ޑިންގީއެއްގެ މައްޗަށް ލޯންޗެއް އަރައި، އެކަކަށް ސީރިއަސް އަނިޔާތަކެއް

ކ. މާފުށި

ކ.މާފުށީ ނެރުމަތީގައި މަހަށް ނުކުމެ އުޅުނު ޑިންގީއެއްގެ މައްޗަށް ލޯންޗެއް އަރައި ހިނގި ހާދިސާގައި ޑިންގީގައި އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެެއެވެ.

ކ.މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު "ސަން"އަށް ވިދާޅުވީ އަނިޔާ ލިބުނު މީހާ އެމަޖެންސީކޮށް މާލެއަށް ފޮނުވާލައިފައިވާ ކަމަށެވެ. އަދި އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ހާދިސާ ހިނގީ މިރޭ 09:20ހާއިރު ކަމަށް ވެސް ސޮލާހު ވިދާޅުވިއެވެ.

ހާދިސާގައި އަނިޔާވި މީހާ މާފުއްޓަށް ގެނައި ފަރާތުން "ސަން"އާ ވާހަކަ ދައްކަމުން ބުނީ އޭނާ އެވަގުތު ހުރީ ގެސްޓުން ފުރުވަން ބަނދަރަށް ނުކުމެ ކަމަށެވެ. އަދި އެވަގުތު ވަރަށް ބާރުގަދަ އަޑެއް އިވުނު ކަމަށާއި ވަގުތުން އެކްސިޑެންޓެއް ވީކަން ޔަގީންވި ކަމަށެވެ.

އަޑު އިވުމުން ވަގުތުން ލޯންޗަކަަށް އަރައިގެން އެދިމާއަށް ދާން ނުކުތިން ކަމުގައި ފާހަގަ ކުރަމުން އޭނާ ބުނީ އެވަގުތު އަނިޔާވި މީހާ ލޯންޗަށް އަރުވައިގެން ރަށާ ދިމާއަށް އަންނަ ކަމަށެވެ.

"އޭނާ ޑިންގީގައި މަސް ބާނަން އިންދާ ލޯންޗު އައިސް ފަހަތުން އެރީ. އޭނާ އޮތީ މޫދަށް ވެއްޓިފައި،" ލޯންޗު ދުއްވަން ހުރި ކައްޕިއާ ހަވާލާދީ އޭނާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ލޯންޗަކީ 100 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ގާތްގަނޑަކަށް 18 ފޫޓުގެ ލޯންޗެކެވެ.

މީގެ އިތުރުން އޭނާ ބުނީ ޑިންގީގައި އިން މީހާއަށް ވަރަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެމީހާގެ ދަތްތައް ވެސް އެއްކޮށް "ގޮސްފައިވާ" ކަމުގައި އޭނާ ކިޔައިދިނެވެ. އަދި އޭނާ ކެއްސާލުމުން ވެސް އަންނަނީ ލޭ ކަމަށާއި ނޭވާލީ ވެސް ވަަރަށް އުނދަގުލުން ކަމުގައި ކިޔައިދިނެވެ.

"މީހާ ހަމަ ވަރަށް ބޮޑުވަރުވެފައި އޮތީ. ދަތްތައް ވެސް ގޮސްފައި ހުރީ އެއްކޮށް، ކެއްސާއިރު ވެސް އަންނަނީ ހުސް ލޭ. އަޅުގަނޑުމެން ގެނެސް އަރިއަކަށް ބާއްވާލީމަ ވެސް ލެޔާ ފެނާ އެއްކޮށް ފައިބަނީ. ދެން އޭނަ ހަމަ ބުނޭ ނޭވާއެއް ނުވެލެޔޭ، ނޭވާ ލާން އުނދަގޫ ވެޔޭ" އެ މީހާގެ ހާލު ތަފްސީލު ކޮށްދެމުން ކިޔައިދިނެވެ.

comment ކޮމެންޓް