ބަޔަކާ މަޝްވަރާކޮށްގެން ލިޔުމަކީ ވެސް އެންމެ އެދެވިގެންވާކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

"އަދުލު އިންސާފު ގާއިމްކުރުމުގެ ޒިންމާއަކީ އަޅުގަނޑުމެންގެ ބޯމަތީގައި މިއޮތް އުޑުގެ ބަރުމިނަށްވުރެ ލުއިވާނެ އެއްޗެކޭ ނުދަންނަވާނަން. ތެދުވެރިވާންޖެހޭނެ. ދެ ހަސްމުން ދޭތެރޭ ތަފާތުކުރުމެއް އޮވެގެން ނުވާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

comment ކޮމެންޓް