ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް 20 އަހަރު ފުރުނުއިރު އެމެރިކާއަށް އޮތް އެންމެ ބޮޑުނުރައްކަލަކީ ދާޚިލީ ޓެރަރިޒަމް

އެެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާ ބެހޭ ވަޒީރު އެލެޖެންޑްރާ މަޔޯކަސް

ވޮޝިންޓަން (ސެޕްޓެމްބަރު 11): ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް 20 އަހަރު ފުރުނުއިރު އެމެރިކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ އެމެރިކާގެ އެތެރެއިން ކުރިމަތިވެދާނެ ޓެރަރިސްޓް ހަމަލާތަކެއް ނުވަތަ ޑޮމެސްޓިކް ޓެރަރިޒަމް ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާބެހޭ ވަޒީރު އެލެޖެންޑްރާ މަޔޯކަސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތާއި ބައިބައިވުން

ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް މިއަދު 20 އަހަރު ފުރުމާގުޅިގެން އޭބީސީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި މަޔޯކަސް ވިދާޅުވީ މިހާރު އެމެރިކާއަށް އެންމެ ބޮޑީ އެމެރިކާގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ރުޅިވެރިކަމާއި ނަފްރަތުގެ އައިޑިއޮލޮޖީތަކުގެ ސަބަބުން ހިނގާފާނެ ޓެރަރިޒަމްގެ އަމަލުތަކެއްގެ ބިރު ކަމުގައެވެ. އެކަން އެމެރިކާގެ އާންމުން ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކުން ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިފައިވަނީވެސް ކަންބޮޑުވާ މިންވަރަކަށް ކަމަށް އޭނާ ވިދާޅުވިއެެވެ.

ނިޔުޔޯކް އަށް ދިން ޙަމަލާތައް

ނަމަވެސް އަފްޣާނިސްތާނުގެ ތެރެއިން ނޫނީ ދުނިޔޭގެ އެހެން ސަރަހައްދަކުން އެމެރިކާއަށް ކުރިމަތިވެދާނެކަމަށް ބެލެވޭ ޓެރަރިޒަމްގެ ނުރައްކާތެރިކަމަކީވެސް ނެތްކަމެއް ނޫންކަމަށާ އެކަމަށްވެސް އެމެރިކާ އޮންނަންޖެހޭނީ ތައްޔާރަށް ކަަމަށް މަޔޯކަސް ވިދާޅުވިއެވެ.

ބައިޑެން ގޮވާލެއްވީ އެމެރިކާގެ ރައްޔިތުންގެ އެއްބައިވަންތަކަމަށް

ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް 20 އަހަރު ފުރުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާބެހޭ ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ސެޕްޓެމްބަރު 11 ގެ ހަމަލާތައްފަދަ ޓެރަރިސްޓް ހަމަލާތަކާ ކުރިމަތިލުމަށް އޮތް އެންމެވަރުގަދަ ބާރަކީ އެމެރިކާ ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށް ވިދާޅުވެ އެމެރިކާގެ ރައްޔިތުން އެއްބައިވަންތަކަމާއެކު ތިބުމަށް ގޮވާލައްވާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިބާތުގައި ބައިޑެން ވިދާޅުވީ އެމެރިކާއަކީ ތަފާތު ނަސްލުތަކާއި ތަފާތު ދީންތަކުގެ މީހުންގެ މައްޗަށް އެކުލެވޭ ގައުމަކަށްވާއިރު އެމެރިކާ ރައްޔިތުންގެ އެއްބައިވަންތަވުމަކީ ދީނީގޮތުންނާއި ސަގާފީގޮތުންނާ އަދި ނަސްލީގޮތުން އެންމެން އެއްގޮތަކަށް ވިސްނުން ނޫންކަމުގައެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް 20 ފުރުނުއިރު އެމެރިކާގެ އެތެރެވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ. ދޮނާއި ކަޅުގެ ތަފާތާއި ނަސްލީ އިމްތިޔާޒުގެ އަނިޔަވެރިކަން އެމެރިިކާގައިވަނީ އާންމު ވެފައެވެ.

އެމެރިކާފަދަ ނަސްލުތަކާއި ދީންތައް ގިނަ ގައުމެއްގައި ރައްޔިތުންގެ އެއްބައިވަންތަ ކަމަކީ އެމެރިކާގެ ކޮންމެ ރައްޔިތަކުވެސް އަނެކާގެ ދީނާއި ނަސްލާއި މަޒުހަބާއި އާދަތަކާއި ސަގާފަތާއި ވިސްނުމާއި ފިކުރާ އަދި އަގީދާއަށް އިހުތިރާމުކުރުން ކަމަށް ބައިޑެން ވިދާޅުވިއެވެ. ބައިޑެންވަނީ ސެޕްޓެންބަރު 11 ގެ ޙަމަލާތަކުގައި މަރުވި މީހުންގެ ޒިކުރާ އައުކުރައްވައި އެހަމަލާތަކަށްފަހު އެމެރިކާއަށް ކުރިމަތިވި ކަންތައްތަކުގައި ގައުމީ ޚިދުމަތުގައި ޙަރަކާތްތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާތައް ދިން ސަރަޙައްދުތަކަށް ބައިޑެން ޒިޔާރަތް ކުރައްވަނީ

ބައިޑެންއާއި އޭނާގެ އަނބިކަނބަލުންވަނީ ސެޕްޓެމްބަރު 11 ގެ ހަމަލާތައް ދިން ސަރަޙައްދުތަކަށް ކުރައްވާ ޒިޔާރާތެއް މިއަދު ފައްޓަވާފައެވެ. އެހަމަލާތައް ދިން ތިން ސަރަހައްދަކީ ނިޔުޔޯކްގެ މެންހާޓަން ސަރަހައްދާއި ޕެންސިލްވީނިއާގެ ޝާންކްސްވީލް ސަރަހައްދާއި ވާޖީނިޔާގެ ސަރަހައްދެއްކަމަށްވާ އާލިންޓަން ހިމެނެއެވެ. މީގެތެރެއިން ނިޔުޔޯކަށް ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ވޯލްޑް ޓްރޭޑް ސެންޓަރު ހުންނަ ދެޓަވަރަށެވެ. ޕެންސިލްވީނިއާއަށް ވެއްޓުނީ އެހަމަލާތަކުގައި ހައިޖެކްކުރި މަތިންދާ ބޯޓެކެވެ. ވާޖީނިޔާއަށް ދިން ހަމަލަތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން ގެ އިމާރާތަށެވެ.

ޕެންޓަގަން އަށް ދިން ހަމަލާ

ސެޕްޓެމްބަރު 11 ގެ ހަމަލާތައް ދީފައިވަނީ ފަސިންޖަރު މަތިންދާބޯޓުތަކެއް ހައިޖެކްކޮށް އޭގެ ކޮންޓްރޯލް ހޯދައި އެބޯޓުތައް ބޭނުންކޮށްގެންނެވެ. އެކަންކުރީ އަލްގާއިދާގެ ހަނގުރާމަވެރިންކަމަށް އެމެރިކާ ބުނާއިރު އެޖަމާއަތުންވެސްވަނީ އެހަމަލާތަކުގެ ޒިންމާ އުފުލާފައެވެ. ނަމަވެސް ސެޕްޓެމްބަރު 11 ގެ ހަމަލާތައް ދިން މީހުންގެ ނަމުގެ ލިސްޓްތަކާއި އެކަމާގުޅޭގޮތުން އެމެރިކާ ނެރުނު މައުލޫމާތުތަކުގެ އޮޅުންބޮޅުން ބޮޑުކަމުން އެކަމުގެ ހަގީގަތާމެދު އެމެރިކާ ރައްޔިތުންގެ ތެރެއިންވެސް ގިނަ ބަޔަކު ޝައްކުތައް އުފައްދައެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގެ ހަގީގަތާމެދު އެމެރިކާގެ ގިނަބަޔަކުވެސް ޝައްކުރޭ

ސެޕްޓެމްބަރު 11 ގެ ހަމަލާތަށް ދިން މީހުންކަމަށް ބުނެ އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ނެރުނު ނަން ލިސްޓްތަކުގައި އޭގެ މާކުރިން މަރުވެފައިވާ މީހުންގެ ނަންތައް ހުރުމާއި އެހަމަލާތަށް ދީގެން މަރުވިކަމަށް އެމެރިކާ ބުނާމީހުން މަރުނުވާކަން ހާމަވެފައިވުންފަދަ އެތަށްކަމެއް ހުރުމުން އެހަމަލާތަކުގެ ހަގީގަތާމެދު ޝައްކުރައް އިތުރުވެފައިވެއެވެ. ނަމަވެސް އެމެރިކާގެ މެއިންސްޓްރީމް މީޑިއާތަކުން މިކަންކަންވަނީ އޮއްބާލާފައެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާ ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް

ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގައި އެމެރިކާގެ ތިން ހާހެއްހާ މީހުން މަރުވެފައިވާއިރު އެހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އަފްޣާނިސްތާނާއި އިރާގަށް އެމެރިކާ ސިފައިން އަރައި ހިންގި ލާއިންސާނީ ޖަރީމާތަކުގައި އެމެރިކާ ސިފައިންވަނީ އެހަމަލާތަކާ ގުޅުންނެތް މިލިޔަނަކަށްވުރެ ގިނަމީހުން ވަނީ މަރާލާފައެވެ. އެތަށް ލައްކަ ބައެއްގެ ގެދޮރުވަނީ ސުންނާފަތިކޮށްފައެވެ. އެތަށް މިލިޔަން ބަޔަކުވަނީ ރެފިއުޖީންނަށް ހަދައި ހާލުގައި ޖައްސާފައެވެ.

އަދި ސެޕެޓެމްބަރު 11 ގެ ހަމަލާތަކަށްފަހު އެމެރިކާ އުފެއްދި ގުއަންތަނާމޯ ޖަލާއި ޔޫރަޕްގައި އުފެއްދި ސިއްރުޖަލުތަކުގައި އެމެރިކާ ވަނީ އެތަށް ހާސްބަޔަކަށް ބޮޑެތި އަނިޔާތައްދީ ފުޅާދާއިރާއެއްގައި އިންސާނީ ހައްގުތަކަށް އަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައެވެ. މީގެއިތުރުން އިރާގުގެ އަބޫޣުރައިބު ޖަލާއި އަފްޣާނިސްތާނުގައި އެމެރިކާ ހިންގި ޖަލުތަކުގައިވެސްވަނީ އެދެގައުމުގެ އާންމުންގެ އެތަށް ހަސްބަޔަކަށް އަނިޔާކޮށް އިންސާނީ ހައްގުތަކަށް އަރައިގަނެ ބިރުވެރި އެތަށް ޖަރީމާތަކެއް ހިންގާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް