ހިޔާ ފްލެޓް ބަދަލު ކުރަން ހުށަހަޅާފައިވާ މީހުން އެއްބަސްވުމުގައި ސޮއި ކުރަން ފަށައިފި

ޖޫން 28، 2021: ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ފްލެޓްތައް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ހިޔާގެ އެހެން ފްލެޓަކަށް ބަދަލުވާން ހުށަހަޅާފައިވާ މީހުން އެކަމާ ބެހޭ އެއްބަސްވުމުގައި މިއަދު ސޮއި ކުރަން ފަށައިފިއެވެ.

ހިޔާ ފްލެޓް ބަދަލު ކުރަން ބޭނުންވާ މީހުންގެ ތެރެއިން މިއަދާއި މާދަމާ އެއްބަސްވުމުގައި ސޮއި ކުރަން ފުރުސަތު ދީފައި ވަނީ އެ އެއްބަސްވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ މީހުންނަށެވެ.

އެ އެއްބަސްވުންތަކުގައި ސޮއި ކުރުން އޮންނާނީ ހުޅުމާލޭ ހުރަވީ ސްކޫލްގައިއެވެ. އަދި އެޗްޑީސީން ވަނީ މިއަދާއި މާދަމާ އެއްބަސްވުމުގައި ސޮއި ކުރެވޭނެ މީހުންގެ ލިސްޓާއި އެމީހުން ހާޒިރުވާން ޖެހޭ ގަޑި އާއްމުކޮށްފައެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރަން ހާޒިރުވާ މީހުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި، އެއްބަސްވުމުގައި ސޮއި ކުރާ މީހާގެ ހެކިވެރިއަކު ގެންދިޔުމާއި ހެކިވެރިއާގެ އައިޑީކާޑުގެ ކޮޕީއެއް ގެންދިޔުން މުހިއްމު ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ.

ހަމައެހެންމެ ފްލެޓުގެ ވެރިފަރާތުގެ ބަދަލުގައި "ޕަވާ އޮފް އެޓާނީ"އެއް ހާޒިރުވާ ނަމަވެސް ހެކިވެރިއަކު ގެންދިޔުމަށް އެޗްޑީސީން އެދިފައިވެއެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކޮންމެ މީހަކުވެސް އަމިއްލަ ގަލަމާއި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "ދެލި ޕެޑް" ގެންދިޔުން އެދެވިގެންވާ ކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް