ޕައިލެޓުންގެ މުސާރަބޮޑުކުރަން މޯލްޑިވިއަންއިން ނިންމުމުން އިހުތިޖާޖު ހުއްޓާލައިފި

މޯލްޑިވިއަންގެ ކްރޫ--- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގައި މަސައްކަތްކުރާ ޕައިލެޓުންގެ މުސާރަ ބޮޑުކޮށްދޭން ކުންފުނީގެ މެނޭޖްމަންޓުން އެއްބަސްވެއްޖެއެވެ.

ކުންފުނީގެ ޕައިލެޓުންގެ މުސާރައިން 40 ޕަސެންޓަށް ކުޑަކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މުސާރަ ބޮޑުކޮށްދީފައިނުވާތީ ޕައިލެޓުން އައީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއަދު އޮޕަރޭޝަންސް އަށް ނުނިކުމެ، އިހުތިޖާޖުކުރަން ވެސް ނިންމިއެވެ.

"ސަން" އާ ވާހަކަ ދެއްކި ޕައިލެޓަކު ބުނީ އިހުތިޖާޖު ހުއްޓާލަން ނިންމީ މެނޭޖްމަންޓާ ބައްދަލުކުރުމަށްފަހު، ކުރީގެ މުސާރަ އިއާދަކޮށްދޭން އެއްބަސްވުމުން ކަމަށެވެ.

އޭނާ ބުނީ މީގެ ކުރިން ވެސް ޕައިލެޓުންގެ ކަންބޮޑުވުންތައް މެނޭޖުމަންޓާ ހިއްސާކޮށްފައިވާނެ ކަމަށާއި އެހެންނަމަވެސް ހައްލެއް ނުލިބޭ ކަމަށެވެ.

"މީގެ ހަ މަހެއް ހާ ދުވަސްކުރިން ވެސް ޕައިލެޓުންގެ ކަންބޮޑުވުންތައް ހިއްސާކުރިން. އެކަމަކު އެންމެ ފަހުން ވެސް މެނޭޖްމެންޓުން ވިދާޅުވީ މުސާރަ ބޮޑު ކުރެވޭނެ ކަމަށް ފައިނޭންސުން ބުނެފައިވާ ކަމަށް. މީގެ ކުރިން އެކަމަށް މަސައްކަތްކޮށްފައިވާތަނެއް ނުފެނޭ" ޕައިލެޓު ކިޔައިދިނެވެ.

އޭނާ ބުނީ އަނގަ ބަހުން އެއްބަސްވި ނަމަވެސް އެކަމަށް ބަލާނީ މިއަދު ހަވީރާ ހަމައަށް ކަމަށެވެ. އަދި ހަވީރު ހަތަރެއްގެ ކުރިން މުސާރައަށް ބަދަލުގެނައި ކަން ލިޔުމުން އަންގަން ޕައިލެޓުން ވަނީ ޑިމާންޑުކޮށްފައެވެ.

މުސާރައާ ގުޅުން ހުރި ކަންބޮޑުވުންތަކުގައި ޕައިލެޓުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ވެސް ބައްދަލުކުރަން ނިންމާފައެވެ.

ރައީސް އޮފީހުގެ ސްޕޯކްޕާސަން މަބްރޫކް އަޒީޒް ވަނީ މިކަން "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އެ ބައްދަލުވުން 12 ޖެހިއިރު ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް