އަދިވެސް ގޯލު ޖެހޭ ވަރު މަދު: ހާލަންޑް

ޑޯޓްމުންޑް މެޗެއްގައި ލަނޑު ޖެހުމަށްފަހު ހާލަންޑް ކެމެރާއަށް އިޝާރާތް ކޮށްލަނީ--- ފޮޓޯ: އޮޓީ

ކުޅޭ މެޗުގެ އަދަދަށް ވުރެ ގިނަ ލަނޑު ޖަހަން ބޭނުންވާ ކަމުގައި ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ބުނެފިއެވެ.

ޖަރުމަން ބުންޑަސް ލީގާގައި ބަޔާން ލެވަކޫސަން އާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗުގައި ހާލަންޑް ވަނީ ދެލަނޑު ޖަހާފައެވެ. ޑޯޓްމުންޑްއިން 4-3 ކުރި ހޯދި މެޗަކީ ހާލަންޑް އެކްލަބަށް ކުޅުނު 65 މެޗެވެ. ހާލަންޑް މިހާރު ވަނީ ކްލަބަށް 65 ގޯލު ޖަހާފައެވެ.

ދުނިޔޭގެ އެންމެ ނުރައްކާ ފޯވާޑުންގެ ލިސްޓުގެ ކުރީގައި އުޅޭ 21 އަހަރުގެ ހާލަންޑް ވަނީ ނޯވޭގެ ގައުމީ ޓީމަށް ކުޅުނު 15 މެޗުން 12 ލަނޑުވެސް ޖަހާފައެވެ.

ގޯލާ ރައްޓެހި ހާލަންޑްއަކީ ގިނަ ބަޔަކު ސިފަ ކުރަނީ ގޮތުގައި ދުނިޔޭގެ ފުޓުބޯޅައިގެ މުސްތަގުބަލެވެ. ނޯވޭގެ ބްރީން-2އިން ފުޓުބޯޅަ ކެރިއަރު ފެށި ހާލަންޑް ވަނީ ފުރަތަމަ ސީޒަނުގައި ކުޅުނު 14 މެޗުން 18 ލަނޑު ޖަހާފައެވެ.

އެއަށްފަހު ހާލަންޑް ބަދަލުވީ ނޯވޭގެ ގަދަ ބާރު މޯލްޑްއަށެވެ. ނޯވޭގެ އެއްވަނަ ޑިވިޝަނުގައި އޭނާ ވަނީ ދެސީޒަނުގައި ކުޅެ 14 ލަނޑު ޖަހާފައެވެ.

މޯލްޑްގައި ދެއްކި މޮޅު ކުޅުމާއެކު ހާލަންޑްގެ ސޮއި ހޯދީ އޮސްޓްރިއާގެ އެންމެ ވަރުގަދަ ކްލަބް ރެޑްބުލް ސަލްޒްބާގްއިންނެވެ. ސަލްޒްބާގްގައި ހޭދަކުރި އެއްހަރުގެ ތެރޭގައި ހާލަންޑް ވަނީ 16 މެޗު ކުޅެ 17 ގޯލު ޖަހާފައެވެ.

ދުނިޔޭގެ ބޮޑެތި ގިނަ ކްލަބުތަކުން ހާލަންޑްގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ޑޯޓްމުންޑްއަށް ބަދަލުވީ 20 މިލިއަން ޔޫރޯގެ އަގަކަށެވެ.

ބުންޑަސްލީގާއަށް ބަދަލުވުމަށްފަހުވެސް ހާލަންޑްގެ ފަރާތުން ފެނިގެންދަނީ މޮޅު ކުޅުމެކެވެ. ލީގުގައި ޑޯޓްމުންޑްއިން ޖަހާ ގޯލުތަކުގައި އޭނާގެ ހިއްސާ ބޮޑެވެ. ނަމަވެސް ހާލަންޑް ގަބޫލުކުރާ ގޮތުގައި އޭނާ ބޭނުންވާ ވަރަށް އޭނާއަށް މެޗުތަކުގައި ގޯލު ނުޖެހެއެވެ.

"އަހަރެން ބޭނުންވާ ވަރަށް ލަނޑު ނުޖެހޭ. ކުޅޭ މެޗުގެ އަދަދަށް ވުރެ ގިނައިން ލަނޑު ޖަހަން އަހަރެން ބޭނުން." ނޯވޭގެ ޓީވީ-2އަށް ދިން އިންޓަވިއުއެއްގައި ހާލަންޑް ބުންޏެވެ.

ނޯވޭގެ ގައުމީ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހާލަންޑް ބުނީ ގައުމީ ޓީމުގެ ލަނޑު ލިސްޓުގެ އެއްވަނަ މަގާމު އޭނާ ބޭނުންވާ ކަމަށެވެ.

ނޯވޭ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ކުރީގެ އެއްވަނަ ފޯވާޑް ޔާގަން ޔޫވްއެވެ. ޔޫވް ވަނީ ނޯވޭ ގައުމީ ޓީމަށް 45 މެޗުން 33 ލަނޑު ޖަހާފައެވެ.

comment ކޮމެންޓް