ލުކާކޫގެ ދެ ލަނޑާއެކު ޗެލްސީ ދެވަނައަށް

ޗެލްސީގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ--- ފޮޓޯ: އިންޑިޕެންޑެންޓް

ރޮމެލޫ ލުކާކު ޖެހި ދެލަނޑާއެކު އެސްޓަން ވިލާ ބަލިކޮށް ޕްރިމިއާ ލީގުގެ ދެވަނައަށް ޗެލްސީ ޖެހިލައިފި އެވެ. މެޗު ޗެލްސީ 3-0 ކާމިޔާބުކޮށް ވަނީ ދިހަ ޕޮއިންޓު ހަމަކޮށްފަ އެވެ. އެއްވަނަ މަގާމުގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ ޕޮއިންޓުގެ ގޮތުން އެއްވަރެވެ.

މެޗުގެ 15 ވަނަ މިނިޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ ލުކާކޫ އެވެ. މިލަނޑު ލުކާކޫ ޖެހީ މަޓިއޯ ކޮވަސިޗް ދިން ބޯޅައަކުންނެވެ.

ޗެލްސީއިން ލީޑު އިތުރަށް ފުޅާކޮށްލީ 49 ވަނަ މިނިޓުގައި ކޮވަސިޗް ޖެހި ލަނޑާއެކު އެވެ. ޗެލްސީގެ ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓުގައި ޖެހީ ލުކާކޫ އެވެ. މިލަނޑު އޭނާ ޖެހީ އަޒްޕިލިކުއެޓާ ހުސްކޮށްލާފައި ކުޅުނު ބޯޅައަކުންނެވެ.

ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ޗެލްސީއިން ކުޅުނު ނަމަވެސް އެސްޓަން ވިލާއިން ވަނީ ކައުންޓާ އެޓޭކުގައި ޗެލްސީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް އެޓީމުން އުފެއްދި ހަމަލާތަކުގެ ބޭނުން ހިފައި ޗެލްސީގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

އެސްޓަން ވިލާ މިހާރު އޮތީ ޕްރިމިއާ ލީގު ތާވަލުގެ 12 ވަނަ މަގާމުގައި ހަތަރު ޕޮއިންޓާއެކު އެވެ. ލީގުގައި ވިލާ ކުރިއަށް އޮތް މެޗުގައި ވާދަކުރަން ޖެހެނީ އެވަޓަން އާ ދެކޮޅަށެވެ. ޗެލްސީ ލީގުގައި އެންމެ އަވަހަށް ކުޅޭ މެޗުގައި ވާދަކުރާނީ ޓޮޓެންހަމް އާ އެވެ.

comment ކޮމެންޓް