"ފަހުން އަންނާނަން އިނގޭ... ސަރ ގުޅައިގެން މިދަނީ..." ނިއުޝާ ބުންޏެވެ.

ނިއުޝާ ދިޔުމުން އީން ހުރީ އަލަމާރީގެ ދޮރު ހުޅުވައިލަން ވެސް ނުކެރިފައެވެ. އޭނައޭ ކިޔައިގެން ނިއުޝާ ދެއްކި ވާހަކައިގެ އަޑު ކާވިންއަށް އިވޭނޭ ކަން އޭނައަށް ގައިމު ވިއެވެ. އީން ލަދުން މޮޔަވަނީއެވެ. ހަދާނޭ ގޮތެއް ނޭނގި ވިސްނަން އޭނައަށް އެތައް އިރަކު ހުރެވުނެވެ. އެތަނުން ދުވެ ފިލަން ހިތަށް އެރި ވަގުތުކޮޅެއްވެސް ދިޔައެވެ. އެކަމަކު އޭނަ އެތަނުން ހިނގައްޖެނަމަ، ކާވިންއަށް އެތަނުން ނުނުކުމެވޭނެ ކަން އެނގޭތީ، އީންއަށް އެކަން ވެސް ކުރާކަށް ނުކެރުނެވެ. އީން ދެކޮޅަށް ހިނގަމުން ދަނިކޮށް، ކާވިން ދޮރުގައި ޖަހައިލި އަޑު އިވުނެވެ. އެންމެ ފަހަރަކު ނޫނެވެ. ދެތިން ހަތަރު ފަހަރު ޖެހުމުން އޭނަ ގޮސް ދޮރު ހުޅުވައިލި އެވެ.

********

އީންގެ ހެދުންތަކުގެ ތެރޭގައި ފޮރުވިގެން އިން ކާވިން އޭނާއަށް ފެންނަ ވަރުވީ، ހެދުންތައް ދުރުކޮށްލުމުންނެވެ. ކާވިން އިނީ ހޫނުވެގެން ދާހިއްލާ ފޯވެފައެވެ. ކާވިންގެ މޫނު ފެނުމުން، އީން ބިރުން ހަލާކުނުވީ ކިރިޔާއެވެ. ދެބުމަ ކައިރިކޮށްލައިގެން އިންއިރު، ކާވިންގެ ނަޒަރު ހުއްޓިފައިވީ ސީދާ އީން އަށެވެ. އީން ހުރީ، ދެލޯ ބޮޑުކޮށްލައިގެންނެވެ. ކާވިން ވަކި އެއްޗެއް ނުބުނެ ނުކުމެގެން ދިޔުމުން އީންއަށް ބޮލުގައި ދެ އަތުން ހިފަހައްޓާލެވުނެވެ.

********

ތަހުޤީޤު ހޯލުގައި އިގުބާލް އިންއިރު، ޔުނާން އިނީ އޭނާގެ ކުރިމަތީގައެވެ. ލެޕްޓޮޕް ހިފައިގެން ބަޔާން ލިޔަން ލަޔާން އިނެވެ. އިގުބާލް އިސްޖަހައިގެން އިންއިރު، ޔުނާން ކުރަމުންދިޔަ އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދިނެވެ. ވިއްސަކަށް މިނެޓު ވީއިރުވެސް ބަހެއްވެސް ބުނެ ނުލިއެވެ. ޔުނާންގެ ރުޅިގަނޑު ފަޅައިގެން ނުގޮސް އިނީ ކިރިޔާއެވެ. އެވަރުންވެސް އޭނަ ކެތްތެރި ވިއެވެ. އެހެން މީހުން ފަދައިން، އަތުން ފައިން ގޯހެއް ހަދާކަށް އޭނަ ބޭނުމެއް ނުވެއެވެ.

ހަލުވި ފިޔަވަޅުތަކެއްގައި ހޯލަށް ވަދެގެން އައި ކާވިން ހުއްޓުނީ، ތަހުގީގު ހޯލުގެ އެތެރެ ފެންނަގޮތަށް ހަދާފައިވާ ބިއްލޫރިގަނޑުގެ ކައިރީގައެވެ. އޭނަ ބޭނުންވީ، އެތެރޭގައި ކުރެވެމުންދިޔަ ތަހުޤީޤުގެ ތެރެއަށް އެންމެ ފަހުން ވަންނަ މީހަކަށް ވާށެވެ. އިގުބާލް ފެނުމުން އޭނަގެ ލޭ ކެކެނީ މާ ވަރަކަށެވެ. އޭނައަށް ސިފަވަމުން ދަނީ، އީންއަށް ކުރި އަނިޔާތަކެވެ.

އިގުބާލުގެ ކޮންމެ ހަރަކާތަކަށް އޭނާ ބަލަމުންދިޔައީ ޝައުޤުވެރިކަމާއި އެކުގައެވެ. ބިޑި އަޅުވާފައިވާ ދެއަތް އޭނާގެ އުނގުމަތީގައި އޮތްއިރު، އޭނާ އިނީ އެއް އަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އިގްބާލުގެ މޫނުމަތީގެ އަސަރުތައް ހެކިދިނީ މުޅީން ތަފާތު ޝުއޫރު ތަކެކެވެ. އެއީ ޖެހިލުންވުމުގެ އަސަރުތަކެއް ކަން ކާވިންގެ ވިސްނުން ތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ.

ކޮމްޕިއުޓަރަށް ގުޅާފައިވާ ހެޑްފޯނު ނަގައި ކަންފަތަށް ޖަހައިލުމުން، އެތެރޭގައި ދައްކަމުންދިޔަ ވާހަކަ ކާވިންއަށް އިވެމުން ދިޔައެވެ. ޔުނާން ރުޅިގަދަވެފައި ކުރަމުންދިޔަ ސުވާލުތަކަށް އިގުބާލް ޖަވާބު ނުދޭތީ، ކާވިންގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެތެރެއަށް ވަނެވެ. މޭޒުގައި ބާރަށް ޖަހާލިގޮތުން އެތަނުގައި ތިބި އެންމެންނަށް ވެސް ލިބުނީ ސިހުމެކެވެ. މޭޒުގައި ދެ އަތް ވިއްދައި، އިގުބާލާއި ދިމާއަށް ގުދުވެލަމުން ކާވިން އެ މޫނަށް ބަލައިލީ، ނުރައްކާތެރި އިންޒާރެއް ދޭ ފަދައަކުންނެވެ.

ކާވިން މަޑުކުރާކަށް ނަހަދައެވެ. އިގްބާލު ލައިގެން އިން ޓީޝާޓުގެ ކަރުވަޅުގައި ހިފައި ދަމައިގަތެވެ. ޓީޝާޓު އިރައިގެން ދިޔަ އަޑާއިއެކު، އިގްބާލުގެ މޭމަތިން ބައެއް ހާމަވެއްޖެއެވެ. ހަތަރު އިނގިއްޔެއްގެ ނިޔަފަތިން ވަކި އަޅައި ދަމައިގަނެފައިވާ ނިޝާން އިގްބާލުގެ މޭމަތިން ފެންނަން ހުއްޓެވެ. ލޭހިލިފައިވާއިރު، ގިނައިރުވުމުގެ ސަބަބުން ޒަޚަމުގެ ކުލަ ވަނީ ކޮންމެވެސް ވަރަކަށް ދަނބުކުލައަކަށް ބަދަލުވާން ފަށާފައެވެ. ޔުނާންއަށާއި ލަޔާންއަށް އެކަކު އަނެކަކަށް ބަލައިލެވުނީ އެކުއެކީގައެވެ.

ނުހާމް ބުނި ފަދައިން ހަމްދޫނާގެ ނިޔަފަތިތަކުގެ ދަށުގައިވާ އިންސާނެއްގެ ހަމުގެ ބައިތަކަކީ އެއީ ކަން ކާވިންއަށް އެނގޭކަށް ގިނަ އިރެއް ނުނެގިއެވެ. އޭނާގެ ރުޅިގަނޑު ހަމައިން ނެއްޓުނަ ނުދޭން މަސައްކަތް ކުރި ނަމަވެސް، އެކަމެއް ނުވިއެވެ. ކަރުގެ ނާރުތަކަށް ލޭ އަރައި ފުފިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

"ހަޤީޤަތް ކުރިމަތިން ފެންނަން ހުރި އިރުވެސް، މަކަރުހަދާ ސިއްރު ކުރަންތަ ތިއުޅެނީ، އޭނ؟...." މޭޒުމަތީގައި ބާރަށް ޖަހައިލަމުން ކާވިން ހަޅޭއްލަވައިގަތެވެ. "ސުވާލުތަކަށް ޖަވާބު ދޭނީތަ، ނޫނީ ބޮޑު ހުކުމެއް އަންނަ ވަރުގެ ދައުވާއެއް އުފުލާފަ އުމުރު ދުވަހަށް ޖަލަށް ލާންވީތަ؟..."

"ސަރ..." ޔުނާން ތެދުވީ ކާވިންގެ އަމަލުތައް ހުރިގޮތުން ބިރުންނެވެ. ކާވިންގެ ބާރު އޭނާއަށް އެނގެއެވެ. އިގްބާލަށް އެވަރުގެ އަނިޔާއެއް ދީފިނަމަ، ބޮޑު އަނިޔާއެއް ލިބޭނެއެވެ. އެއީ ފުލުހުންގެ ތަހުގީގާއި ޚިލާފު ކަމެކެވެ. ޔުނާން ދެ ފަހަރަކު ގޮވާލުމުން ވެސް ކާވިން ބަލައެއް ނުލިއެވެ. އަތުގެ އިޝާރާތުން އެންގީ، އެއްޗެއް ނުބުނުމަށެވެ.

"ދެންވެސް ތެދުތެދަށް ކިޔައިދީ... އޭރުން ފަހަރެއްގަ އަދަބު ލުއި ވެދާނެ..." ކާވިން ވާހަކަ ދެއްކީ، ހަމަޖެހިލަން މަސައްކަތް ކުރަމުންނެވެ. އިސްޖަހައިގެން އިނދެފައި އިގްބާލް އިސް އުފުލައިލިގޮތުން ކާވިންއަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބުނެވެ.

"އެއްވެސް މީހަކަށް އަހަރެންގެ ޙާލަތެއް އިހުސާސެއް ނުކުރެވޭނެ..." އިގުބާލްގެ އަޑުގައި ވީ ރިހުމެވެ. "އަހަރެން ދައްކާ ވާހަކަ އެކަކުވެސް ގަބޫލެއް ނުކުރާނެ..."

ކާވިން ބަލައިލީ ޔުނާންގެ މޫނަށެވެ. އެ ދެމެދުގައި ބަދަލުކުރެވުނު ނަޒަރުތަކަށްފަހު، ޔުނާން އޭނާ އިންތަނުން ތެދުވެއްޖެއެވެ. ޔުނާން އެތަނުން ނުކުންނަން ދަމުން، ލަޔާންގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. ލަޔާންއަށް ވެސް އޭނާ ބުނި އެއްޗެއް ވިސްނުނު ކަހަލައެވެ. ޔުނާންގެ ފަހަތުން އޭނާ ވެސް ބޭރަށް ނުކުމެއްޖެއެވެ. އެމީހުން ގޮސް، ތަހުގީގު ހޯލުގެ ބޭރުން ހަދާފައިވާ ބައިގެ ބިއްލޫރިގަނޑު ކައިރީގައި ހުއްޓިލިއެވެ.

"މިހާރު މިތާ މިތިބީ، އަހަރެމެން ދެ މީހުން..." އިގްބާލުގެ ކައިރިއަށް ގޮނޑި ކައިރިކޮށްލަމުން، ކާވިން ބުންޏެވެ. "އިގްބާލު ދައްކާ ވާހަކަ އަހަރެން ގަބޫލު ކުރާނަން..."

އިގްބާލު ފެށީ ރޯށެވެ. ރޯނެ ވަރަކަށް ރޯން ފުރުސަތު ދީގެން ކާވިން އިނެވެ. ކޮންމެވެސް އިރަކުން ހަގީގަތް ހާމަކުރާނެ ކަން އެނގޭތީ ކާވިން އިނީ ހަމަޖެހިފައެވެ.

"އަހަރެންގެ އާއިލާގަ އަހަންނަކީ ބާކީ މީހެއް... އަހަރެންގެ ދަރިފުޅަށް ވެސް އަނބިމީހާއަށް ވެސް އަހަރެން މުހިއްމެއް ނުވި... އެމީހުންނަށް އަހަންނަކީ އެއްވެސް މީހެއް ނޫން... އަހަރެން ބުނާ ގޮތަކަށް އެކަކު ވެސް ނުހަދާ..." އިގުބާލްގެ ރުއިން ހުއްޓުމާއިއެކު، ހަގީގަތް ހާމަކުރަން ފެށިއެވެ.

"އެހެންވެގެންތަ އެމީހުން މަރާލީ؟..." ކާވިން ދިޔައި ސީދާ މައުޟޫޢު އަށެވެ.

"އެއީ އަހަރެން ބޭނުންވެގެން ވީކަމެއް ނޫނޭ..." އިގްބާލުގެ ނަޒަރު ތަފާތުވިއެވެ. "އެއީ އެމީހުން ބޭނުންވި ގޮތް... އެމީހުން އަމިއްލައަށް ކުރި ކަމެއް އެއީ..."

"ތިބުނީ، އެމީހުން މެރީ އިގްބާލޭތަ؟..." ކާވިން އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

"ކީއްވެގެންތަ އެންމެން އަހަންނާ ދިމާއަށް ތިހެން ތިކިޔަނީ؟...." އިގްބާލުގެ މޫނުމަތިން ފެނުނީ، ނުރުހުމުގެ އަސަރެވެ. ދެބުމަ ގޮށްޖަހައިލަމުން، އޭނާ ބަލައިލީ ކާވިންގެ މޫނަށެވެ. "ބުނެފީމެއްނު ނުމަރަމޭ... ނުމަރަމޭ، ނުމަރަމޭ... ނުމަރަމޭ..."

ކާވިން އެއްޗެއް ނުބުނެ އިގްބާލަށް ބަލަން އިނީއެވެ. އިގްބާލުގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް ކާވިން ދިޔައީ ތަރުޖަމާ ކުރަމުންނެވެ.

"އަހަރެން ގަސްދުގައި މީހަކު ނުމަރަމޭ..." މޭޒުމަތީގައި ދެއަތުން ޖަހައިލަމުން އިގްބާލު ބުންޏެވެ. އޭނާގެ އަޑު މަޑެވެ. ކުރިން އެ އަޑުގައި ހުރި ހަރުކަށި ގޮތެއް މިހާރު އެ އަޑުގައި ނުވެއެވެ.

ކާވިންއަށް ހައިރާންކަމެއް ލިބުނެވެ. އިގްބާލުގެ ވާހަކަތައް ހުރިގޮތުން އެއީ މާ ބުއްދި ހަމަޖެހޭ މީހެއް ކަމަކަށް އޭނައަކަށް ޤަބޫލެއް ނުކުރެވުނެވެ. މޭޒުގެ އެއްފަރާތުގައި އިން ފެންފުޅި އިގުބާލްގެ ކައިރިއަށް ޖައްސައިލުމަށްފަހު ކާވިން އޭނަ އިން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. މާ ގިނައިރުތަކެއްނުވެ، ހަގީގަތާއި ހަމައަށް ވާސިލް ވެވިދާނެކަމުގެ ޔަގީންކަން ލިބުމުން، އޭނާ އިނީ ހަމަޖެހިގެންނެވެ.

އެއް ނޭވާއިން ފެންފުޅި ބޮއެ ހުސްކޮށްލާފައި އިގްބާލު އޭނާގެ މޫނު އުފުލައިލީ މައްޗަށެވެ. ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފައި އިނދެ އޭނާ ދެލޯ މަރާލިއެވެ. އެ ދުވަހު ކަންތައްތައް ވީގޮތް ފިލްމެއްގެ މަންޒަރުތަކެއް ފަދައިން އިގްބާލްގެ ކުރިމަތީގައި ސިފަވާން ފެށިއެވެ. ކުޑައިރުކޮޅެއްފަހުން ދެލޯ ހުޅުވައިލިއިރު، އިގްބާލުގެ ދެލޮލުގައި ވިދަމުން ދިޔައީ، ތާޒާ ކަރުނައެވެ. ކުރެވިފައިވާ ކަމަކާއި ހިތާމަކުރާފަދަ ނަޒަރަކުން ކާވިންގެ މޫނަށް އޭނާ ބަލައިލިއެވެ.

"އެއީ އަހަރެން ގަސްދުގަ ކުރި ކަމެއް ނޫން... އެ ދެ މީހުން މެރީ އަހަންނެއް ނޫން..." އިގްބާލު ބުންޏެވެ. "އަހަރެން ވަލަށް ދިޔައީ، ދަނޑިއެއް ކަނޑަން... މަސައްކަތް ނިންމާފަ އަހަރެން އުޅުނީ ކުރުނބާ އަޅަން... އަހަރެންގެ ނިޔާމާއަށް ވަރަށް މީރުވާނެ ކުރުނބާ..."

ތަހުގީގު ހޯލުގައި ބަހައްޓާފައިވާ ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. ކާވިން ގޮސް ފޯނު ނެގުމުން ވާހަކަދެއްކީ ލަޔާންއެވެ.

"ސަރ!... ފޮރެންސިކް ރިޕޯޓްތައް ލިބިއްޖެ...." ލަޔާން ބުންޏެވެ.

"އިހަށް ބަހައްޓާލާ... ގެންނަންވީމަ އިޝާރާތްކޮށްލާނަން..." ކާވިން ފޯނު ބޭއްވީ، ބިއްލޫރިގަނޑާއި ދިމާއަށް ބަލައިލާފައެވެ.

ކާވިން ގޮސް އިށީނުމުން ވެސް އެއްޗެއް ނުބުނެ އިގްބާލު އިރުކޮޅަކު އިނެވެ.

"ރަށުގެ އެންމެ މީރު ކުރުނބާ އަޅާ ރުއް ހުންނާނީ، އެ ޖިފުޓިގަނޑުގެ ކައިރީގަ... އަހަރެން އެ ރުކައް އަރާ އޮއްވާ، އިވުނީ ތުއްތު ކުއްޖަކު ރޯ އަޑު..." އިގްބާލު ކިޔައިދިނެވެ. "އަހަރެން ހީކުރީ އެއީ ހީވި ގޮތެއް ކަމަށް... އޭގެ އިރުކޮޅެއް ފަހުން، އެ ޖިފުޓިން މީހަކު ނުކުންނަނިކޮށް އަހަރެން ދެކުނިން... އެމީހާ ހުރީ ކަޅު ފޭރާމުގަ... މޫނުގަ މާސްކު ވެސް އަޅާފަ... ދެން އަހަންނަށް ޝައްކުވީ ގޯހެއް އުޅޭކަން... އެކަމަކު، ރުކުން ފައިބާކަށް ނުކެރުނު... އެހެންވެ، އޭނާ ދަންދެން އަހަރެން އޮތީ ރުކުގަ، ގުޑިވެސް ނުލާ...."

"ކާކު ކަން އެނގޭތަ؟... އޭނާ ފެނިއްޖެއްޔާ، ކާކުކަން ވަކިކުރަން އެނގޭނެތަ؟...." ކާވިންގެ ހިތް އަވަސް ވިއެވެ.

އިގްބާލު ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އެހާ ދުރުން ކާކުކަން ވަކިކުރާކަށް ނޭނގޭނެ... ފިރިހެނެއްކަމެއް އަންހެނެއް ކަމެއްވެސް ނޭނގޭ..." އިގްބާލު ޖަވާބު ދިނެވެ. "އަހަރެން އެގޭގެ ތެރެއަށް ވަނީ އެމީހާ ދިޔަތާ އިރުކޮޅެއް ފަހުން... އޭރު އެ ތުއްތު ކުއްޖާ އޮތީ މަރާލާފަ... ކުރިމަތިވާން އުޅެނީ ކިހާ ވަރެއްގެ ކަމަކާ ކަން އެނގުނުނަމަ އަހަރެން އެތަނަށް ނުވެސް ވަނީމުސް... ހަގީގަތް ހޯދާކަށް މަސައްކަތެއްވެސް ނުކުރީމުސް..."

އިގްބާލްގެ އަޑު ކުރެހުނެވެ. ވާހަކަ ނުދެއްކިގެން އިތުރު ފެންފުޅިއެއް ދިނުމަށް އޭނާ އެދުނެވެ. ކާވިން ފެންފުޅިއެއް ދިނުމުން، އެ ފުޅިވެސް އެއް ނޭވާއިން ބޮއެ ހުސްކޮށްލިއެވެ.

"ތިބުނީ ޒަހުރާގެ ވާހަކަތަ؟..." ޔަގީންކޮށްލާ ފަދައިން ކާވިން އަހައިލިއެވެ.

"އާނ... ފުރަތަމަ އަހަންނަކަށް ނޭނގުނު އެއީ ކާކުގެ ދަރިއެއްކަމެއް... ފަހުން ޒުލޭހާގެ ހަށިގަނޑު ފެނުނީމަ އަހަންނަށް އެނގިއްޖެ އެ ތުއްތު ކުއްޖަކީ އޭނަގެ ދަރިއެއް ކަން... އެ މީހުން މެރީ އަހަންނެއް ނޫން... އެކަމަކު.... އެކަމަކު...." އިގްބާލު ވާހަކަ ހުއްޓައިލިއެވެ.

ކާވިންގެ އަތުގެ އިޝާރާތާއިއެކު، ލިޔުންތަކެއް ހިފައިގެން ލަޔާން ގޮސް ތަހުގީގު ހޯލަށް ވަނެވެ. ކާވިން ވަރަށް ފަރުވާތެރިކަމާއިއެކު ލިޔުންތައް ބެލިއެވެ. ލިޔުންތައް ބަލައި ނިމުމާއިއެކު، ދެބުމަ ގޮށްޖަހައިލަމުން އިގްބާލާއި ދިމާއަށް ކާވިން ބަލައިލިއެވެ.

"އަމިއްލަ ދަރިފުޅާ، އަނބިމީހާ މަރާލީ ކީއްވެ؟..." ކާވިން ސުވާލު ކުރިއެވެ.

ގޮތް ހުސްވެފައިވާ ފަދައިން އިގްބާލު ދެލޯ މަރައިލިއެވެ.

"މިހުރިހާ ކަމެއްވެސް ވީ އެ ރާއިދުގެ ސަބަބުން..." މޭޒުގައި ގޮށްމުށުން ޖަހައިލަމުން އިގްބާލު ބުންޏެވެ. "އަހަރެންގެ ދަރިފުޅު ހަލާކުކުރީ ރާއިދު... އަހަރެން އޮންނާނީ، އެ ރާއިދުއާ ބައްދަލުކުރުން ނިޔާމާއަށް މަނާކޮށްފަ... އެ ދުވަހު، އެތަނަށް އަހަރެންގެ ދަރިފުޅު އަންނާނެ ކަމަށް ހީކުރާނީ ކިހިނެތް... އޭރު އިރުއޮއްސި ތަން ވެސް އޮތީ ފުދޭ ވަރަކަށް އަނދިރިކޮށް... މީހަކު ހުއްޓަސް ކާކު ކަން ވަކިވާ ވަރެއް ނޫން..."

"އެހެންވެގެންތަ ނިޔާމާ މަރާލީ؟..." ކާވިން އަހައިލިއެވެ.

"ބުނެފީމެއްނު އަހަރެން ގަސްދުގައެއް ނޫނޭ އެމީހުން މެރީ... އަހަރެންގެ އަތުން އަހަރެންގެ ދަރިފުޅު ޒަހަމުވީ... އޭނަ މަރާލާކަށް ކުރި ކަމެއް ނޫނޭ އެއީ... ފަހަތުން އަޑެއް އިވުނީމަ، އަހަރެން ހީކުރީ ގާތިލުކަމަށް... ސިހުނު ވަރުން އަތުގައި އޮތް ވަޅި ހޫރާލެވުނީ... އަހަރެން ހީކުރީ ޒުލޭހާމެން ގޮތަށް އަހަރެން ވެސް މަރާލަން އުޅެނީ ކަމަށް... ކަލޭމެން ނަމަވެސް ވާނީ އެހެން..."

އިގްބާލު ރޯން ފެށިއެވެ. ކާވިން ޓިޝޫއެއް ދިނުމުން، ނޭފަތް ފޮޅާލާފައި އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

"ދެން ކީއްވެ ސިއްރުކުރީ؟... އޭރު ފުލުހުންނަށް އެންގިނަމަ، ފަހަރެއްގަ އެ މީހުންގެ ފުރާނަ ސަލާމަތްވެސް ކުރެވިދާނެއެއްނު..." ކާވިން ބުންޏެވެ.

"އަމިއްލަ އަތުން ލޯބިވާ ދަރިފުޅު ގަތުލު ކުރެވުނު ވާހަކަ އަހަރެން ވީ މުޅި ރަށުގަ އިސްތިހާރުކުރަންތަ؟... ހުރިހާ ކަމެއް ވެ ނިމުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައޭ... ބުނެފީމެއްނު އަހަރެން ހުރީ ބިރުންނޭވެސް... އެ ދެ މީހުންނަށް ވެސް ހަމަލާ ދެވުނީ ކޮން ބައެއް ކަން ނޭނގި... ދިމާވި ހުރިހާ ކަމަކަށްފަހު، އަހަރެން ހުރީ ހާދަ ބިރަކުންނޭ... އެ ބިރު އަހަރެންގެ މުޅި ދުނިޔެ އަނދިރި ކުރީ..." މޭޒުގައި ބޯ އަޅައިލަމުން އިގްބާލު ބުންޏެވެ.

"ދެން ކީއްވެ އަމިއްލަ އަނބިމީހާ މަރާލީ؟... އެއީވެސް ނޭނގިގެން ކުރެވުނު ކަމެކޭތަ ތި ބުނީ؟... ހުރިހާ ހެއްކެއް މިހުރީ އިގްބާލާ ދެކޮޅަށޭ... ހަމްދޫނާގެ ހަށިގަނޑާ، ނިޔާމާއާ ރާއިދުގެ ހަށިގަނޑުން ފެނުނު ހެކިތަކުންވެސް އިގްބާލަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތް... އިތުރަށް ސިއްރުކުރުމުގެ އެއްވެސް ބޭނުމެއް ނެތް... ކުރިން ތެދަށް ކިޔައިދިންނަމަ، އަނބިމީހާގެ ފުރާނަ ސަލާމަތްވެފަ، އަދަބު ވެސް ލުއިވީސް... އެކަމަކު، މިހާރު ތިހުރީ ގަސްދުގަ މީހަކު މަރާފަ...." ކާވިން ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު