ސާފް ޗެމްޕިއަންޝިޕު މިރޭ ލޯންޗު ކުރަނީ، ރައީސް ބައިވެރިވެވަޑައިގަންނަވާނެ

ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ރައީސް ސޯލިހް--- ފޮޓޯ: ރައީސް އޮފިސް

ސާފް ޗެމްޕިއަންޝިޕު ލޯންޗު ކުރުމުގެ ގޮތުން މިރޭ ގަލޮޅު ދަނޑުގައި ބާއްވާ ހަފުލާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި އެފްއޭއެމްއިން ބުނެފިއެވެ.

މިރޭ ބައްވާ ހާއްސަ ހަފުލާގައި ސާފް ޗެމްޕިއަންޝިޕު ރަސްމީކޮށް އިފްތިތާހު ކުރާނެއެވެ. މިރޭގެ ހަފުލާގައި ސާފް ޗެމްޕިއަންޝިޕުގެ ލޯގޯގެ އިތުރުން މުބާރާތް ފޯރިގަދަ ކުރުމަށް އެފްއޭއެމްއިން ކުރަން ނިންމާފައިވާ ކަންކަން އިއުލާން ކުރާނެ ކަމުގައި އެފްއޭއެމްގެ ޒެނެރަލް ސެކެޓްރީ ހުސެން ޒަވާޒް ވަނީ ވިދާޅުވެފައެވެ.

މިހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެއެވެ.

އަންނަ މަހު އެކަކުން 16އަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ނޭޕާލް، ސްރީ ލަންކާ، އިންޑިއާ އަދި ބަންގްލަދޭޝްއެވެ.

ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭނެއެވެ. ރާއްޖެ ފުރަތަމަ މެޗުގައި ވާދަކުރަން ޖެހެނީ އޮކްޓޫބަރު އެއް ވަނަ ދުވަހު ނޭޕާލް އާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ހަތް ވަނަ ދުވަހު ބަންގްލަދޭޝް އާ ދެކޮޅަށް ނިކުންނައިރު 10 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ލަންކާއާއެވެ. ފަހު މެޗުގައި އޮކްޓޫބަރު 13 ވަނަ ދުވަހު ރާއްޖެ ކުޅޭނީ އިންޑިއާ އާ ދެކޮޅަށެވެ.

މުބާރާތައް ނިކުންނައިރު ރާއްޖެ އަކީ އެންމެ ފަހުގެ ސާފްގެ ޗެމްޕިއަނުންނެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައި ތަށި ރާއްޖެއިން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

comment ކޮމެންޓް