"އަމިއްލަ އަތުން ލޯބިވާ ދަރިފުޅު ގަތުލު ކުރެވުނު ވާހަކަ އަހަރެން ވީ މުޅި ރަށުގަ އިސްތިހާރުކުރަންތަ؟... ހުރިހާ ކަމެއް ވެ ނިމުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައޭ... ބުނެފީމެއްނު އަހަރެން ހުރީ ބިރުންނޭވެސް... އެ ދެ މީހުންނަށް ވެސް ހަމަލާ ދެވުނީ ކޮން ބައެއް ކަން ނޭނގި... ދިމާވި ހުރިހާ ކަމަކަށްފަހު، އަހަރެން ހުރީ ހާދަ ބިރަކުންނޭ... އެ ބިރު އަހަރެންގެ މުޅި ދުނިޔެ އަނދިރި ކުރީ..." މޭޒުގައި ބޯ އަޅައިލަމުން އިގްބާލު ބުންޏެވެ.

"ދެން ކީއްވެ އަމިއްލަ އަނބިމީހާ މަރާލީ؟... އެއީވެސް ނޭނގިގެން ކުރެވުނު ކަމެކޭތަ ތި ބުނީ؟... ހުރިހާ ހެއްކެއް މިހުރީ އިގްބާލާ ދެކޮޅަށޭ... ހަމްދޫނާގެ ހަށިގަނޑާ، ނިޔާމާއާ ރާއިދުގެ ހަށިގަނޑުން ފެނުނު ހެކިތަކުންވެސް އިގްބާލަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތް... އިތުރަށް ސިއްރުކުރުމުގެ އެއްވެސް ބޭނުމެއް ނެތް... ކުރިން ތެދަށް ކިޔައިދިންނަމަ، އަނބިމީހާގެ ފުރާނަ ސަލާމަތްވެފަ، އަދަބު ވެސް ލުއިވީސް... އެކަމަކު، މިހާރު ތިހުރީ ގަސްދުގަ މީހަކު މަރާފަ...." ކާވިން ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ.

********

"ކަލޭމެން ތީ ދޮގުހަދާ ބައެއް... އަހަންނަށް ކަލޭމެންގެ ގޮތް އެނގޭ... ކަލޭމެން އެންމެންނަކީ ވެސް އެއްކަހަލަ މީހުން... އަހަރެން ހައްޔަރެއް ނުކުރެވޭނެ... ބުނެފީމެއްނު އެކަން ކުރީ ގަސްދުގައެއް ނޫނޭ... ނޫނޭ... ބުނެފީމެއްނޫންހޭ.." އިގްބާލު ހަޅޭއްލަވައިގަތެވެ. "ހަމްދޫނާގެ ކައިރީ ވެސް ކިތައް ފަހަރު އެ ވާހަކަ ބުނާނީ... އިނދެގެން އުޅޭ އަނބިމީހާ، ފިރިމީހާގެ ވާހަކަ ޤަބޫލު ނުކުރީމަ، ކޮންމެ މީހަކު ވެސް ރުޅި އަންނާނެ... ހަމްދޫނާ އަހަންނާ ދިމާއަށް ބުނީ ކީކޭ ކަން އެނގޭތަ؟... އޭނ؟...."

އިގްބާލުގެ އަޑު އަނެއްކާވެސް ގަދަ ވިއެވެ. އޭނަ ވީހާވެސް ބޮޑަށް މޭޒާއި ކައިރިއަށް ޖެހިލިއެވެ. އޭރު އެ ދޮލުން ކުރިން ފެންނަމުން ދިޔަ ހިތާމައިގެ އަސަރެއް ނެތެވެ. ބަދަލުގައި ފެންނަމުން ދިޔައީ، ނަފުރަތެވެ.

"އޭނަ ބުނީ ތީ މީހުން މަރާ މީހެކޭ... އަހަރެން މަސައްކަތް ކުރިން، ހަމްދޫނާއަށް ވިސްނައިދޭން... އަނިޔާއެއް ނުދީ ވޭތޯވެސް ބެލިން... އެކަމަކު އޭނަ އަހަރެން ރުޅި އެރުވީ.... އަހަރެން މީ މީހުން މަރާ މީހަކަށް ހެދި މީހަކީ ހަމަ ހަމްދޫނާ.... އޭނަ ބުނީ ދަރިފުޅު މަރާލިގޮތަށް އޭނަ ވެސް މަރާލާށޭ... އަހަރެން ކަންތައް ކުރީ ހަމްދޫނާ ބުނި ގޮތަށް... އަހަރެން އަމިއްލަ އާއިލާދެކެ ވީ ލޯބީގެ ބަދަލު ލިބުނު ގޮތަކީ މީ... އަހަރެން މިކުރީ ކުށެއްތަ؟..."

ކާވިން ނުވެސް ވިސްނާ އިންދައި އިގްބާލް ފެށީ ހޭށެވެ. ހީހީފައި ރޯން ފެށިއެވެ. ދެން ކީ އެއްޗެއް ކާވިންއަށް ސާފުވާގޮތެއް ނުވިއެވެ.

"މިހާރު އެއޮތީ އެކަން ހަގީގަތަކަށް ހަދާފަ... ހަމްދޫނާ ހީކުރީތަ، އަހަންނަށް އެކަން ކުރަން ނުކެރޭނެއޭ؟... މިހާރު އަހަންނާ ދިމާއަށް އެހެން ކިޔާކަށް އެ ހަމްދޫނާއަކަށް ނާދެވޭނެ..." ހީހީފައި އިގްބާލް ވާހަކަ ދެއްކިއެވެ.

އަމިއްލަ އަނބިމީހާ ހަމްދޫނާ އާއި ދަރިފުޅު ނިޔާމާގެ އިތުރުން ދަރިފުޅުގެ ލޯބިވެރިޔާ ރާއިދުގެ މަރުގެ ދައުވާ އަމިއްލަ އިއުތިރާފާއި، ލިބުނު ހެއްކާއިއެކު، އިގްބާލުގެ މައްޗަށް ސާބިތު ވިއެވެ.

މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނޫސްވެރިންތައް ފުލުހުންގެ އިދާރާ ވަށައިލި އެވެ. ރާއިދުގެ އާއިލާއިން އިގްބާލަށް މަރުގެ އަދަބު ދިނުމަށް އެދެމުން ދިޔައެވެ. ހަމަ އެގޮތަށް އިންސާފު ނުލިބިގެން ޒުލޭހާގެ އާއިލާއިން އަޑު އުފުލަން ފެށިއެވެ.

ތަހުގީގު ނިންމައިލެވުނު ނަމަވެސް، ކާވިންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޒުލޭހާ އާއި ޒަހުރާގެ މަރަށް އިންސާފު ހޯދައިދިނުމަށްފަހުގައި ނޫނީ އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެކަން ކުރަން ފަސޭހަ ނުވާނޭ ކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ ހުދު ކާވިންއެވެ.

ދާރިޔާގެ ހަނދާންތަކުން ކާވިންގެ ހިތަށް އުނދަގޫ ކުރަން ފެށުމުން، އޭނާ މޭޒުގައި ބޯ އަޅާލިއެވެ. ކާވިންގެ ބޮލުގައި ގަދަޔަށް ރިއްސަމުން ދިޔައެވެ. ތަހުގީގު ހޯލުގެ ތެރެއަށް އީން ގޮސް ވަނީ ކާވިން އެހެން އޮއްވައެވެ. އިދާރާގެ ކައިރިއަށް މީހުން އެއްވެ، ކާވިން އާއި ބައްދަލު ކުރުމަށް އެދެމުންދާތީ، އީން ހުރީ ހާސްވެފައެވެ. އީން ގޮސް ކާވިންގެ ކައިރީގައި ހުއްޓުނެވެ. ފަސްވަރަކަށް މިނެޓު ވީއިރުވެސް ކާވިން ބަލައިނުލުމުން، އީން އުޅުނީ، އެތަނުން ނުކުންނާށެވެ. ކާވިން އެއްލި އަތުން އީންގެ އަތުގައި ހިފައި ހުއްޓުވިއެވެ. އީން ނުވެސް ވިސްނާ ހުއްޓައި، އަތަށް ދަމައިލިގޮތަށް ކައިރިކޮށްލިއެވެ. ސިހިފައި ހުރި އީންއަށް އިތުރު ސިހުމެއް ލިބުނީ، ކާވިން އޭނާގެ އުނަގަނޑުގައި ހިފަހައްޓައިލުމުންނެވެ. އޭރުވެސް ކާވިން އޮތީ މޭޒުމަތީގައި ބޯ އަޅައިލިގޮތަށެވެ.

"ދާޔާ!... މިހެން އިރުކޮޅަކު ހުރެދީފާނަންތަ؟..." ކާވިން އެދުނެވެ. "ޕްލީޒް..."

އީންއަށް ސިހުމެއް ލިބުނެވެ. ކާވިން އީން އާއި މުހާތަބު ކުރީ، ކޮން ނަމަކުން ހެއްޔެވެ؟ އެއީ ދުވަހަކު ވެސް މީހަކު އީންއަށް މުހާތަބުކޮށްފައިވާ ނަމެއް ނޫނެވެ.

އީންގެ ސިކުނޑީގައި އައިސް ޓަކިދިނީ، މާޒީގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އޭނާ ރަހީނުކުރި ދުވަހު އެކްސް ބުނި ޖުމްލަތައް ކަންފަތް ކައިރީގައި ގުގުމައިލި ހެން އީންއަށް ހީވިއެވެ. އެދުވަހު އެކްސް ވަނީ ދާރިޔާގެ ނަމުން އޭނަ އާއި މުހާތަބު ކޮށްފައެވެ. ކާވިން އޭނާގެ ވާހަކަ ނިސްބަތްކުރީ ދާރިޔާއަށް ކަމުގައި ވަނީނަމަ، އެ ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އޮންނާނޭ ކަން އީންއަށް ކަށަވަރު ވިއެވެ. އެކަމަކު، ދާރިޔާ އާއި ކާވިން އާއި ދެމެދު އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ކާވިން އެފަދަ ގާތް ގުޅުމެއް އީން އާއި ބާއްވަމުންދިޔަ ސަބަބަކީ، ދާރިޔާގެ ސިފަ އީންއަށް ލިބިފައިވުން ހެއްޔެވެ؟

ތަފާތު ފިކުރުތަކުން އީންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހިތަށް ތޫނު ކަށިތަކެއް ހެރެމުންދާކަމުގެ އިހުސާސް އީންއަށް ކުރެވެން ފެށިއެވެ. އީންގެ ހިތަށް ލިބިފައިވި ކުޑަކުޑަ އުފާ ހިނދުކޮޅެއްގެ ތެރޭގައި ނެތިގެން ދިޔައެވެ. ދާރިޔާ އާއިމެދު އީންގެ ހިތުގައި ހަސަދަވެރިކަމެއް އުފެދުނީ، އޭނަ އެގޮތް ބޭނުންވެގެނެއް ނޫނެވެ. ކާވިންއަށް ދާރިޔާ މާ މުހިއްމުވުމުންނެވެ. އީންއަކީ ދާރިޔާގެ މަގާމު ފުރާލަން ހުރި މީހެއްގެ ގޮތުގައި އިހުސާސްވުމުންނެވެ. އެހެން މީހެއްގެ މަގާމު ފުރައިދޭ މީހަކަށް ވާކަށް އީން ބޭނުމެއް ނުވިއެވެ. އެކަމަކު، ކާވިން އެހެން ހެދުމުން ދުރަށްދާކަށް ނުކެރުނެވެ. ހަދަންވީ ގޮތެއް ނޭނގި ގަބުވެފައި އީން ހުއްޓައި، ކާވިން ތެދުވިއެވެ. ހަމަ އެހާ އަވަހަށް އީން އާއި ދުރަށްޖެހިލިއެވެ. އީންގެ ހިތުގައި ކުރިއަށްވުރެ ބޮޑަށް ރިއްސާލިއެވެ.

"ސޮރީ... ކުޑަކޮށް ނިދުނީ..." ދެ އަތް ޖީބަށް ކޮއްޕައިލަމުން ކާވިން ބުންޏެވެ.

ކާވިންގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. އީންއަށް ހިތި ގޮތަކަށް ހިންދިރުވައިލެވުނެވެ. ނޭނގި ހުއްޓައިވެސް ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އީން އިސްޖަހައިލީ އެ ކަރުނަތައް ފޮރުވުމަށެވެ. ހާލަތުގެ ގޮތުން އެއްވެސް ސުވާލެއް ކުރާކަށް އީން ބޭނުމެއް ނުވިއެވެ. އެކަމަކު ހަގީގަތާއި ހަމައަށް ވާސިލުވުމުގެ ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ.

އީން އުޅުނީ އެތަނުން ދާށެވެ. ކާވިން އީންގެ އަތުގައި ހިފައިލިއެވެ.

"ސޮރީ..." ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ކާވިން ބުންޏެވެ. "ހިތުގަ ކިތަންމެ ވަރަކަށް ފޮރުވާފަ ބޭއްވިޔަސް، އަހަރެން ކައިރީ ނުބުނަންޏާ، އީން ބުނަން ބޭނުންވާ އެއްޗެއް އަހަންނަކަށް ނޭނގޭނެ..."

އީން ހިތުގައި ޖެހުނީކަން ކާވިންއަށް އެނގުނު ކަހަލައެވެ.

"އަހަރެން މީ ކާކުކަން އަހަންނަށް އެބަ އޮޅޭ؟... އެހެންމީހުންނާ އަހަރެން ތަފާތު ވަނީ ކީއްވެކަމާމެދު ސުވާލު އުފެދޭ؟..." އީންއަށް ބުނެވުނެވެ. ދެ ތުންފަތް ފިއްތައިލި ނަމަވެސް، އީންގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. "އަހަންނަށް ހީވަނީ، އަހަންނަކީ ކޮންމެވެސް މީހެއްގެ ބަދަލު..."

އީންއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ގިސްލާފައި ރޮވެން ފެށިއެވެ. ކާވިން އޭނާގެ ދެ އަތުގެ ތެރޭގައި އީން ބޮނޑިކޮށްލިއެވެ. އެންމެ އަމަލަކުން އެތައްހާސް ވާހަކަތަކެއް ބުނެދިން ކަހަލައެވެ. އަނގައިން އެންމެ ލަފުޒެއް ބޭރު ނުކުރިކަމުގައިވީ ނަމަވެސް، ކާވިންގެ ހިތުގެ އަޑު އީންއަށް އިވުނެވެ. ހިތްއެދޭ ބައިވެރިޔާގެ ދެއަތުގެ ހިމާޔަތް ލިބުނުކަމުގެ އިހުސާސް ކުރެވުމުން އީންގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަންދަތި އުފަލެކެވެ. އީން ބޭނުންވީ، ކާވިންގެ މޭގައި ފޮރުވިލައިގެން އެތައް ދުވަހެއް ވަންދެން ހުންނާށެވެ.

********

ހަވީރުވީއިރު، އުޑުމަތި ބަނަކޮށްލައިފިއެވެ. ވިއްސާރައިގެ ކުލަވަރު ދުނިޔެމަތިން ދައްކާލަން ނެގީ ހިނދުކޮޅެކެވެ. ކޮޓަރިން ނުކުމެގެން އައި އީން މިސްރާބުޖެހީ ފުލުހުންގެ އިދާރާއަށް ވަނުމަށެވެ. ޔުނާން އާއި ނުހާމް ވާހަކަ ދައްކަން ތިބިތަން ފެނުމުން، އީންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭނަ އުޅުނީ އެމީހުންގެ ފުރަގަހުން ގޮސް، އެންމެން ސިއްސުވައިލާށެވެ. އެކަމަކު ވަކި ހިސާބަކުން އީންގެ ނިޔަތް ބަދަލުވެއްޖެއެވެ. އެ މީހުން ދައްކަމުންދިޔަ ވާހަކައެއް އަޑު އިވުމުންނެވެ. ޔުނާން ދާރިޔާގެ ނަން ކިޔައިލިހެން އީންއަށް ހީވިއެވެ.

"ނުހާމް!... އަހަރެން ވަރަށް މަސައްކަތުން ދާރިޔާގެ މަންމަގެ ފޮޓޯއެއް ހޯދައިފިން... ވަރަށް ނުސާފު ފޮޓޯއެއް ލިބޭ ވަރުވީ... ހީވަނީ ވަރަށް ކުރީގެ ފޮޓޯގަނޑެއްހެން މީ... މިއޮތީނު ބަލާބަލަ..." ނުހާމަށް ފޮޓޯގަނޑު ދިއްކޮށްލަމުން ޔުނާން ވާހަކަ ދެއްކިއެވެ. "މިވަރުން ކަލެއަށް ހީވޭތަ މިކަން ވާނެހެން؟..."

"ކަލޭ ގަދަ..." ތަސްވީރުގައި ހިފަމުން، ނުހާމް އޭނާގެ އަނެއް އަތުން ޔުނާންގެ ކޮނޑުގައި ޖަހައިލިއެވެ. "އަހަންނަށް ތިވަރުވެސް ނުވި... ކިހިނެއް ހޯދި އެއްޗެއް މީ؟... ހަމަ ގައިމުވެސް މިތާ ތެރޭން ކަމެއް ހޯދުން ވާނީ ނުވާނެ ކަމަކަށް... ބޯހަރު ކުދިންކޮޅެއް އުޅޭ ތަނެއް މީ..."

ތަސްވީރަށް ބަލައިލުމުގެ ކުރީން ނުހާމްގެ ނަޒަރު އަމާޒުވީ، ޔުނާންގެ މޫނަށެވެ.

"ސޭވްކޮށްފަ ހުރި ފައިސާކޮޅުގެ އެހީގަ..." ލާނެތް ގޮތަކަށް ހިނިގަނޑެއް ޖަހައިލަމުން ޔުނާން ބުންޏެވެ.

"ލައްކައެއްހާ ރުފިޔާ ދޯ މީ...." ނުހާމްވެސް ހީނގަތެވެ.

"އާނ... ފައިސާއަށް ނުގަނެވޭނީ ލޯބި އެކަނި..." ޔުނާން ސަމާސާކޮށްލިއެވެ.

"ބޭރު މީހެއް ދޯ މީ؟... ހާދަ ކޮމްޕްލިކޭޓް ވިއްޔޭ މި... ކިހިނެއް މީނަގެ މައުލޫމާތު ހޯދާނީވެސް... މި މީހާގެ އެއްވެސް މައުލޫމާތެއް ލިބިފަ އެބަ އޮތްތަ؟..." ނުހާމް އަހައިލިއެވެ.

ޔުނާން އޭނާގެ ދެކޮނޑު އަރުވައިލީ، ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.

"ޔުނާންއަކަށް ނުފެނޭތަ އަދިވެސް މިކަންތައް އީންއަށް އަންގާކަށް؟... މަށަށް ހީވަނީ، މި ހުރިހާ ކަމެއް މިހުރީ ގުޅިފަހެން... މީ ކާކު ކަން އީންއަށް އެނގިދާނެ... އޭނަގެ މަންމައަކީވެސް ބޭރު މީހެއްނު... އެ ގައުމުގެ މީހަކާ ވަރަށް ވައްތަރު މީހެއްދޯ މިވެސް.... މިކަން ތަންކޮޅެއް ފަސޭހައިން ހައްލުވާނީ ވެސް އޭރުންހެން ހީވަނީ.." ނުހާމް ހާމަކުރީ އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތެވެ.

ފުލުހުންގެ އިދާރާގެ ތެރެއިން ނުކުމެގެން އައި ލަޔާންއަށް ނުހާމްމެންގެ ފަހަތުގައި ހުރި އީން ފެނުނެވެ. ނުހާމް ބުނި އެއްޗެއް އަޑު އިވުމުން ލަޔާން އެ ދިމާއަށް ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ. އެ މީހުން ދައްކަނީ، އީން އާއި ގުޅުންހުރި ވާހަކައެއްކަން އެނގުމުންނެވެ. ކަންތައް ގޯހުން ގޯހަށް ގޮސްފިކަން ލަޔާންއަށް އެނގުނީ އީންގެ މޫނުމަތީގެ އަސަރުތައް ހުރިގޮތް ފެނުމުންނެވެ. ލަޔާން ތަންކޮޅެއް ދުރުގައި މަޑުކުރީ، އީންއަށް ފެންނަގޮތަށް އެކަމުގެ ތެރެއަށް ނުވަންނަން ނިންމައިގެންނެވެ.

"އޭ ކަލޭ އައިސްބަލަ..." ލަޔާން ފެނުމުން، ނުހާމް ގޮވަން ފެށިއެވެ. ލަޔާން ދިޔުމުން ނޫނީ، ގޮވުން ހުއްޓައެއް ނުލިއެވެ.

"މީ ދާރިޔާގެ މަންމަޔޯ..." އަތުގައި އޮތް ތަސްވީރު ދައްކައިލަމުން ނުހާމް ބުންޏެވެ.

ލަޔާންއަށް އޭނަގެ ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ. ލޮލުގެ ހިމަކޮޅުން އޭނަ އީންއަށް ބަލައިލިއިރު، އީންގެ މޫނުމަތިން ފެންނަމުންދިޔައީ ކޮން ކަހަލަ އަސަރުތަކެއް ކަމެއް ނަގައެއް ނުގަނެވުނެވެ. ލަޔާން އޭނާގެ ލޮލުގެ އިޝާރާތުން، ނުހާމްއަށް ފަހަތުގައި ހުރި އީން ދައްކަން މަސައްކަތް ކުރިއެވެ.

"ނުހާމް!... އަހަންނަކަށް އަދި ނުފެނޭ އީން ކައިރީ އެއްވެސް ވާހަކައެއް ބުނާކަށް..." ޔުނާން ވާހަކަ ދެއްކީ، ނުހާމް ކުރިން ދެއްކި ވާހަކަ އާއި ގުޅުވައިގެންނެވެ.

ޔުނާން އެހެން ބުނުމާއިއެކު، ލަޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަ ފައިން ޔުނާންގެ ފައިގައި ބޮނޑިއެއް އަޅައިލިއެވެ.

"ކަލޭ ލޮލަށް ބޮލަށް ކޯއްޗެއް ވެއްޓިގެން އުޅޭ ދުވަހެއްތަ؟..." ޖެއްސުމުގެ ރާގަކަށް ޔުނާން ބުންޏެވެ.

ޔުނާން އޭނާގެ އަތުން ލަޔާންގެ ކަނދުރާގައި އަތް އަޅުވައިލިއެވެ. އޭނަ އެގޮތަށް ހުރެ، ވަށައިގެން އެނބުރިލީ ވަގުތު، ކުރިމަތީގައި ހުރި އީން ފެނި ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދެލޯ ބޮޑުވެ، އީންއަށް ބަލަން ޔުނާން ހުރީ ބިރުވެރި އެއްޗަކަށް ބަލާހެންނެވެ. ޔުނާންއަށް ވީގޮތް ފެނި، ނުހާމް ވެސް އެދިމާއަށް ބަލައިލިއެވެ. އޭނައަށް ވެސް ވީ ޔުނާންއަށް ވީ ވަރެވެ.

އީންގެ ނަޒަރު އަމާޒުވީ، ނުހާމްގެ އަތުގައި އޮތް ތަސްވީރަށެވެ. އޭނަ ކުރިއަށް ޖެހިލައި، އެ ތަސްވީރު އަތުލިއެވެ. ތަސްވީރަށް ބަލައިލުމާއިއެކު، އީންގެ ދެލޮލަށް ކަރުނަ ޖަމާވާން ނެގީ، ހިނދުކޮޅެކެވެ. ދެބުމަ ގޮށްޖަހައިލަމުން ކުރިމަތީގައި ތިބި ތިން މީހުންނާއި ދިމާއަށް އޭނަ ބަލައިލިއެވެ. ހިތްދަތިކަމާއި ރުޅިވެރިކަން އެކުލެވޭ އެ ނަޒަރުން އެ އެންމެންގެ ހިތްތަކަށް އަސަރު ކުރުވިއެވެ. ލަޔާން މަޑުމަޑުން ޔުނާންގެ އަތްދަށުން ދެމިގަތެވެ. އޭނަ ނުހާމް އާއިއެކު، ފަސް ފަހަތަށް ޖެހެމުން ގޮސް އިދާރާގެ ތެރެއަށް ވަނެވެ.

"ވަޓް އިޒް ދިސް؟..." އަތުގައި އޮތް ތަސްވީރު ދައްކައިލަމުން އީން ސުވާލުކުރީ، އޭނަގެ ކުރިމަތީގައި ގަބުވެފައި ހުރި ޔުނާން އަށެވެ.

ޔުނާންއަށް ބަލައިލެވުނީ ކައިރީގައި އެއްވެސް މީހަކު ހުރިތޯއެވެ. ނުހާމް އާއި ލަޔާން ވެސް ތިބީ އިދާރާގެ ތެރޭގައެވެ. ކުޑަދޮރުން އެދެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އެންމެ ބޭނުންވި ވަގުތު އެ ދެމީހުން ވެސް ދިޔުމުން، ޔުނާންއަށް ދަތްތަކަށް ބާރުކޮށްލެވުނެވެ.

"އީން!... އަހަރެން އެކްސްޕްލެއިން ކޮށްދީފާނަން..." ކުރެހިފައިވާ އަޑަކުން ޔުނާން ބުންޏެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު