ކުޑަ ކުދީންނާއި ދިވެހި ބަހަށްޓަކައި

ދިވެހި ބަހުން ކުޑަ ކުދީންނަށް ޓަކައި ޝާއިޢު ކުރެވުނު އެންމެ ރަނގަޅު ވާހަކަތަކަކީ ފަތްތޫރަ މަޖައްލާގައި ޝާއިޢު ކުރެވުނު ވާހަކަތައް.


އަޅުގަނޑުމެން ކުޑަ އިރު، ދިވެހި ބަހަކުން ކުޑަ ކުދީންނަށް ޓަކައި ލިޔެފައި ހުންނަ ވާހަކަ ފޮތްތަކެއް ނުހުރެއެވެ. ކުޑަ ކުދީންގެ ބަގީޗާ ކަހަލަ މަދު ފޮތްތަކެއް ޝާއިޢު ކުރެވިފައި ހުއްޓަސް، އަޅުގަނޑުމެން ކަހަލަ ރާއްޖެތެރޭގައި އުޅުނު ކުދީންނަކަށް މަދު ފަހަރަކު ނޫނީ އެ ފޮތްތަކެއް ނުލިބެއެވެ. ނުވެސް ފެނެއެވެ. ކުދީން ކިޔާނޭ ރަނގަޅު ދިވެހި ފޮތްތަކެއް އެކަށޭނަ ގޮތެއްގައި އުފައްދައި، ކުދީން ލައްވައި އެ ފޮތްތައް ކިޔުއްވުމުގެ އެއްވެސް ސިޔާސަތެއް އެއިރަކު ދިވެހި ސަރުކާރުން ނުގެންގުޅުއްވައެވެ. މި ދަންނަވަނީ 1980 ގެ މެދުތެރެއިން ފެށިގެން 1990 ގެ ކުރީކޮޅާ ހަމަޔަށް ފާއިތު ވި އަހަރުތަކުގެ ވާހަކައެވެ. އެއިރު ކުޑަކުދީން ކިޔާން ރަނގަޅު ވާހަކަތަކެއް ޝާއިޢު ކުރެވިފައި ވަނީ، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ނެރުއްވަމުން ގެންދެވި ފަތްތޫރަ މަޖައްލާގައި އެކަންޏެވެ. "ކުޑަ ކުދީންނަށް ޓަކައި" މި ނަމުގައި އެ މަޖައްލާގައި ހިމެނުއްވި ޚާއްޞަ ޞަފުޙާއެއްގައެވެ.

މިއަދު އެ ސިޔާސަތު ބަދަލު ވެއްޖެތޯއެވެ؟ ޒަމާނާ އެކު ހުރިހައި ކަމަކަށް ވެސް "ތަރައްޤީ" އަތުވެއްޖެ ކަމަށް އަޅުގަނޑުމެން އެންމެން މި ތިބީ ޤަބޫލު ކޮށްގެންނެވެ. ކޮންމެ ބަދަލަކީ ތަރައްޤީއެއް ކަމަށް ޤަބޫލު ކުރުމުގެ ފަލްސަފާއަކާ އެއްގޮތް ވާ ގޮތުގެ މަތީންނެވެ. ނަމަވެސް ކުޑަ ކުދީން ކިޔާނޭ ރަނގަޅު ވާހަކަ ފޮތްތަކެއް ވެސް، އަދި އެހެން ފޮތްތަކެއް ވެސް އުފައްދައި ޢާއްމު ކުރުމާއި، ކުދީން ލައްވައި އެ ފޮތްތައް ކިޔުއްވުމުގެ ސިޔާސަތެއް މިއަދަކު ވެސް ސަރުކާރުގައި އޮތް ކަމަކަށެއް ނުދެންނެވޭނެއެވެ. އޮތް ނަމަ، އެކަން ކުރުމަށް ޓަކައި ކަމާ ބެހޭ ދައުލަތުގެ އިދާރާތަކަށް ބަޖެޓާއި ވަސީލަތްތައް ތަނަވަސް ކޮށްދީފައި އޮތީސްތާއެވެ! އެކަން ކުރެވޭނޭ ނިޒާމެއް ޤާއިމު ކޮށްފައި އޮތީސްތާއެވެ! އެކަން ކުރެވެމުން ދިޔައީސްތާއެވެ!

ސަރުކާރުގެ ސިޔާސަތާއި ވިސްނުމަށް ބަދަލެއް އައިސްފައި ނުވިޔަސް، މިއަދު ދިވެހިރާއްޖޭގައި ކުޑަ ކުދީންނަށް އަމާޒު ކޮށްގެން، އަމިއްލަ މީސްމީހުން ކުޑަ ކުދީންގެ ފޮތްތައް ބައިވަރު އެބަ ޝާއިޢު ކުރެއެވެ. އެކަމާ މެދުގައި ވެސް ސަރުކާރުތަކުގެ އަޅައިލުން ހުރި ވަރަކީ، އެ ފޮތްތަކަކީ ކުޑަ ކުދީންނަށް އެކަށޭނަ ފޮތްތަކެއްތޯ، ރަނގަޅު ފެންވަރެއްގައި ހުންނަ ތަކެތި ތޯ، އަދި އެ ތަކެތީގެ ބަހުގެ ފެންވަރު ރަނގަޅުތޯ، މިއިން ކަމެއް ބަލައިލާން ވެސް ސަރުކާރުތަކުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ. މި ދަންނަވަނީ ވަކި ސަރުކާރެއްގެ ވާހަކައެއް ނޫނެވެ. ހަމަ ހުރިހައި ސަރުކާރުތަކެއްގެ ވެސް ވާހަކައެވެ.

އެ ޤައުމެއްގެ ބަހުން، ޤަވާޢިދުގެ ބޮޑެތި ކުށްތަކާއި، އިސްތިޢުމާލުގެ ބޮޑެތި ކުށްތަކާ އެކު ފޮތާއި މަޒުމޫނު ފަދަ ތަކެތި ލިޔުމުން، ތަށަށް ކިޔަނީ މަރިޔަބުހޭ ވެސް އަހައިލުމެއް ނެތި އެ އެއްޗެތި ޝާއިޢު ކޮށްދެވޭ ޤައުމެއް ދިވެހިރާއްޖެ ނޫނީ ދުނިޔޭގައި އޮތް ކަމަކަށް ނުފެނެއެވެ. ނޫސްތަކަށް ބެލިޔަސް، ފޮތް ޝާއިޢު ކުރާ ތަންތަނުން ޝާއިޢު ކޮށްފައި ހުންނަ ފޮތްތަކަށް ބެލިޔަސް، ކުޑަ ކުދީންނަށް ކިޔަވައިދޭން ހަދައިފައި ހުންނަ މަދަރުސާ ފޮތްތަކަށް ބެލިޔަސް، މިއީ ކަން އޮތް ގޮތެވެ. ދިވެހިރާއްޖޭގައި، އަތަށް ގަލަމަކާއި ކަރުދާސްގަނޑެއް އެރުމުން ކޮންމެ މީހަކު ވެސް ނޫސްވެރިޔަކަށް އަދި ލިޔުންތެރިއަކަށް ވެދެއެވެ. "ބްރޯކަން އިންގްލިޝް" އިން ލިޔެފައި އޮންނަ މަޒުމޫނެއް ނުވަތަ ފޮތެއް އިނގިރޭސި ވިލާތުގެ، އެމެރިކާގެ، ކެނެޑާގެ، އޮސްޓްރޭލިއާގެ، ނުވަތަ ނިއު ޒިލޭންޑުގެ ނޫހެއްގައި ޝާއިޢު ކުރެވިފައި އޮތުމަކީ މީހަކު ޚިޔާލަށް ވެސް ގެންނާނޭ ކަމެއް ނޫނެވެ. އެފަދަ ފޮތެއް މިއިން ޤައުމެއްގައި ޝާއިޢު ކުރުމަކީ ތަޞައްވުރު ވެސް ކޮށްލެވޭ ކަމެއް ނޫނެވެ. ނަމަވެސް ދިވެހިރާއްޖޭގައި އޮންނަ ގޮތަކީ، ދިވެހި ބަހުން ރަނގަޅަށް އެންމެ ޖުމުލައެއް ލިޔެފައި ނެތް މަޒުމޫނުތަކާއި ފޮތްތައް ވެސް، ފައިސާ ހުރިއްޔާ ޗާޕު ކޮށް ޝާއިޢު ކުރާން ވީއެވެ. އެކަމަށް ހުރަސް އަޅާނޭ ހަމަ އެކަކު ވެސް ނުހުންނާނެއެވެ. އެއީ ވެސް ކޮންމެ މީހަކަށް އޮންނަ "މިނިވަންކަމާއި ޙައްޤުތަކުގެ" އެއް ބައެވެ. ދިވެހީންނަށް ދަސް ވެފައި ވާ އިމެއް އަދި މިނެއް ނެތް "މިނިވަންކަމާއި ޙައްޤުތަކުގެ" ދަލަކުން ޤައުމުގެ ބަހާއި ތާރީޚު ފަދަ އަސާސްތަކަކަށް ވެސް ރައްކައުތެރިކަމެއް ނުއޮވެއެވެ.

ބަހުގެ ޤަވާޢިދާ ޚިލާފަށް ލިޔެފައި ހުންނަ ތަކެތި ޝާއިޢު ކުރެވެންޏާ، މީހުން ކިޔާން ހުންނާނީ ޤަވާޢިދާ ޚިލާފަށް "މުގުރި ދިވެހީން" ނުވަތަ "ކޮށި ދިވެހީން" ލިޔެފައި ހުންނަ އެއްޗެއްސެވެ. އެފަދަ އެއްޗެތި ކިޔުމުގެ ސަބަބުން، ކިޔާ މީހާއަށް ޢިލްމީ އަދި ފިކުރީ ގޮތުން ގިނަގުނަ ގެއްލުންތަކެއް ލިބެއެވެ. އެ ހުރިހައި ގެއްލުންތަކެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އަޅުގަނޑު ފާހަގަ ކޮށްލާނީ ހަމަ އެންމެ ކަމެކެވެ. އެއީ، އެފަދަ އެއްޗެތި ކިޔުމުން، ކިޔުންތެރިޔާ ބަހަށް ކޮށި ވާ މައްސަލައެވެ.

ޚާއްޞަ ގޮތެއްގައި، ކުޑަ ކުދީންގެ ސިޔާގުގައި ވިސްނަވާށެވެ! ކުދީންނަކީ ބަހުގެ ޤަވާޢިދާއި ބަސް ބޭނުން ކުރެވޭ ގޮތް ދަސް ކުރާ ބައެކެވެ. ކުދީން އެ ވަސީލަތެއްގެ އެހީގައި ބަސް ދަސް ކުރާ އެންމެ މުހިއްމު އެއް ވަސީލަތަކީ، ކިޔާ އެއްޗެއްސެވެ. އެ އެއްޗެތީގައި ހުރި ރަނގަޅެއް ވިޔަސް، ނުބައެއް ވިޔަސް، ހަމައެއް ވިޔަސް، ނުހަމައެއް ވިޔަސް، ކުދީން ދަސް ކުރާނެއެވެ. އެހެންކަމުން، ކުދީން ކިޔާން ހުންނަ އެއްޗެހީގައި ދިވެހި ބަހުގެ ޤަވާޢިދުތަކާއި އިސްތިޢުމާލާ ޚިލާފަށް ލިޔެފައި ހުންނަންޏާ، ކުދީންނަށް ބަސް ދަސް ވާނީ ގޯސްކޮށެވެ. ތަކުރާރުކޮށް އެތައް ޖީލަކަށް މި ގޮތަށް ގޯސްކޮށް ބަސް ދަސް ވަމުން ދަންޏާ، އާޚިރު ނަތީޖާއަކަށް ވާނީ ދިވެހި ބަސް ރަނގަޅަށް ދަންނަ ބަޔަކު ނެތް ހިސާބަށް ދިޔުމެވެ. ދިވެހި ބަސް "ކްރިއޯލް" އެއްގެ ދަރަޖައަށް ވެއްޓުމެވެ. ބަހުގެ ޙާލަތު މި ގޮތަށް ބަދަލު ވެގެން ދިޔުމަކީ، ޒަމާނާ އެކު ބަސްތަކަށް ބަދަލު އައުމުގެ ޠަބީޢީ ޤާނޫނާ އެއްގޮތަށް ހިނގާ ކަމެކޭ ބުނާ ބަޔަކު ވެސް ތިބެދާނެއެވެ. އެފަދަ މީހުންނާ ޖަދަލު ކުރުމަށް ޓަކައި ބޭކާރު ކުރާނޭ ވަގުތެއް އަޅުގަނޑަކަށެއް ނެތެވެ.

މިއަދު ދިވެހިރާއްޖޭގެ ފޮތް ފިހާރަތަކުގައި ކުޑަކުދީންނަށް ޓަކައި ލިޔެފައި ހުރި އެތައް ސަތޭކަ ފޮތެއް އެބަހުއްޓެވެ. ނަމަވެސް އޭގެ ތެރެއިން އަތުގެ ފަސް އިނގިލީން ގުނައިލެވޭހައި މަދު ޢަދަދެއްގެ ފޮތްތައް ފިޔަވައި، ދެން ހުރީ ކުނިބުންޏޭ މެނުވީ އަޅުގަނޑު ނުދަންނަވާނަމެވެ. މިފަދަ ހަރުކަށި ޢިބާރާތަކުން ބަޔަކު ކޮށްފައި ހުންނަ "މަސައްކަތަށް" ފާޑު ކިޔާން ޖެހޭ ކަމަށް ޓަކައި އަޅުގަނޑު ވެސް ދެރަ ވެއެވެ. ނަމަވެސް "ފަކީރާ އަކަށް ފަކީރާއެކޭ" ކިޔުން ނޫން ގޮތެއް، ޙަޤީޤަތަށް ވާހަކަ ދައްކަންޏާ ނޯންނާނެއެވެ. އެހެން ނޫނަސް، ފޮތް ވިއްކައިގެން ލިބޭ ފައިސާގެ އެދުމުގައި، ބަހުގެ ގޮތުންނާއި ޢިލްމީ ގޮތުން ފެންވަރު ދަށް ފޮތްތައް ޝާއިޢު ކޮށް، އަމިއްލަ އެދުމަށް ޓަކައި ތިމާމެންގެ ޢިލްމީ، އަޚްލާޤީ، އަދި ޤައުމީ ވާޖިބަށް ޚިޔާނާތްތެރި ވާ ބަޔަކަށް ކުރާން ޖެހޭ އިޙުތިރާމެއް އޮތް ކަމަކަށް އަޅުގަނޑު ނުވެސް ދެކެމެވެ. ކޮންމެ ކަމަކުން، ކޮންމެ އެއްޗަކުން، ކޮންމެ ގޮތަކުން، ވިޔަފާރި ކުރާ މީހުންނަށް ކުރާނޭ ޤަދަރެއް އަދި ތަޢުރީފެއް ހަމަ ގައިމު ވެސް އަޅުގަނޑަށް ދަސް ވެފައެއް ނެތެވެ.

ފޮތްތަކުގައި ހުންނަ ކުށްތަކުގެ އެތައް ބާވަތެއް ހުރެއެވެ. ލިޔުމުގައި ލަފުޒު ދުރު ކުރުމުގެ އުޞޫލުތަކާއި ހަމަތަކާ ޚިލާފު ވެފައި ހުރުމެވެ. ޖުމުލަތަކުގައި ލަފުޒުތަކާއި ޢިބާރާތްތައް އެތުރި ތަރުތީބު ކުރެވިފައި ހުންނާން ޖެހޭ ގޮތުގެ ޤަވާޢިދުތަކާ ޚިލާފު ވެފައި ހުރުމެވެ. ނުބައިކޮށް ނަންއިތުރުތަކާއި ކަންއިތުރުތައް ބޭނުން ކުރުން ފަދަ ގޮތްގޮތުން، ލަފުޒުތައް އެ ލަފުޒުތައް ބޭނުން ކުރުން އެކަށީގެން ނުވާ ތަންތަނުގައި ބޭނުން ކޮށްފައި ހުރުމެވެ. ދިވެހި ލަފުޒުތައް ހުއްޓައި، އިނގިރޭސި ލަފުޒުތައް ބޭނުން ކޮށްގެން ލިޔެފައި ހުރުމެވެ. ދިވެހި ބަހުގެ ކަމުގެ ލަފުޒުތަކުގެ ޒަމާން އޮޅުވައިލައިގެން ލިޔެފައި ހުރުމެވެ.

މި ބޮޑު މައްސަލަ ޙައްލު ކުރުމަށް ޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރާން ޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. އެ ކަމުގައި އިސް ނަންގަވާން ވީ ދިވެހި ބަހުގެ އެކަޑަމީންނެވެ. އަޅުގަނޑުގެ ޚިޔާލަށް ފެންނަ ގޮތުގައި، އެ އެކަޑަމީގެ ފަރާތުން ކުރައްވާން ވީ އެއް ކަމަކީ ކުޑަ ކުދީންނަށް ޓަކައި ލިޔާ ފޮތްތައް ޢުމުރާ ގުޅޭ ގޮތުން ގިންތި ކުރުމާ ބެހޭ ހަރުދަނާ އުޞޫލެއް އެކުލަވައިލައްވައި ތަންފީޛު ކުރެއްވުމެވެ. ދެވަނަ ކަމަކީ ކުޑަ ކުދީންނަށް ޓަކައި ފޮތް ފަދަ ތަކެތި ލިޔާ ލިޔުންތެރީންނަށް ކަމާ ބެހޭ ތަމްރީނު ދިނުމުގެ ޕަރޯގިރާމެއް ތަޢާރަފު ކުރައްވައި، ޤަވާޢިދުން އެ ޕަރޯގިރާމު ހިންގެވުމެވެ. އަހަރަކު އެއް ބުރު ނުވަތަ ދެ ބުރު ކަހަލަ ގޮތަކަށެވެ. ތިންވަނަ ކަމަކީ، ކުޑަ ކުދީންނަށް ޓަކައި ލިޔެވޭ ފޮތް ފަދަ ތަކެތި ފާސް ކުރާ ޚާއްޞަ ކޮމިޓީއެއް އެ އެކަޑަމީގައި އުފައްދަވައި، ޤާބިލު ބެއިފުޅުން އެ ކޮމިޓީގައި ހިމަނުއްވަވައި، އެ ކޮމިޓީން ބައްލަވައި ފާސް ކުރެއްވުމުން ނޫނީ ކުޑަ ކުދީންނަށް ޓަކައި ފޮތް ފަދަ ތަކެތި ޝާއިޢު ނުކުރެވޭ ގޮތް ހެއްދެވުމެވެ. ހަތަރުވަނަ ކަމަކީ، އެކަޑަމީގެ ފަރާތުން ކުޑަ ކުދީންނަށް ފޮތް ފަދަ ތަކެތި ޝާއިޢު ކުރުމުގެ ދާއިމީ މަސައްކަތެއް ފައްޓަވައި، ދައުލަތުގެ ބަޖެޓުންނާއި އަދި ކުންފުނިތަކާއި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކުން ޑޮނޭޝަނުގެ ގޮތުގައި ހޯއްދަވާ ފައިސާއިން އެ ކަމަށް ޓަކައި ޚާއްސަ ފަންޑެއް އުފައްދަވައި، ރަނގަޅު ފެންވަރުގެ ފޮތްތައް ލިޔާ ލިޔުންތެރީންނަށް އެކަށޭނަ އެއްޗެއް ވެސް ދެއްވާ އުޞޫލުން އެ ފޮތްތައް އެކަޑަމީގެ ފަރާތުން ޝާއިޢު ކުރެއްވުމެވެ.

މިއީ އަޅުގަނޑުމެންގެ ދަރީންގެ ޢިލްމީ އަދި ފިކުރީ ހެދިބޮޑުވުމަށް ޓަކައި އަޅުގަނޑުމެން ކުރާން ޖެހޭ ކަމެކެވެ. ހަމަ އެއާ އެކު، އަޅުގަނޑުމެންގެ ޤައުމިއްޔަތާއި ޝަޚްޞިއްޔަތާއި ޝަނާކަތުގެ މައިގަނޑު އެއް އަސާސު ކަމަށް ވާ ލޮބުވެތި މާދަރީ ބަހަށް ޓަކައި ވެސް އަޅުގަނޑުމެން އަދާ ކުރާން ޖެހޭ ވާޖިބެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް