ފުރަތަމަ މެޗުގައި ވެސް ރޮނާލްޑޯ ތަފާތު ދައްކައި ޔުނައިޓެޑް މޮޅުކޮށްދީފި

ރޮނާލްޑޯ ގޯލް ޖަހައި އުފާފާޅުކުރަނީ ---

ބާރަ އަހަރަށްފަހު އެނބުރި އެންމެ ލޯބިވާ ކުލަބް، މެންޗެސްޓާ ޔުނައިޓެޑަށް އައިސް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ވެސް ތަފާތު ދައްކައި، އެ ޓީމު މޮޅުކޮށްދީފިއެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ހޯމް ޓީމް ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް ވަނީ އެއްވަނައަށް އަރައިފައެވެ.

މީގެ 18 އަހަރު ކުރިން ޔުނައިޓަށް ސޮއި ކުރުމަށްފަހު އެކުލަބުގައި ނުވަ އަހަރު ހޭދަކުރި ރޮނާލްޑޯގެ އެނބުރި އައުމަށް ކުރި އިންތިޒާރު މިރޭ ވަނީ ނިމުމަކަށް އައިސްފައެވެ. މި ސީޒަނުގެ ފުރަތަމަ މެޗު އިޓަލީގެ ޔުވެންޓަސްއަށް ކުޅުމަށްފަހު ރޮނާލްޑޯ ޔުނައިޓެޑާ ގުޅުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ ދެ ގޯލު ޖަހައި މުޅި ސްޓޭޑިއަމް ކައްކުވާލައިފައެވެ.

ރޮނާލްޑޯ އޭނަގެ ފުރަތަމަ ގޯލު މިރޭ ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ނިއު ކާސަލްގެ ކީޕަރު ފްރެޑީ ވުޑްމަން އަށް ހެދުނު މިސްޓޭކުގެ ފައިދާ ނަގައި ރޮނާލްޑޯ ވަނީ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ނިއު ކާސަލްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު ހާވީ މެންކިޔޯ ކާމިޔާބު ކުރީ 56 ވަނަ މިނެޓުގައި އެލަން ސެއިންޓް މެކްސިމަން ދިން ބޯޅަ ގޯލްގެ ކަނަށް ވައްދާލައިގެންނެވެ.

އެހެން ނަމަވެސް ނިއުކާސަލްއަށް އެވަރެއްގައި މާ ގިނައިރު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. އޭގެ ހަ މިނެޓް ފަހުން ރޮނާލްޑޯ ވަނީ އަލުން ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ.

އެއަށްފަހު 80 ވަނަ މިނަޓުގައި ރޮނާލްޑޯގެ ގައުމީ ޓީމް މޭޓް ބްރޫނޯ ފަނަންޑޭޒް ވަނީ ގޯލެއް ޖަހައި އޭނަގެ ނަން ސްކޯ ޝީޓުގައި ފަވާލައިފައެވެ. އެއަށްފަހު މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ލީޑު އިތުރަށް ފުޅާކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޖެސޭ ލިންގާޑްއެވެ.

comment ކޮމެންޓް