ފަންނީ ވަޒީފާތަކަށް، ގްރޭޑް ކުރިއެރުން ދިނުން ހުއްޓާލުމުން އެމްއެޗްޕީޔޫގެ ކަންބޮޑުވުން

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ސާވިސްގެ ފަންނީ އޮނިގަނޑުތަކުގެ ވަޒީފާތަކުގައި ތިބި ފަރާތްތަކަށް، ޕާފޯމަންސް އެޕްރެއިސަލްއަށް ރިއާޔަތްކޮށް ދެވޭ ގްރޭޑް ކުރިއެރުން ވަގުތީގޮތުން މަޑުޖައްސާލުމުން، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ފަހެއް ސެޕްޓެމްބަރު 2021 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީގެ ލަފާގެމަތީން ސިވިސް ސާވިސްގެ ފަންނީ އޮނިގަނޑުތަކުގެ ވަޒީފާތަކުގައި ތިބި ފަރާތްތަކަށް ޕާފޯމަންސް އެޕްރެއިސަލްއަށް ރިއާޔަތްކޮށް ދެވޭ ގްރޭޑް ކުރިއެރުން ވަގުތީގޮތުން މަޑުޖައްސާލުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ނިންމުމަމީ އެމްއެޗްޕީޔޫގެ މެމްބަރުން ބަލައިގަންނަ ނިންމުމެއް ނޫން ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ އެ ނިންމުމާ ގުޅިގެން ވަޒީފާ އަދާކުރުމުގެ ސަބަބުން މަސައްކަތްތެރިންނަށް ލިބިދެވޭ، ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގުން މަސައްކަތްތެރީން މަހްރޫމު ވެގެންދާކަމީ އެ ޔޫނިއަންގެ މެމްބަރުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއް ކަމަށެވެ.

މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށް އެމީހަކު ނަގާ ޒިންމާ އަދި ރިސްކާ އެއްވަރުގެ އުޖޫރައެއް ލިބުމާއި އެ އުޖޫރައަކީ މަސައްކަތްތެރިޔާ އާއި އޭނާގެ އާއިލާ އަބުރުވެރިކަމާއެކު އުޅެވޭވަރުގެ މުސާރައަކަށްވުން، އަދި ކެރިއާ ބޭސްޑް ވަޒީފާގެ އޮނިގަނޑެއް އޮތުމަކީ ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށް ތަފާތު ކުރުމެއް ނެތި ލިބިދޭންޖެހޭ އަސާސީ ހައްގެއް ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ސިއްހީ ހިދުމަތަކީ އަސާސީ ހިދުމަތަކަށް އަދި ވަރަށް ހައްސާސް ހިދުމަތަކަށްވެފައި މި ހިދުމަތަކީ ތަފާތު ޑިސިޕްލިން ތަކެއްގެ މުވައްޒަފުންގެ ހިދުމަތާއެކު ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ. އެހެންކަމުން މިއިން އެއްވެސް ފަރާތެއްގެ ހިދުމަތް މެދުކެނޑި ނުވަތަ ހިދުމަތުގެ ފެންވަރު ދަށްވުމަކީ މުޖުތަމައުގެ އާއްމު ސިއްހަތަށް އަސަރު ކުރުވާނެ ފަދަ ކަމެއް ކަމަށެވެ.

އެހެންނަމަވެސް ސިއްހާ ދާއިރާގައި މަސައްކަތްކުރާ 23 ޑިސިޕްލިންއެއްގެ މަސައްކަތްތެރީން މަސައްކަތްކުރަނީ ކެރިއަރ ބޭސްޑް ވަޒީފާގެ އޮނިގަނޑެއް ނެތިކަން ވަރަށް ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

އެމްއެޗްޕީޔޫގެ ބަޔާނުގައި ބުނަނީ މި ކަމަކީ މަސައްކަތްތެރިންގެ މެދުގައި ފިތުނަވެރިކަން އުފެދި، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮމަށް އަސަރުކުރުމާއެކު މިކަން މިހެން އޮތުމުގެ ސަބަބުން މޯރަލިޓީ ދަށްވެ، އެމީހުންގެ ސޯޝަލް ސެކިއުރިޓީއަށް އަސަރުކުރުވާ ކަމެއްކަން ފާހަގަކުރާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ވަޒީފާގެ އޮނިގަނޑެއް ނެތުމުން މަތީ ޑިގްރީއަކަށް ކިޔެވުމުންވެސް ވަޒީފާގެ ކުރިއެރުން ނުލިބި 15 އަހަރު ވެފައިވާ މުވައްޒަފުން ތިބިކަން ވަރަށް ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑަމިކްގެ ހާލަތުގައި ސިއްހީ ދާއިރާއަށް ނިސްބަތްވާ އެންމެހާ ފަރާތްތައް މަސައްކަތް ކުރަމުން އަންނަނީ އެހާމެ ނުރައްކާތެރި މާހައުލެއްގައި ގިނަ ވަގުތު އާއިލާ އާ ދުރުގައި ކަމުގައި ދަންނަވާ ކަމަށެވެ.

ވަޒީފާ އަދާކުރާ ފަރާތްތަކަށް ބޭނުންވާ އެންމެ އަސާސީ ހައްގު ކަމުގައިވާ ވަޒީފާގެ ކުރިއެރުން ކަށަވަރުވެފައިވާ ޓެކްނިކަލް އޮނިގަނޑެއް ނެތި ސިއްހީ ދާއިރާގެ 2500އަށްވުރެ ގިނަ މުވައްޒަފުން ރައްޔިތުންގެ ހައްގުގައި އެތަކެއް ގުރުބާނީތަކެއް ވަމުންދާ ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް