ގައުމާމެދު ކުލުނެއް އަގަލެއް އޮތްނަމަ މިއަދު އިހުތިޖާޖަށް އިދިކޮޅުން ނުނިކުތީސް: ޒަރީރު

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު --- ފޮޓޯ/ މަޖިލިސް

ގައުމާމެދު އެއްވެސް ކުލުނެއް އޮތްނަމަ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު މަގުތަކަށް ނިކުމެ އިހުތިޖާޖު ނުކުރީސްކަމަށް އެމްޑީޕީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން" ނަމުގައި މާލެއާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާއި ގުޅިގެން ވާހަކަދައްކަވަމުން ޒަރީރު "ސަން"އަށް ވިދާޅުވީ އިދިކޮޅުން މި ފަދަ ހާލަތެއްގައި މަގުތަކަށް ނިކުތުމުން ދޭހަވަނީ ގައުމާމެދު އެއްވެސް ވަރަކަށް ނުވިސްނާކަންކަމަަށެވެ.

"ހަގީގަތުގައި މިއަދު އިދިކޮޅުން ނިކުތުމުން އެކަމުން ދޭހަވަނީ ، ކުރުކޮށް ދަންނަވާނަމަ ގައުމާމެދު އެއްވެސް ކުލުނެއް އަގަލެއް އިދިކޮޅުގެ ނެތްކަން. އެހެންނޫންނަމަ މިފަދަ ކަމެއް މިފަދަ ހާލަތެއްގައި ނުކުރާނެ. ކޮވިޑުގެ މި ހާލަތުގައި މިނޫން ގޮތްގޮތަށް ވެސް ހިޔާލު ފާޅުކުރެވޭނެ ދެއްތޯ،" ޒަރީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭ ސަރަހައްދުގެ އިތުރުން މުޅި ރާއްޖޭގައި ވެސް ކޮވިޑު ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު ގިނަ ބަޔަކު އެއްވެ އިހުތިޖާޖުތައް ބޭއްވުމުގެ ސަބަބުން އަލުން ގޯސްވެގެން ދާނީ ބަލީގެ ހާލަތުކަމަށެެވެ. އަދި އޭގެ ނޭދެވޭ އަސަރުކުރާނީ ވެސް ހަމަ ރައްޔިތުންނަށް ކަމަށެވެ.

"ކޮން ބަޔަކަށްތޯ މިފަދަ ކަންކަމުގެ ސަބަބުން މީގެ ގެއްލުން ފޯރާނީ. ހަމަ ދިވެހި ރައްޔިތުންނަށް ދެއްތޯ،" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ޑިމަކުރަސީގައި އަދިވެސް ޅަފަތުގައި އޮތް ގައުމެއްކަމަށެވެ. އެހެންކަމުން ވެރިކަން ހިންގުމުގައި ކޮންމެވެސް ވަރަކަށް މައްސަލަ ހުރުމަކީ ވެދާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ކިތަންމެ ރަނގަޅަށް ހިދުމަތް ދިން ކަމުގައި ވީނަމަވެސް އިދިކޮޅުގައި އޮންނަ ބަޔަކު އަބަދުވެސް ސަރުކާރަށް ގޮންޖެހުމަކީ ކުރާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެެވެ. އަދި މިއަދު އިދިކޮޅު ކޯލިޝަނުގެ އަމަލުތައް ވެސް ހުރީ އެފަދައިންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހައިރާން ވާކަށް ނުޖެހޭ ދައުލަތުގެ ތިން ބާރު އަދި އެންމެ ފުރިހަމައަށް މިނިވަންވެފައި ނެތްނަމަވެސް. މިނިވަންކުރުމަކީ މުހިންމުކަމެއް. ޑިމަކުރަސީގ ޅަފަތުގައި ރާއްޖެ އޮތް އިރު މިފަދަ ކަންކަން ވެސް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ހާލަތުގައި ވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތްކޮށްދިނުމަށް ކަމަށެެވެ. ނަމަވެސް އެކަމުގައި ދަތިތަކެއް މި ހާލަތުގެ ގޮތުން ހުރިކަމަށް ގަބޫލުކުރައްވާކަމަށެވެ.

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅުން މިއަދު ވަނީ މާލެއާއި ރަށްތަކުގައި އިހުތިޖާޖެއް ކުރިއަށް ގެންގޮސްފައެވެ. މި އިހުތިޖާޖުގައި އެ ކޯލިޝަންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް